Roadha Mihaaru
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް

ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް

29 ޖުލައި 2023

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 148 ބޭފުޅަކަށް މިއަދު ގައުމީ އިނާމު އަރުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 148 ބޭފުޅަކަށް މިއަދު ގައުމީ އިނާމު އަރުވައިފި އެވެ.

މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ މި އިނާމު މިފަހަރު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ތިން ބޭފުޅަކު ހިމެނެ އެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އެ ބޭފުޅުންގެ ނަންތައް ފާހަގަކުރައްވައިފަ އެވެ.

އެއް ބޭފުޅަކީ ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ހ. މާހާ، އައިމިނަތު ވަހީދާ އެވެ. އޭނާ ވަނީ ދައުލަތަށް 52 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.

ދައުލަތަށް 52 އަހަރު ހިދުމަތް ކުރައްވާފައިވާ އައިމިނަތު ވަހީދާއަށް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް 52 އަހަރު ހިދުމަތް ކުރައްވާފައިވާ އައިމިނަތު ވަހީދާއަށް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އައިމިނަތު ވަހީދާ ހިދުމަތް ފެއްޓެވީ ސިއްހީ ދާއިރާއިންނެވެ. ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1969 ގައި ސަރުކާރުގެ ހޮސްޕިޓަލުގެ ނާސް އެއިޑެއެއްގެގޮތުގަ އެވެ. މިހާރު އެއީ އައިޖީއެމްއެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރެވެ.

މިފަހަރު އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން ދައުލަތަށް ދެވަނަ އަށް އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި ކުރެއްވި ބޭފުޅަކީ ރ. އަނގޮޅިތީމު/ ފެހިވިލާގެ އަހުމަދު ރަޝީދެވެ. އޭނާ ވަނީ 51 އަހަރު ހިދުމަތްކުރައްވާފަ އެވެ. ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1954ގަ އެވެ.

ދައުލަތަށް 51 އަހަރު ހިދުމަތް ކުރެއްވި އަހުމަދު ރަޝީދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިނާމު ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް 51 އަހަރު ހިދުމަތް ކުރެއްވި އަހުމަދު ރަޝީދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިނާމު ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް

އޭނާ ވަނީ އަނގޮޅިތީމުގެ މުދިންކަން 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. އަދި އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ވެސް ފުރުއްވާފައިވާ ރަޝީދު ވަނީ އަނގޮޅިތީމު ކޯޓާއި ޝަރުއީ ދާއިރާގައި 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.

ދެން އެ އިނާމު ލިބިވަޑައިގަތީ ދައުލަތަށާއި ސިފައިންގެއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ގ. ފަސާނާ، ލެފްޓިނެންޓް ރިޓަޔާޑް އަހުމަދު މަނިކަށެވެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1959ގަ އެވެ. އަދި ޝަރަފުވެރިކަމާ އެކު ސިފައިންގެއިން ރިޓަޔާ ކުރެއްވީ އޮގަސްޓް 1، 2009ގަ އެވެ.

މިއަދު ދިން 148 އިނާމާ އެކު މިހާތަނަށް 457 ބޭފުޅަކަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދީފަ އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދީ، އަގު ވަޒަން ކުރަން ނިންމީ މި ސަރުކާރުން، 2021 ވަނަ އަހަރު އެވެ.