Roadha Mihaaru
އަފްގާނުގައި ބޭރު ފައިސާ ބޭނުންކުރުން މަނާކޮށްފި

އަފްގާނުގައި ބޭރު ފައިސާ ބޭނުންކުރުން މަނާކޮށްފި

03 ނޮވެމްބަރ 2021

އަފްގާނިސްތާނުގައި ބޭރު ފައިސާ އިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން މަނާކޮށްފި އެވެ.

އަފްގާނިސްތާނުގައި ބޭރު ފައިސާ އިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން މަނާކޮށްފި އެވެ.

މިދިޔަ އޮގަސްޓް 15 ގައި ތާލިބާނުން ވެރިކަމަށް އެރުމަށް ފަހު، އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް އަފްގާނިސްތާނުގެ އިގްތިސާދަށް މި ކަމުގެ ސަބަބުން އިތުރު ގެއްލުންތައް ލިބޭނެ ކަމަށް މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ތާލިބާނުން ވެރިކަމަށް އައުމާ ގުޅިގެން، ބޭރުގެ އެހީދޭ ޖަމާއަތްތަކުން ވެސް ވަނީ، އަފްގާނިސްތާނަށް އެހީވުން ހުއްޓާލައިފަ އެވެ.

"މިހާރު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުންނާއި، އަދި ގައުމުގެ މަސްލަހަތު ވެސް އެދެނީ، އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުން ވެސް އެމީހުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް އަފްގާނު ފައިސާ އިން ކުރުމަށް،" ތާލިބާނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އާންމު ވިޔަފާރިތަކުގައި ބޭރު ފައިސާ ބޭނުންކުރުން ތާލިބާނުން މަނާކުރި އިރު، އެ ގައުމުގެ ބާޒާރުތަކުގައި ޑޮލަރުން ވިޔަފާރި ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ވަކިން ހާއްސަ ގޮތެއްގައި، އަފްގާނިސްތާނާއި އެހެން ގައުމުތައް ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ އަވަށްތަކުގައި، ޑޮލަރުން ވިޔަފާރި ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ ތެރެއިން ވެސް ޕާކިސްތާނާ ގުޅޭ އިމުގެ ކައިރީގައި އޮންނަ ޕާކިސްތާނުގެ އަވަށްތަކުގައި ޑޮލަރުން ވިޔަފާރި ކުރުމަކީ އާންމު ކަމެކެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު

"އިސްލާމީ އިމާރާތުން ހުރިހާ ރައްޔިތުންނަށާއި ފިހާރަތަކުގެ ވެރިންނަށާއި، ވިޔަފާރިވެރިންނާއި، ވިޔަފާރިކުރާ މީހުންނަށާއި އަދި އާންމުކޮށް މިއަންގަނީ، ފައިސާގެ ހުރިހާ މުއާމަލާތްތަކެއް އަފްގާނީ (އަފްގާނު ފައިސާ) އިން ކުރުމަށް. އަދި ބޭރުގެ އެއްވެސް ބާވަތެއްގެ ފައިސާއެއް ބޭނުންކުރުން މުޅިން ހުއްޓައިލުމަށް ވެސް އަންގަން،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު، އޮންލައިންކޮށް ނެރުއްވި ބަޔާނުގައިވެ އެވެ.

"މި އެންގުމާ ހިލާފުވާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ."

އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލުމާ ގުޅިގެން، އެހެން ގައުމުތަކުގައި ހުރި އަފްގާނިސްތާނުގެ މުދާތަކާއި ފައިސާތައް އެމެރިކާގެ މަރުކަޒީ ބޭންކާއި، ޔޫރަޕްގެ މަރުކަޒީ ބޭންކުތަކުން ވަނީ ހިފަހައްޓައިފަ އެވެ.

ގައުމުގެ އިގްތިސާދު ހީނަރުވެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުން ވެސް ދަތިވުމާ ގުޅިގެން، ބޭރު ގައުމުތަކުގައި ހުރި ފައިސާތައް ދޫކޮށްދިނުމަށް ތާލިބާނުން އަންނަނީ އެމެރިކާ އަށާއި ވިލާތުގެ ގައުމުތަކަށް ގޮވައިލަމުންނެވެ. ނަމަވެސް އެމެރިކާ އިން ވަނީ އެކަމަށް އިޖާބަ ދިނުމަށް އިންކާރު ކޮށްފަ އެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި، ތާލިބާނުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގޮތުގައި ދެމެހެއްޓުމަކީ ކުރަންޖެހޭނެކަމެއް. އަދި ހަމަ އެއާއެކު އިންސާނީ އެހީތެރިކަމުގެ ސާމާނު އަފްގާނިސްތާނުގެ ރައްޔިތުންނަށް ފޯރުވައިދޭނެ މަގެއް ވެސް އަހަރެމެން ހޯދަންޖެހޭ. އަހަރެމެން ކުރަމުން މިދާ ކަމަކީ އެއީ،" އެމެރިކާގެ މާލީ ވަޒީރުގެ ނައިބު ވޭލީ އަޑެޔެމޯ، ސެނެޓްގެ ބޭންކުތަކާ ބެހޭ ކޮމިޓީގައި މިދިޔަ ހަފުތާގައި ވިދާޅުވި އެވެ.