Roadha Mihaaru
ފޭރިގަނެ ސައިކަލުން ޖައްސައި ފިލުމުން ހައްޔަރުކޮށްފި

އަންހެނެއްގެ ފޯނު ފޭރިގަނެ ސައިކަލުން ޖައްސައި ފިލި މީހަކު ހައްޔަރުކޮށްފި

19 ފެބުރުއަރީ 2017

ސ. ހިތަދޫ ބޭސް ފިހާރައެއްގައި ކޭޝިޔަރެއްގެ ގޮތުގައި އިން އަންހެނެއްގެ ފޯނު ފޭރިގަނެ ސައިކަލުން ޖައްސައި ޒަޚަމްކޮށްލުމަށް ފަހު ފިލި މީހަކު ފުލުހުން މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސ. ހިތަދޫ ބޭސް ފިހާރައެއްގައި ކޭޝިޔަރެއްގެ ގޮތުގައި އިން އަންހެނެއްގެ ފޯނު ފޭރިގަނެ ސައިކަލުން ޖައްސައި ޒަޚަމްކޮށްލުމަށް ފަހު ފިލި މީހަކު ފުލުހުން މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.

ދިމްޔާ ކިޔާ މި އަންހެން މީހާ އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި ފޭރުން އުޅުނު މީހާ ސައިކަލުން ޖެއްސީ، ފޯނު ހިފައިގެން ފިލަން އުޅެނިކޮށް އޭނާ އަތުލައިގަންނަން މަސައްކަތް ކުރުމުންނެވެ. ފޭރެން އުޅުނު މީހާގެ ފަހަތުން އަންހެން މީހާ ދުވެފައި މަގުމައްޗަށް ނުކުމެއް އޭނާގެ ގައިގައި ހިފެހެއްޓުމުން ބިންމައްޗަށް ވައްޓާލައި ފައި މަތިންލާފައި ސައިކަލު ދުއްވާފައި ދިމުން އޭނާގެ ފައިގެ ކުޑަހުޅު ބިނދިފައިވާ ކަމަށް ދިމްޔާ ބުންޏެވެ.

ދިމްޔާ ބުނި ގޮތުގައި އޭނާ ފާމަސީގައި އިންދާ، "ޑްރަގް އެޑިކްޓަކު" ގޮސް އެދުނީ "ސެރޯޓެނާ" ކިޔާ ބޭހެއް ދިނުމަށެވެ. އަދި ކައުންޓަރުން އެތެރެ އަށް ވަނުމަށް ފަހު، ވަޅިއެއް ނަގައި ބިރު ދެއްކުމަށް ފަހު އެންގީ ކައުންޓަރުގައި ހުރި ހުރިހާ ފައިސާއެއް ހަވާލު ކުރުމަށް ކަމަށް ދިމްޔާ ބުންޏެވެ.

ދިމްޔާ ބުނީ ކިތަންމެ ބިރުގެންފައި ހުރި ނަމަވެސް ފައިސާ ހަވާލު ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އޭނާ އުޅުނީ އެހީ އަށް އެދި ރައްޓެއްސަކަށް ފޯނު ކުރަން ކަމަށެވެ. އެކަމަކު އޭގެ ކުރިން އޭނާގެ އަތުން ފޯނު ޖަހައިގަނެގެން އެ މީހާ ނިކުތީ ބޭރަށް ކަމަށާއި ފޯނު ހޯދަން ދިމްޔާ ވެސް އެ މީހާގެ ފަހަތުން ބޭރަށް ނިކުތް ކަމަށެވެ.

"އޭނާ ސައިކަލަށް އަރައި ފިލަން އުޅުމުން އަހަރެން އޭނާގެ ޓީޝާޓުގައި ހިފަހައްޓައި، ފޯނު ދޭށޭ ކިޔައި ހަޅޭއްލެވިން. އެކަމަކު އޭނާ އަހަރެން ކޮއްޕާލުމުން އަހަރެން ބިންމައްޗަށް ވެއްޓުނީ." ދިމްޔާ ބުނެފައި ވެ އެވެ.

އޭނާ ބުނީ ބިންމައްޗަށް ވެއްޓުުމުން އެ މީހާ ސައިކަލުގައި ދިޔައީ އޭނާގެ ފައިމަތިން އަރައިގެން ކަމަށެވެ. އޭގެ ސަބަބުން ދިމްޔާގެ ފައިގެ ކުޑަހުޅު ބިނދި ވަރަށް ބޮޑަށް ދުޅަ ވެފައިވާ ކަމަށް ބުންޏެވެ.

ދިމްޔާ އަށް އެހީތެރިވެދިނީ އެ ވަގުތު އެ ބޭސްފިހާރަ ހުންނަ ކްލިނިކަށް ދިޔަ ދެ މީހެކެވެ. ފުލުހުންނަށް އެކަން އެންގީ ވެސް އެ ދެ މީހުން ކަމަށް އޭނާ ބުންޏެވެ.

ފުލުސް އޮފީހުން ބުނީ އެ ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވަނީސް އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކާކު ކަމެއް ފުލުހުންނެއް ނުބުނެ އެވެ.