Roadha Mihaaru
އަފްގާނުގެ ފައިސާތައް ދޫކޮށްލާ: ކަރްޒާއީ

އަފްގާނުގެ ފައިސާތައް ދޫކޮށްލާ: ކަރްޒާއީ

14 ފެބުރުއަރީ 2022

އެމެރިކާ ސަރުކާރުން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް، އަފްގާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވައިފި އެވެ.

އެމެރިކާ ސަރުކާރުން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް، އަފްގާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކަރްޒާއީ އިއްޔެ ވިދާޅުވީ، އެމެރިކާ އިން ހިފަހައްޓައިގެން އުޅޭ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތަކަކީ، އަފްގާނު ރައްޔިތުންގެ އެއްޗެއް ކަމަށެވެ. އަދި އެ ފައިސާތައް ހިފެހެއްޓުމުގެ އެއްވެސް ހައްގެއް އެމެރިކާ އަށް ނެތް ކަމަށް ވެސް ކަރްޒާއީ ވިދާޅުވި އެވެ.

"އެއްވެސް ނަމެއްގައި އެއްވެސް ބަހަނާއެއްގެ ދައްކައިގެން އަފްގާނިސްތާނުގެ ފައިސާ އާއި މުދާ ހިފެހެއްޓުމަކީ ވަރަށް ބޮޑު ބޭއިންސާފެއް. އެ ފައިސާއަކީ އަފްގާނު ރައްޔިތުންގެ ފައިސާ. އެ ފައިސާތައް އަފްގާނިސްތާނު ރައްޔިތުންނަށް އަނބުރާ ރައްދުކޮށްދިނުމަށް، ރައީސް ޖޯ ބައިޑެން އަށް އަހަރެން ގޮވައިލަން،" ހާމިދު ކަރްޒާއީ ވިދާޅުވި އެވެ.

ވިހި އަހަރަށް ފަހު، އޮގަސްޓް 2021 ގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ފަހު، އެމެރިކާގައި ހުރި އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް، އެމެރިކާ އިން ވަނީ އަފްގާނަށް ނުދީ ހިފަހައްޓައިފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާ އިން ހިފަހައްޓައިގެން އުޅޭ އަފްގާނު މުދަލާއި ފައިސާގެ އަގު 9 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.

އެމެރިކާ ސިފައިންނަށް ފަހު، ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމާ ގުޅިގެން، އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އަފްގާނިސްތާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކުން ބައެއް ހަރަދުތައް ހަމަޖެއްސުމަށް، ރައީސް ބައިޑެން މިދިޔަ ހުކުރު ދުވަހު ވަނީ ރިއާސީ ގަރާރެއް ނެރުއްވައިފަ އެވެ. އެ ގަރާރުގައިވާ ގޮތުން، އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާ އިން 7 ބިލިއަން ޑޮލަރު ދެ ކަމަކަށް ހޭދަކުރާނެ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ، އަފްގާނިސްތާނުގައި މިހާރު ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ފޯރުކޮށްދިނުމަށް 3.5 ބިލިއަން ޑޮލަރު ހޭދަކުރުމެވެ. އަނެއް ކަމަކީ، ސެޕްޓެމްބަރު 11، 2001 ގައި އަލްގާއިދާ ޖަމާއަތުން އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންނަށް ބަދަލު ދިނުމަށް، 3.5 ބިލިއަން ޑޮލަރުގެ ޓްރަސްޓް ފަންޑެއް ގާއިމުކުރުމެވެ.

ހާމިދު ކަރްޒާއީ ވިދާޅުވީ ސެޕްޓެމްބަރު 11ގެ ހަމަލާގައި އަފްގާނިސްތާނުގެ އެންމެ މީހަކު ވެސް ބައިވެރިނުވާ އިރު، އަފްގާނިސްތާނުގެ ފައިސާތަކުން އެކަމަށް ބަދަލު ހޯދުމަކީ، އިންސާފެއް ނޫން ކަމަށެވެ. އެހެންކަމުން، އެ ފައިސާތައް އެމެރިކާގެ އަމިއްލަ ކަމަކަށް ބޭނުންކުރުމަށް ނިންމި ނިންމުމާ މެދު ރައީސް ބައިޑެން ދެ ވަނަ ވިސްނެވުމަކަށް ވަޑައިގަތުމަށް ކަރްޒާއީ އެދިވަޑައިގަތެވެ.