Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ހަދަނީ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ހަދަނީ

02 ސެޕްޓެމްބަރ 2021

ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ކޯޒްވޭ އަލުން އެއްކޮށް ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ކޯޒްވޭ އަލުން އެއްކޮށް ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީގެ ޕްލޭނަކީ މުޅި ކޯޒްވޭ އަލުން ރީ-ޑިޒައިންކޮށްގެން ހެދުން ކަމަށާއި އެ ކޯޒްވޭ އަލުން ހަދާނީ މިހާރު ދިމާވާ، ރަށަށް ރާޅު އެޅުމުގެ މައްސަލަ ވެސް ހައްލުވާނެ ގޮތަށް ކަމަށެވެ.

"މި މަސައްކަތް ކުރަން މިހާރު ކޮންސަލްޓަންޓަކު ލައްވާ ކޮންސެޕްޓް ޑިޒައިން ވަނީ ހަދާފައި. މިހާރު މި މަސައްކަތް އޮތީ ފިނޭންސް މިނިސްޓްރީގައި އެވޯޑް ސްޓޭޖުގައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކޯޒްވޭ އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއާ މެދު، ދެ ރަށުގެ ކައުންސިލްގެ ހިޔާލު ތަފާތުވެފައި ވަނިކޮށް، އެ މަގުން ދަތުރު ނުކުރެވޭ ވަރަށް އެ ކޯޒްވޭ ވަނީ މިދިޔަ ހޯމަ ދުވަހު ކަނޑާލައިފި އެވެ. އެއް ފަޅެއްގައި އޮންނަ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ މީގެ ދެ އަހަރު ކުރިން ވެސް ވަރަށް ބޮޑަށް ކަނޑާލި އެވެ. އެކަމަކު މި ފަހަރު މިކަން ކުރީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

މި ކޯޒްވޭގެ ސަބަބުން ހޯޑެއްދު އަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ބުނެ، އެތަން ނަގަން ނިންމައި އެ މަސައްކަތް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ހޯޑެއްދޫ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު މަޑެވެލީ ކައުންސިލުން ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ. މި ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް ލިބުނު ތިމާވެށީގެ ގެއްލުންތަކާ އެކު މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު 31 މިލިޔަން ރުފިޔާ އަށް ވުރެ މައްޗެވެ.