Roadha Mihaaru
ޝްރަދާ އަށް ޑަބަލް ރޯލެއް

"ޗަލްބާޒް އިން ލަންޑަން"ގައި ޝްރަދާގެ ޑަބަލް ރޯލެއް

05 އެޕްރީލް 2021

ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރަށް ފިލްމެއްގައި ފުރަތަމަ ފަހަރަށް ޑަބަލް ރޯލެއް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ބަތަލާ ޝްރަދާ ކަޕޫރަށް ފިލްމެއްގައި ފުރަތަމަ ފަހަރަށް ޑަބަލް ރޯލެއް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީ ޑަބަލް ރޯލެއް ކުޅުނު 1989 ގެ ކާމިޔާބު ފިލްމު "ޗަލްބާޒް" ގެ ޑައިރެކްޓަރު ޕަންކުޖް ޕްރަޝާރު ޑައިރެކްޓްކުރާ ފިލްމެކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު/ކޮރިއޮގްރާފަރު އެހުމަދު ޚާން ގުޅިގެން ޕްރޮޑިއުސްކުރާ "ޗަލްބާޒް އިން ލަންޑަން" ގެ މޯޝަން ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

މި ފިލްމުގެ ވާހަކަ ޝްރަދާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ފިލްމު ނަމުން ދޭހަވާ ގޮތުން "ޗަލްބާޒް އިން ލަންޑަން" އަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ޝޫޓްކުރާނެ ފިލްމެކެވެ.

މި ފިލްމާއި ސްރީދޭވީ ކުޅުނު "ޗަލްބާޒް" އޮތް ގުޅުމަކީ މި ވަގުތަށް ބަލާ އިރު ދެ ފިލްމުގެ ނަމުގައި އެއްގޮތް ކަމެއް ހުރުމާއި ދެ ފިލްމުގައި ވެސް ބަތަލާއިންގެ ޑަބަލް ރޯލްތަކެއް ހިމެނުމެވެ. "ޗަލްބާޒް އިން ލަނޑަން" ގެ މޯޝަން ޕޯސްޓަރުގައި ކުރީގެ ފިލްމުގެ އެންމެ ހިޓް ލަވަ ކަމަށްވާ "ނާޖާ ނޭ ކަހާ ސެ އާއީ ހޭ" ގެ މިއުޒިކް ހިމަނާފައިވާތީ އެ ލަވައިގެ ޒަމާނީ ވާޝަނެއް އާ ފިލްމުގައި ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ސްރީދޭވީއާ އެކު "ޗަލްބާޒް" ގެ ބަތަލުންގެ ރޯލު ކުޅުނީ ރަޖްނީކާންތާއި ސަނީ ޑިއޯލެވެ. އެ ފިލްމުގެ މައިގަނޑު ޕްލޮޓަކީ އާއިލާއެއްގެ ތެރޭގައި އުޅޭ ދަހިވެތި ނުލަފާ ބަޔަކު އަޑީގައި ތިބެގެން ޅަ އިރު ވަކިކޮށްލާ އެއްމާބަނޑު ދެބޭންގެ ވާހަކަ އެވެ. އޭގެ ތެރެއިން އެކަކީ ވަރަށް ނިޔަނެތި ވަރަށް ބަލިކަށި ކުއްޖެކެވެ. އަނެއް ކުއްޖާ އަކީ ވަރަށް ގަޓްގައި އުޅޭ ޓޮމްބޯއި ސްޓައިލެއް އުޅޭ ކުއްޖެކެވެ.

"ޗަލްބާޒް" ގެ ކާސްޓްގައި އަނޫމަޕް ކޭރާއި އައްނޫ ކަޕޫރާއި ރޯހިނީ ހަޓަންގަޅީ އާއި ސައީދު ޖެފްރީ އާއި އަރޫނާ އިރާނީ އާއި ޖޯނީ ލީވާ އަދި ޝްރަދާގެ ބައްޕަ ޝަކްތީ ކަޕޫރް ހިމެނެ އެވެ.

"ޗަލްބާޒް އިން ލަންޑަން" އަށް ޝްރަދާ ސޮއިކުރި އިރު މި ވަގުތު އޭނާ މަސައްކަތްކުރަމުން އަންނަ ރަންބީރް ކަޕޫރާ އެކު ކުޅޭ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމުމާ ހަމައަށް އައިސްފަ އެވެ.

މިދިޔަ އަހަރު "ސްޓްރީޓް ޑާންސާ" އިން ފެނިގެން ދިޔަ ޝްރަދާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ވިޝާލް ފޫރިއާ ޑައިރެކްޓްކުރާ ސުޕަނެޗްރަލް ޓްރިލޮޖީ "ނާގިން" ހިމެނެ އެވެ.