Roadha Mihaaru
ޓީވީ އެކްޓަރު ޝިވިންއަށް ބޮލީވުޑްގެ އިތުރު ފިލްމެއް

ޓީވީ އެކްޓަރު ޝިވިން އަށް ބޮލީވުޑްގެ އިތުރު ފިލްމެއް

28 ޑިސެމްބަރ 2021

ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިން ނަރަންގް އަނެއްކާވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބޭހަދު 2" ގެ ބަތަލު ޝިވިން ނަރަންގް އަނެއްކާވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "ދީތު ޕަޓަންގޭ" ގެ ރޯލެއް ކުޅުނު 31 އަހަރުގެ އެކްޓަރު މި ފަހަރު ސޮއިކޮށްފައި ވަނީ "ރޭސް" ފްރެންޗައިޒާއި ދާދި ފަހުން ރިލީޒްކުރި "ބޫތު ޕޮލިސް" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "ހަރި އަޕް" އެވެ.

މި ފިލްމަކީ ސްކްރީން ރައިޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ފަރުހާދު ސަމްޖީ އެވެ. އޭނާ އާއި ރައިޓިން ޕާޓްނަރު ސާޖިދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2016 ގެ އަކްޝޭ ކުމާރުގެ "ހައުސްފުލް 3" އާއި 2014 ގެ "އެންޓަޓައިންމަންޓް" ހިމެނެ އެވެ.

ޝިވިންއާ އެކު ފަރުހާދު ޑައިރެކްޓްކުރަން އިއުލާންކުރި "ހަރި އަޕް" ގެ މޯޝަން ޕޯސްޓަރެއް ވެސް މިހާރު ދައްކާލާފައިވާ އިރު، އޭގެ އިތުރު ކާސްޓުން ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

ފިލްމުގެ ޝޫޓިން ވެސް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޝިވިން އަކީ އަމީތާބް ބައްޗަނާއި ރަޝްމިކާ މަންދަނާއާ އެކު ޑައިރެކްޓަރު ވިކާސް ބާލް ގެނެސްދޭން ހަމަޖެހިފައިވާ "ގުޑްބާއި" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ. އެ ފިލްމުގެ ޝޫޓިން ވެސް ނިންމާލާފައިވާ އިރު، ވިކާސް މިދިޔަ ހަފުތާގައި ވަނީ ޓައިގާ ޝްރޮފާއި ކްރިތީ ސެނަންއާ އެކު ދެ ބަޔަކަށް ހަދާ "ގަނަޕަތު" ގެ ފުރަތަމަ ބައިގެ ޝޫޓިން ވެސް ނިންމައިފަ އެވެ.

"ގުޑްބާއި" ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުން ޝިވިން އަށް ފުރުސަތުތައް ލިބެމުން އަންނަ އިރު، އޭނާ ކުރިން ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ފިލްމު/މިއުޒިކް ކުންފުނި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރާ އެކު ކުޅެފައިވާ "ޔާދު ޕިޔާ ކި އާނެ ލަގީ" ހިމެނެ އެވެ.