Roadha Mihaaru
ފިހާރައެއް ފަޅާލައި ބޮޑު ވައްކަމެއް މިނެޓަކުން

ހިތަދޫގައި ފިހާރައެއް ފަޅާލައި ބޮޑު ވައްކަމެއް މިނެޓަކުން

22 ޑިސެމްބަރ 2021

އައްޑޫ ހިތަދޫގައި ފޯނު ވިއްކާ ފިހާރައެއް ފަޅާލައި އެ ތަނަށް ވަގުންތަކެއް ވަދެ، ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހިތަދޫގައި ފޯނު ވިއްކާ ފިހާރައެއް ފަޅާލައި އެ ތަނަށް ވަގުންތަކެއް ވަދެ، ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފި އެވެ.

"އީހަބް މޯބައިލްސް" ކިޔާ އެ ފިހާރައިގެ އެތެރޭގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، އެ އިން ފެންނަ ގޮތުގައި ފިހާރަ އަށް އެ މީހުން ވަނީ ބޭރުގެ ބިއްލޫރި ދޮރުގައި ގާބުރިއަކުން ޖަހައި ތަޅާލައިގެންނެވެ. ރޭ މެންދަމު 3:22 ގައި ދަގަނޑު ބުރިއެއް ހިފައިގެން، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ފިހާރައިގެ ތެރެއަށް ވަދެ ވައްކަން ކުރިއިރު، ބޭރުގައި ފޯރި އަށް ވެސް ދެ މީހަކު ތިބި ތަން ފެނެ އެވެ.

ހިތަދޫ ނައީމީ ސްޓޯރު ފިހާރަ އާއި "ބުރިކެޑެ" މަގާ ދެމެދު ހުންނަ "އީހަބް މޯބައިލްސް" ގެ ފުޓޫޖުން ފެންނަ ގޮތުގައި، އެ ފިހާރަ އަށް ވަން ދެ މީހުންގެ ތެރެއިން އެކަކު އުޅުނީ ކައުންޓަރުގައި ހުރި ފައިސާތައް ނެގުމަށެވެ.

އަނެއް މީހާގެ ޓާސްކަކަށް ވެފައި އޮތީ ފުޓޫޖުން ފެންނަ ގޮތުގައި، ބިއްލޫރި ޝޯކޭސްތައް ދަގަނޑުބުރިން ޖަހައި ތަޅާލައިގެން ފޯނުތައް ދަބަހަށް އަޅައިގެން ގެންދިއުމެވެ. ފިހާރަ އަށް ވަން ގޮތަށް ޝޯކޭސްތަކުގެ ބިއްލޫރި ތަޅާލައި، ފޯނުތައް އަވަސްއަވަހަށް ދަބަހަށް އަޅައިގެން ގެންދާ މަންޒަރު ފުޓޭޖުން ފެނެ އެވެ.

އެ ދެ މީހުން އެ ފިހާރަ އިން ވައްކަން ކޮށްގެން އެނބުރި ދިއުމަށް ނެގީ މިނިޓެއްހާއިރެވެ.

"އީހަބް މޯބައިލްސް" ގެ ވެރިޔާ އިބްރާހިމް މުހައްމަދު، "މިހާރު" އަށް ކިޔައިދިން ގޮތުގައި ރޭގެ ވައްކަމުގައި 12 ފޯނު ވަގަށް ނެގި އެވެ. އޭގެ ތެރޭގައި ސެމްސަންގް ފޯނާއި ޒިއޯމީ ބްރޭންޑްގެ ފޯނުތައް ހިމެނެ އެވެ. އަދި 7،900 ރުފިޔާގެ ޕްލޭ ސްޓޭޝަނެއް ވެސް ވަގުތުން ގެންދިޔަ އެވެ.

އޭނާ ބުނީ ވައްކަން ކުރިއިރު ފިހާރައިގައި 3،000ރ. ހުންނާނެ ކަމަށާއި އެކަމަކު އެ ފައިސާތައް ވަގުންނަށް ނުފެންނަ ކަމަށެވެ. ފައިސާ ހޯދުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް އަތު ނުޖެހުނީ ކަމަށް އޭނާ ބުނެ އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްގެން ބަލަމުން އަންނައިރު މިހާތަނަށް ގެއްލުނު މުދަލެއް ނުފެނެ އެވެ.