Roadha Mihaaru
ބަޔަކު ނުކުމެ މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި

ދަތުރުނުކުރެވޭ ވަރަށް މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލައިފި

30 އޯގަސްޓް 2021

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއާ މެދު، ދެ ރަށުގެ ކައުންސިލްގެ ހިޔާލު ތަފާތުވެފައި ވަނިކޮށް، އެ މަގުން ދަތުރު ނުކުރެވޭ ވަރަށް އެ ކޯޒްވޭ ކަނޑާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއާ މެދު، ދެ ރަށުގެ ކައުންސިލްގެ ހިޔާލު ތަފާތުވެފައި ވަނިކޮށް، އެ މަގުން ދަތުރު ނުކުރެވޭ ވަރަށް އެ ކޯޒްވޭ ކަނޑާލައިފި އެވެ.

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ މީގެ ދެ އަހަރު ކުރިން ވެސް ވަރަށް ބޮޑަށް ކަނޑާލައިފައިވެ އެވެ. އެކަމަކު މި ފަހަރު މިކަން ކުރީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "މިހާރު" އަށް ވިދާޅުވީ އެ ކޯޒްވޭގެ ހޯޑެއްދޫ އާއި ހާދޫއާ ދެމެދުގައި އޮންނަ ބައިން ބޮޑު ތަނެއް ކަނޑާލާފައިވާކަން އެނގުނީ މިއަދު ހެނދުނު ކަމަށެވެ. އެކަން ކޮށްފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އުދަލި ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށް ބެލެވެނީ ކަނޑާފައި ހުރީ. މިހާރު އެ ހުރި ގޮތުން އެތަނުން ދަތުރު ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ މިހާރު އޮންނަ ގޮތް: މި ކޯޒްވޭ ސަބަބުން ހޯޑެއްދު އަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން.-- ފޮޓޯ: ހޯޑެއްދޫ ކައުންސިލް

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ މިހާރު އޮންނަ ގޮތް: މި ކޯޒްވޭ ސަބަބުން ހޯޑެއްދު އަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން.-- ފޮޓޯ: ހޯޑެއްދޫ ކައުންސިލް

އެކަން ކުރި ބަޔަކު ނޭނގޭ ކަމަށް ވިދާޅުވެ ފިޔާޒް އިޝާރަތްކުރެއްވީ، ހޯޑެއްދޫ ކައުންސިލުން އެ ކޯޒްވޭ ކަނޑާލަން މިދިޔަ ހަފުތާގައި ނިންމާފައިވާ ކަމެވެ.

މިކަމާ ގުޅޭ ގޮތުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް "މިހާރު" އަށް ވިދާޅުވީ ބަޔަކު ލައްވާ މިކަން ކުރުވީ ހޯޑެއްދޫ ކައުންސިލް އަޑީގައި އޮވެ ކަމަށް ދޭހަވާ ގޮތަށް މަޑެވެލީ ކައުންސިލްގެ ރައީސް ދައްކަވަމުންދާ ވާހަކަ ކުށްވެރިކުރާ ކަމަށާއި މިކަން ކުރީ ކޮން ބައެއް ކަން އެ ކައުންސިލަށް ވެސް ނޭނގޭ ކަމަށެވެ.

މި ކޯޒްވޭގެ ސަބަބުން ގދ. ހޯޑެއްދު އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ބުނެ، އެތަން ނަގަން ނިންމައި އެ މަސައްކަތް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި ހޯޑެއްދޫ ކައުންސިލުން ވަނީ އެދިފަ އެވެ. އެކަމަކު މަޑެވެލީ ކައުންސިލުން ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ.

ކޯޒްވޭގެ މައްސަލައިގައި ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވެފައި ވަނީ ދިޔަވަރު ބޮޑުވާ ކޮންމެ ދުވަހަކު، މި ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި މި މައްސަލަ ހައްލުވާން އޮތީ ކޯޒްވޭ ކަނޑާލައިގެން ނަގައިގެން ކަމަށެވެ.

މި މައްސަލައިގައި މަޑަވެލީ ކައުންސިލުން ބުނެފައި ވަނީ މި ކޯޒްވޭއަކީ ދެ ރަށުގެ މަސްލަހަތު ވެސް ހިމެނޭ ތަނަކަށްވުމުގެ އިތުރުން އެ ދެ ރަށުގެ ދިރިއުޅުމާއި ވަޒިފާ ނިސްބަތްވާ މީހުން ބޭނުންކުރާ ތަނަކަށް ވުމާއި އަދި ކޯޒްވޭގެ ސަބަބުން ދެ ރަށުގެ އިގްތިސާދަށް ވެސް ހެޔޮ ބަދަލެއް އަންނައިރު މިތަން ނަގަން އެއްބަސްވެވެން ނެތް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ. މި ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް ލިބުނު ތިމާވެށީގެ ގެއްލުންތަކާ އެކު މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު 31 މިލިޔަން ރުފިޔާ އަށް ވުރެ މައްޗެވެ.