Roadha Mihaaru
"އަރަބި ތައުލީމަށް އިސްކަންދޭކަން ހާމަވެއްޖެ"

މައްސަލަ ހައްލުވެއްޖެ، އަރަބި ތައުލީމަށް އިސްކަން ދޭކަން އެނގިއްޖެ: އަރަބިއްޔާ ޕީޓީއޭ

22 ޑިސެމްބަރ 2021

އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާ ކަމަށާއި އަރަބި ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން މިހާރު ހާމަވެއްޖެ ކަމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާ ކަމަށާއި އަރަބި ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން މިހާރު ހާމަވެއްޖެ ކަމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން މިއަދު ބުނެފި އެވެ.

އަރަބިއްޔާގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ، އަރަބިއްޔާ މިހާރު ހިންގާ އިމާރާތް ހަލާކުވެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރަން ނިންމުމާ އެކު ބެލެނިވެރިން ފާޅުކުރި ހުރިހާ ކަންބޮޑުވުމަކަށް މިހާރު ހައްލު ހޯދައިދީފި ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން، އަރަބިއްޔާގެ ދަރިވަރުން ގޮސް ހުސްވި ކަމަށާއި މިހާރު އެކަން ހައްލުވެއްޖެ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ، އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

އެކަމަކު، ދެ މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ވުމާއި އިއްޒުއްދީން ސްކޫލްގެ ޖާގަ ކުޑަވުމުން އަރަބިއްޔާގެ ބެލެނިވެރިން ދިޔައީ އިއްޒުއްދީނަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ބުނަމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސްކޫލް ދޮށުގައި މުޒާހަރާ ވެސް ކުރި އެވެ.

އަރަބިއްޔާގެ ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ، އެ ސްކޫލް އެންމެ ފުރަތަމަ ހިންގި އިމާރާތުން ނެރުމަށް ފަހު ކުޑަ ސްކޫލަކަށް ދަރިވަރުން ބަދަލުކުރުމެވެ.

އެ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލް ބިން ހަމަޖައްސައިދީ، ވަގުތީގޮތުން އެ ދަރިވަރުން އެމްޓީސީސީ ސޯމިލް އިމާރާތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަަތަމަ ހިންގީ މަޖީދީމަގުގައި ފްލެޓުތައް ހަދާފައި އޮންނަ ބިމުގަ އެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އާ އިމާރާތަށް ބަދަލުވިއިރު ހުރިހާ ފްލޯއެއް ނުނިމޭތީ ފުރަތަމަ އަހަރު ބައެއް ގްރޭޑުތައް ކިޔެވީ އަމީނިއްޔާގެ ކްލާސްރޫމްތަކެއްގަ އެވެ. ޝާދިޔާ ވިދާޅުވީ އަރަބިއްޔާ އެންމެ ފުރަތަމަ ހިންގި ބިމަށްވުރެ ބޮޑު ބިމެއް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދުނު ކަންތައްތައް ފުރިހަމަކޮށްދީފައިވާތީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގެ އުފަލުގައި މިހާރު މި ތިބީ. ރައީސް ވިދާޅުވި ބަސްފުޅާ އެއްގޮތަށް އެ ކަންތައްތައް ކޮށްދެއްވީ. އަރަބި ތައުލީމަށް ހާއްސަ ސަމާލުކަމެއްދޭކަން އެނގިގެން މި ދިޔައީ. ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ މިހާރު،" ޝާދިޔާ ވިދާޅުވި އެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވަނީ އެމްޓީސީސީގެ ސޯމިލް އިމާރާތެވެ. އެ ތަން ހަމަޖެއްސިކަން ރައީސް އޮފީހުން ވަނީ ޕީޓީއޭއަށް ރޭ އަންގައިފަ އެވެ. ޝާދިޔާ ވިދާޅުވީ އަންނަ ޖެނުއަރީ 16 ގައި ކިޔެވުން ފަށަން ވާއިރަށް ސްކޫލު ތައްޔާރުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެންމެ ދުވަހަކު ވެސް ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓްރީގެ ވިސްނުން ހުރީ ވެސް، ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާގެ އާ އިމާރާތް ހެދެން ދެން ވަގުތީ ގޮތުން އެމްޓީސީސީގެ އިމާރާތުގައި ކިޔަވައިދޭށެވެ. ނަމަވެސް މިހާރު ހަދަމުން އަންނަ އެސެސްމަންޓަށް ފަހު އެކަން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ދުވަސްވީ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ލިބުމުގެ އުފަލުގައި އަރަބިއްޔާ ސްކޫލުގައި މިރޭ ބޮޑު ޖާފަތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.