Roadha Mihaaru
އެތައް އަހަރަކަށް ފަހު އަފްގާނަށް ހަމަޖެހުން

އެތައް އަހަރަކަށް ފަހު އަފްގާނަށް ހަމަޖެހުން

14 އޮކްޓޯބަރ 2021

ހަނގުރާމަ އާއި ލޭ އޮހޮރުވުމުގެ އެތައް އަހަރެއް ތަޖުރިބާކުރަމުން އައި އަފްގާނިސްތާނަށް، ހަމަޖެހުމާއި ހަމަހިމޭންކަން އަންނަން ފަށައިފި އެވެ.

ހަނގުރާމަ އާއި ލޭ އޮހޮރުވުމުގެ އެތައް އަހަރެއް ތަޖުރިބާކުރަމުން އައި އަފްގާނިސްތާނަށް، ހަމަޖެހުމާއި ހަމަހިމޭންކަން އަންނަން ފަށައިފި އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ގޮތުން އަފްގާނިސްތާނުގެ ހުރިހާ ސަރަހައްދަކަށް މިހާރު ވެރިވެފައިވާ ހަމަޖެހުމާއި އަމާންކަމަކީ، މިހާރުގެ ޖީލުގެ މެދުއުމުރުގެ މީހުންނާއި ކުޑަކުދިން ވެސް، މީގެ ކުރިން ދެކެފައިވާ ހާލަތެއް ނޫނެވެ. އަފްގާނިސްތާނުގައި 1978 ވަނަ އަހަރު ގެނައި ބަގާވާތަށް ފަހު، މި އަހަރުގެ އޮގަސްޓް 15އާ ހަމައަށް، ހަނގުރާމައިގެ ދުވަހަކަށް ނޫނީ އަފްގާނިސްތާނަށް އިރު އަރައިފައެއް ނުވެ އެވެ.

މާޗް 21، 1989؛ އަފްގާނިސްތާނުގެ އޭރުގެ ޒުވާން ހަނގުރާމަވެރިންތަކެއް އާ އަހަރު ފާހަގަކުރުމުގެ ހަރަކާތެއްގައި ބައިވެރިވަނީ. އޭރުގެ ޒުވާނުން މުޅި އުމުރު ހޭދަކުރީ ހަނގުރާމަ އާއި ލޭއޮހޮރުވުމުގެ ތެރޭގައި. --އޭއެފްޕީ

މިއަދު އަފްގާނިސްތާނުގެ މައި ސަހަރުތަކުން ވެސް ފެންނަނީ، ހަނގުރާމައިގެ ބިރަށްޓަކައި އެ ސަހަރުތައް ދޫކޮށް މީގެ އަހަރުތަކެއް ކުރިން، ކުދި އަވަށްތަކަށް ހިޖްރަކުރި މީހުންވެސް އެނބުރި ސަހަރުތަކަށް ދިރިއުޅުން ބަދަލުކުރާ މަންޒަރެވެ. ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ވެސް ބޮނދަބޮދައިގެން ފިހާރަތަކަށް ގޮސް އުޅުނު މީހުންވެސް، މިހާރު ޖެހިލުމެއް ނެތި މަގުތަކާއި މައިޒާންތަކާއި މައިދާންތަކުގައި އެއްވެ އުޅޭ މަންޒަރު ފެނެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި މީގެ ކުރިން ހަނގުރާމައިގެ ވަރުގަދަ މައިދާނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހިލްމަންދު ޕްރޮވިންސްގައި ވެސް، މިދިޔަ އޮގަސްޓް 15 އިން ފެށިގެން ވަނީ އަމާންކަމާއި ހަމަޖެހުން ފެތުރިފަ އެވެ. އެއީ ތާލިބާނުން އަފްގާނިސްތާނު ހިފި ދުވަހެވެ.

އޮގަސްޓް 15، 2021 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، ވެރިރަށް ކާބުލްގެ މަގުތަކުގައި ތާލިބާންގެ ހަނގުރާމަވެރިން ސަލާމަތީ ކަންތައް ބަލަހައްޓަނީ

އޮގަސްޓް 15، 2021 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، ވެރިރަށް ކާބުލްގެ މަގުތަކުގައި ތާލިބާންގެ ހަނގުރާމަވެރިން ސަލާމަތީ ކަންތައް ބަލަހައްޓަނީ

ތާލިބާނުން އެ ގައުމު ހިފުމާއެކު، އެ ގައުމުގެ 40 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް އަތުވެއްޖެ އެވެ. އަފްގާނު ސަރުކާރު ސިފައިންނާއި ތާލިބާނުންނާ ދެމެދު ކުރަމުން އައި ދާހިލީ ހަނގުރާމަ ނިމި، ތާލިބާނުން ވަނީ އެ ގައުމުގައި ވެރިކަން ކުރަން ފަށައިފަ އެވެ.

