Roadha Mihaaru
ރައްޔިތުން ނުކުމެ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި

ރައްޔިތުން ނުކުމެ، މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި

28 ސެޕްޓެމްބަރ 2018

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅައިލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ އިއްޔެ ކަނޑާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ގުޅައިލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ އިއްޔެ ކަނޑާލައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން، މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ނިންމި ކޯޒްވޭ ކަނޑައިލަން ނިންމީ، ހޯޑެއްދޫ ކައުންސިލުން ބުނިގޮތުގައި، "ކޯޒްވޭ މަތިން، ރަށުގެ ތެރެއަށް ލޮނުގަނޑު އަރައި، ރަށް އަޑިއަށް ދާތީ" އެވެ.

"އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތުން. އެހެންވެ، ރަށު ތެރެއަށް ފެން އަރައި، ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބެމުންދާތީ، ކޯޒްވޭ ކަނޑާލަން މަޖުބޫރުވީ،" ކައުންސިލްގެ ރައީސް މުހައްދު އަޔާޒް ވިދާޅުވި އެވެ.

މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލައި ސަރުކާރުން ހަދާފައިވާ ކޯޒްވޭ. މިތަން މިހާރު ވަނީ ހޯޑެއްދޫއާ ވީ ފަޅިން ކަނޑާލާފައި-- ފޮޓޯ: ހައުސިން މިނިސްޓްރީ

މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލައި ސަރުކާރުން ހަދާފައިވާ ކޯޒްވޭ. މިތަން މިހާރު ވަނީ ހޯޑެއްދޫއާ ވީ ފަޅިން ކަނޑާލާފައި-- ފޮޓޯ: ހައުސިން މިނިސްޓްރީ

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން، 2016 ވަނަ އަހަރު ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ.

އެކަމަކު، ވިއްސާރަ މޫސުމުގައި އޮއިބާރު އަދި ވަރަށް ބޮޑަށް ފެން ދެމޭ އެ ސަރަހައްދު ބައްދާލައި، ވެލީގެ ފާލަމެއް އެޅުމުން، މޫސުން ގޯސްވާ ފަހަރުތަކުގައި، ފެން ދައުރުވާނެ ގޮތެއް ނެތި، ހޯޑެއްދޫގެ ހުރިހާ ފަރާތަކަށް ވެސް ރާޅު އަރަ އެވެ. އަދި ބައެއް ފަހަރު ކޯޒްވޭ މަތިން ވެސް ލޮނުގަނޑު އަރަ އެވެ. ފެން ދައުރު ކުރުމަށް، ތިން ސަރަހައްދެއް ކަނޑާފައި ހުރި ނަމަވެސް، އެތަން ކުޑަވުމުގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި އެތަނަކުން ފެނެއް ދައުރެއް ނުކުރެ އެވެ.

އަޔާޒް ވިދާޅުވީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮންނަ އެ ރަށުގައި މީހުން ދަނޑު ހައްދާ ސަރަހައްދަށް ފެން އަރަން ފެށުމުން، މަޖުބޫރުވީ ކޯޒްވޭ ކަނޑާލަން ކަމަށެވެ. އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކަނޑާލާފައިވަނީ، ހޯޑެއްދޫއާ ކޯޒްވޭ ގުޅޭ ބައެވެ. އަދި އޭގެ ސަބަބުން، އެ ދޭތެރެއިން ފެން ދައުރުވެ، ރަށަށް ކުރާ ބާރު ކޮންމެވެސް ވަރަކަށް ކުޑަވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޯޒްވޭ މަތިން ރަށުގެ ތެރެއަށް ފެން އަރަން ފެށުމުން އަޅުގަނޑުމެން ހައުސިން މިނިސްޓްރީ އަށާއި އެމްޓީސީސީއަށް ވެސް ވަރަށް ގިނައިން ގުޅިން. އެކަމަކު އެތަންތަނުން ފޯނު ނުނަގާތީ މަޖުބޫރުވީ ކޯޒްވޭ ކަނޑާލަން. އެކަމާ ވަރަށް ހިތްހަމަ ނުޖެހިގެން މިހާރު އެބަ ގުޅާ،" އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އެކަމަކު ރައްޔިތުން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ފުރަތަމަ ޒިންމާ. ދެން އެ ބޭފުޅުން އަމަލު ކުރައްވާނެ ގޮތަކަށް ކުރައްވާ."

އޭނާ ވިދާޅުވީ ކޯޒްވޭ ގުޅައިލި ފަހުން ތިން ފަހަރެއްގެ މަތިން މި މައްސަލަ ދިމާވި ކަމަށާއި އެކަން، ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީގެ ސަމާލުކަމަށް ގެނެސް، ކޯޒްވޭގެ އޮއިދެމޭ ބައި ބޮޑުކުރުމަށް އެދިފައިވާ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި، އެ ތަންތަނުން ނިންމީ، ކޯޒްވޭގެ މައްޗަށް އިތުރަށް ފަސް އަޅައި އެތަން އުސްކުރުމަށް ކަމަށް އަޔާޒް ވިދާޅުވި އެވެ.

"އެންމެ ފަހުން އެގޮތަށް ލޮނުގަނޑު އެރީމާ ވެސް އަޅުގަނޑުމެން، ރައްޔިތުން ނުކުމެ ކޯރު ކަނޑައި، ވެލި ބަސްތާ ޖަހައިގެން ރަށް ހިމާޔަތް ކުރީ. އެކަންކަން ރަނގަޅު ކުރާނެ ކަމަށް ބުނެ ފަހުން އަޅައެއް ނުލާ،" އޭނާ ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން ސަރުކާރުން ފެށި މި މަޝްރޫއު ނުނިމި، ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވެ އެވެ. އަދި ވަކި ހިސާބަކުން މަޝްރޫއު ހުއްޓިފައިވީ ނަމަވެސް، އަލުން އެ މަސައްކަތް ފެށީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، މީގެ ދެ މަސް ކުރިން ކަމަށް ކައުންސިލުން ބުނެ އެވެ.