Roadha Mihaaru
އަހަރެމެން ފައިސާތައް ދޫކޮށްލަދީ: އަފްގާނު ރައްޔިތުން

އަހަރެމެން ފައިސާތައް ދޫކޮށްލަދީ: އަފްގާނު ރައްޔިތުން

21 ޑިސެމްބަރ 2021

އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް ދޫކޮށްދިނުމަށް ގޮވާލައި، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގުތަކުގައި މިއަދު އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކޮށްފި އެވެ.

އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް ދޫކޮށްދިނުމަށް ގޮވާލައި، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މަގުތަކުގައި މިއަދު އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކޮށްފި އެވެ.

"އަހަރެމެން ކެޔަ ދީ، "ކަލޭމެން ހިފަހައްޓާފައި ހުރި އަހަރެމެންގެ ފައިސާތައް ދޫކޮށްލަދީ" މިފަދަ ޝިއާރުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެން މުޒާހަރާ ކުރި މީހުން ވަނީ، މިހާރު ބަންދުކޮށްފައި ހުރި އެމެރިކާ އެމްބަސީ ދޮށުގައި ވެސް އަޑު އުފުލައިފަ އެވެ. މުޒާހަރާ ކުރަމުން ދިޔައިރު، ތާލިބާންގެ ހަނގުރާމަވެރިން ދިޔައީ، ސަލާމަތީ ކަންތައް ބަލަހައްޓަމުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުން ކުރިން ދެމުން އައި މާލީ އެހީތައް ވަނީ ހުއްޓާލައިފަ އެވެ. އަދި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި ހުރި އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާތައް އެ ގައުމުތަކުން ވަނީ ހިފަހައްޓައިފަ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގެ މި ދަތިކުރުންތަކުގެ ސަބަބުން، އަފްގާނިސްތާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ބޭންކުތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ގިނަ ކުންފުނިތަކާއި ކާރުހާނާތައް ވެސް މިހާރު ފެންނަނީ ބޮޑު ތަޅު އަޅުވާފައި ހުންނަ ތަނެވެ.

މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ ވެރިރަށް ކަރާޗީގައި ބޭއްވި، އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުން މިހާރު ނިންމާފައިވަނީ، އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިސްލާމީ ގައުމުތަކުން ހާއްސަ ފަންޑެއް ގާއިމުކުރުމަށެވެ. އޭގެ އިތުރުން، އަފްގާނިސްތާނުގެ ފައިސާތައް ދޫކޮށްލެވޭނެ ގޮތެއް ހެދުމަށް، އދ. މަޖިލީހާ އެކުގައި މަޝްވަރާ ކުރުމަށް ވެސް އެ ބައްދަލުވުމުން ނިންމި އެވެ.

އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުން ފާސްކުރި ގަރާރުގައި ބުނެފައިވާ ގޮތުން، މިހާރު ބަނގުރޫޓުވަމުންދާ އިގްތިސާދު ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އަފްގާނިސްތާނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިންސާނީ ބޮޑު ކާރިސާއެއް ފެންމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވި ގޮތުގައި، އަފްގާނުގެ ހައިހޫނުކަމުގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، ރެފިއުޖީންގެ މައްސަލަ ވަރަށް ބޮޑުވެގެން ދާނެ އެވެ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، އަވައްޓެރި ގައުމުތަކުން އުފުލަންޖެހޭ ތަކުލީފު މާބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.