މިއަދު އެ ގައުމުގައި ކިރިޔާ ވެސް ބިރަކަށް އޮތީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ދީފާނެ ޓެރަރިސްޓް ހަމަލާއެއްގެ ބިރެވެ. އޮގަސްޓް 15 ގައި ތާލިބާނުން އެ ގައުމު ހިފައި، އެމެރިކާ ސިފައިން އެ ގައުމުން ފައިބަމުން ދަނިކޮށް، އޮގަސްޓް 26 ވަނަ ދުވަހު އައިއެސް އިން ވަނީ، ކާބުލްގެ ވައިގެ ބަނދަރު ދޮރޯށި ކައިރީގައި ޖާނުން ފިދާވުމުގެ ދެ ހަމަލާދީ 200 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.

އޮކްޓޫބަރ 9، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގެ ޝީއީންގެ މިސްކިތެއް ކައިރީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި ބައެއް ޖަނާޒާގައި އެ އަވަށުގެ ބަޔަކު ބައިވެރިވަނީ. --އޭއެފްޕީ

އޮކްޓޫބަރ 9، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގެ ޝީއީންގެ މިސްކިތެއް ކައިރީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި ބައެއް ޖަނާޒާގައި އެ އަވަށުގެ ބަޔަކު ބައިވެރިވަނީ. --އޭއެފްޕީ

އޭގެ އިތުރުން މިދިޔަ ހަފުތާގައި ވެސް އެ ޖަމާއަތުން ވަނީ މިސްކިތެއްގެ ކައިރީގައި ބޮމުގެ ހަމަލާއެއް ދީ ބަޔަކު މަރާލައިފަ އެވެ. ނަމަވެސް ތާލިބާނުން މިހާރު ބުނާ ގޮތުގައި، އައިއެސް ޖަމާއަތުގެ ބާރު މިހާރު ވަނީ ކަނޑުވައިލެވިފަ އެވެ.

ތާލިބާނުން އެ ރަށަކުން އުފަންވެގެން އައި ކަންދަހާރު ވެސް މިހާރު ފެންނަނީ ވަރަށް ހަމަޖެހޭ ރައްކާތެރި ސަހަރެއްގެ ގޮތުގަ އެވެ. މަގުތަކުގައި ގާއިމުކޮށްފައިވާ ޗެކް ޕޮއިންޓްތަކުން، ތާލިބާންގެ ހަނގުރާމަވެރިންގެ ސުވާލުތަކާ ކުރިމަތިލާން ނުޖެހި އެއް ތަނުން އަނެއް ހިނގާބިނގާވެ ދަތުރުފަތުރުކުރުމުގެ މިނިވަންކަން މިއަދު އޮތީ ލިބިފަ އެވެ.

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގައި ބަޔަކު މަގުމަތީގައި އެއްގަމު އުޅަނދެއް ދުއްވާފައި ދަނީ. --އޭއެފްޕީ

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގައި ބަޔަކު މަގުމަތީގައި އެއްގަމު އުޅަނދެއް ދުއްވާފައި ދަނީ. --އޭއެފްޕީ

މިއީ، މިދިޔަ ސާޅީސް އަހަރުގެ ތެރޭގައި ވެސް، ކަންދަހާރުން ފެނުނު މަންޒަރެއް ނޫން ކަމަށް، އެ ސަހަރުގެ ގިނަ މީހުން ބުނެ އެވެ. ގިނަ މީހުން ބުނާ ގޮތުގައި، މަގުމަތިން ބޮމެއް ގޮއްވާލަފާނެ ކަމުގެ ބިރެއް ނެތި، ކާރުގައި ވެސް މިހާރު ދަތުރުކުރުމަކީ މާ ދަތިކަމެއް ނޫނެވެ.

