Roadha Mihaaru
މަޑަވެލީގެ އިހްތިސާސްގައި ހާދޫ ހިމަނަން އެދިއްޖެ

މަޑަވެލީގެ އިހްތިސާސްގައި ހާދޫ ހިމަނަން އެދިއްޖެ

26 ޑިސެމްބަރ 2021

ގދ. މަޑަވެއްޔާ އެއް ފަޅެއްގައި އޮންނަ ހާދޫ، މަޑަވެލީގެ އިހުތިސާސްގެ ތެރޭގައި ހިމަނަން އެ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގދ. މަޑަވެއްޔާ އެއް ފަޅެއްގައި އޮންނަ ހާދޫ، މަޑަވެލީގެ އިހުތިސާސްގެ ތެރޭގައި ހިމަނަން އެ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިރުޝާން، ރައީސަށް ފޮނުއްވި ސިޓީގައި ވަނީ މަޑަވެއްޔަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއް ކަމަށާއި ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތްތަކާއި ކައުންސިލަށް އާމްދަނީ ހޯދުމަަށް ކުރެވޭނެ މަސައްކަތް ވެސް މަދު ކަމަށެވެ.

"ރަށުގެ އިހުތިސާސްގައި އޮތީ ހަމައެކަނި ކުޑަކުޑަ ރަށެކެވެ. ބިން ހިއްކުމުގެ މަޝްރޫއުއާ އެކު އެރަށް ވެސް ވެެގެންދާނީ މަޑަވެލީގެ ބަޔަކަށެވެ. އެހެންވެ، ކައުންސިލަށް އާމްދަނީ ހޯދުމަށް ދަތިތައް އެބަ ހުއްޓެވެ،" ފިރުޝާންގެ ސިޓީގައިވެ އެވެ.

ހާދޫ އާއި މަޑަވެލި، ހޯޑެއްދޫ ކޯޒްވޭއިން ގުޅާފައި އޮތްއިރު ހާދޫ އަކީ މެދަށް އޮންނަ ރަށް ކަމަށާއި މި ރަށަކީ ހޯޑެއްދޫ އާއި މަޑަވެލީގެ އިހްތިސާސަށް ވެސް އަރައި ރަށެއް ކަމަށް ފިރުޝާން ވިދާޅުވި އެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ހާދޫ އޮތުމާއި ހޯޑެއްދޫގެ އިހްތިސާސްގައި އިތުރު ރަށްތައް ވެސް ހުރުމާ އެކު ފިރުޝާން އެދިވަޑައިގަތީ ހާދޫ މަޑަވެލީގެ އިހްތިސާސްގައި ހިމެނުމަށެވެ. އެއީ އެ ރަށުގެ މަންފާ މަޑަވެއްޔަށް ލިބޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ ހާދޫގައި ލޯކަލް ޓޫރިޒަމް، ދަނޑުވެރިކަން، މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން ހުއިފިލަނޑާ ދިރުވާ އާލާކުުރުން ފަދަ އިގްތިސާދީ އަދި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވި އެކަމުގެ މަންފާ ދެ ރަށަށް ލިބޭނެ ކަމަށެވެ.

މަޑަވެލި-ހާދޫ އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލަން މިދިޔަ އޮކްޓޫބަރުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މަޑަވެއްޔާއި ހޯޑެއްދޫ އެއް ފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ކުރިން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. މަޑަވެއްޔަކީ ބިން ދަތި ރަށަކަށްވެފައި އެއް ގެއެއްގައި ގިނަ އާއިލާތަކެއް ވެސް ދިރިއުޅެމުން އަންނަ ތަނަކަށްވާތީ ދެ ރަށް އެއްފަސްކުރަން މަޑަވެލި ކައުންސިލުން ގަރާރު ފާސްކުރި ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ ވޯޓެއް ނަގައިގެން ކަމަށް ހޯޑެއްދޫ ކައުންސިލުން ގަބޫލުކުރެ އެވެ.