ރަށު ތެރޭގައި އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ކިރިޔާވެސް ދަތިކަމެއް ކުރިމަތިވަނީ އަންހެނުންނަށެވެ. ވަޒީފާ އަދާކުރުމުގަ އާއި ކިޔަވަން ސްކޫލްތަކަށް ދިއުމުގައި ވެސް، އަންހެނުންނަށް އަދިވެސް ފުރިހަމަ މިނިވަންކަމެއް ނުލިބެ އެވެ. ތިމާގެ ފިރިހެނަކާ އެކުގައި ނޫނީ، މަގުމައްޗަށް ނުކުމެ އުޅުން އާންމު އުސޫލުން އަންހެނުންނަށް މިހާރު މަނަލެވެ.

ސެޕްޓެމްބަރ 26، 2021؛ އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސްގެ މަދަރުސާއެއްގެ އަންހެން ކުދިންތަކެއް ސްކޫލްގެ ގޯތިތެރޭގައި މަޑުކޮށްލައިގެން؛ ގްރޭޑް 7 ން ފެށިގެން މަތީގެ އަންހެން ކުދިން ސްކޫލްތަކަށް ދިއުން މިހާރު ވަނީ މަނާކޮށްފައި. --އޭއެފްޕީ

މިދިޔަ 20 އަހަރުގެ ހަނގުރާމައިގެ ތެރޭގައި އެންމެ ގަދައަށް ހަނގުރާމަ ހިނގި އެއް ސަރަހައްދަކީ ހިލްމަންދު ޕްރޮވިންސްގެ ސަންގީން ކިޔާ އަވަށެވެ. ހަނގުރާމައިގެ ތެރޭގައި އެ އަވަށުން އެކަނިވެސް އާންމުންގެ އެތައް ހާސް ބަޔަކު މަރުވި އެވެ. އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ 200 އަށް ވުރެ ގިނަ ސިފައިންގެ ފުރާނަ އެ އަވަށުގައި ގެއްލިގެން ދިޔަ އެވެ.

ނަމަވެސް މިއަދު އެއަވަށުގައި ފެންނަނީ، ވީރާނާވެފައި ހުރި ގެދޮރު އަލުން އާރާސްތުކުރުމުގެ އެންމެން އަވަދިނެތި އުޅޭ މަންޒަރެވެ. އެ އަވަށުގެ ގިނަ މީހުން ބުނާ ގޮތުގައި، 20 އަހަރަށް ފަހު އެމެރިކާ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު ގައުމު ވީރާނާވެފައި އޮތަސް، ހަނގުރާމަ ނިމުމަކަށް އައުމުގެ ހިތްހަމަޖެހުން މިހާރު ލިބެ އެވެ.

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގައި ބަޔަކު މަގުމަތީގައި ތިބެގެން ރޮއްޓާއި އެކި ބާވަތުގެ ކާބީތަކެތި ވިއްކަނީ. --އޭއެފްޕީ

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ކުންދޫޒް ޕްރޮވިންސްގައި ބަޔަކު މަގުމަތީގައި ތިބެގެން ރޮއްޓާއި އެކި ބާވަތުގެ ކާބީތަކެތި ވިއްކަނީ. --އޭއެފްޕީ

ހިލްމަންދު ޕްރޮވިންސަށް ތާލިބާނުން ކަނޑައެޅި ފުލުހުންގެ ވެރިޔާ، އަބްދުލް ޚާލިގު މުންތަޒިރު ވިދާޅުވާ ގޮތުގައި، ހިލްމަންދުގައި މިހާރު މާ ގިނަ ޗެކް ޕޮއިންޓްތަކެއް ނުހުންނާނެ އެވެ. ހިލްމަންދުގައި ސަލާމަތީ ކަންތައް ބަލަހައްޓާ ހުރިހާ ފުލުހުންނަކީ ވެސް، އެ ސަރަހައްދަށް ނިސްބަތްވާ، ތާލިބާން ޖަމާއަތުގެ މެމްބަރުންނަށް ވާތީ، އެ ސަރަހައްދުގައި އުޅޭ ވިޔާނުދާ މީހުން ވަކިކޮށް ދެނެގަތުން ވަރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ބައިބޯ ސަހަރުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުން، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދެވޭތޯ، ގަދައަޅައި މަސައްކަތް ކުރި ނަމަވެސް، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުން ވަނީ ގޮންޖެހުން ބޮޑު ކަމަކަށް ވެފަ އެވެ. ބޭރުގެ އެހީތެރިކަމާ އެކުގައި ނޫނީ އެކަން ނުކުރެވޭނެ ކަމަށް އެމީހުން ވެސް ގަބޫލުކުރެ އެވެ.