Roadha Mihaaru
ހީނާ އާއި ލޯބިވެރިޔާ ނަމަކަށް ކައިވެންޏެއް ނުކުރާނެ

ހީނާ އާއި ލޯބިވެރިޔާ ނަމަކަށް ކައިވެންޏެއް ނުކުރާނެ

08 އޯގަސްޓް 2021

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ބަތަލާ ހީނާ ޚާނާއި ލޯބިބެރިޔާ ރޮކީ ޖައިސްވާލް ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށާއި މިހާރު ހުރިހާ ފޯކަސްއެއް އޮތީ ދެ މީހުންގެ ކެރިއަރަށް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ބަތަލާ ހީނާ ޚާނާއި ލޯބިބެރިޔާ ރޮކީ ޖައިސްވާލް ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށާއި މިހާރު ހުރިހާ ފޯކަސްއެއް އޮތީ ދެ މީހުންގެ ކެރިއަރަށް ކަމަށް ބުނެފި އެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދާލި ހީނާގެ ލޯބިވެރިޔާ ރޮކީ އަކީ ޕްރޮޑިއުސަރެކެވެ. އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ދޮގުކޮށް، ރޮކީ ބުނީ މި ވަގުތު ކައިވެނީގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އެކަމަކު އޭނާ އާއި ހީނާ ކޮންމެވެސް ދުވަހަކުން ކައިވެނިކުރާނެ ކަމަށް ބުންޏެވެ.

"މިހާރު އަހަރެމެން ދެ މީހުންގެ މުޅި ފޯކަސް އޮތީ ކެރިއަރަށް. އެހެންވީމަ ކައިވެނީގެ ޕްލޭނެއް މި ވަގުތަކު ނެތް. އެކަމަކު ހަމަގައިމު ވެސް އަހަރެމެން ދެ މީހުން ކައިވެނިކުރާނަން،" ރޮކީ ބުންޏެވެ.

ހީނާ ކުޅުނު އަދި މިދިޔަ މަހު ކަލާޒްގެ ވޫޓް ސިލެކްޓްގެ ފިލްމު ފެސްޓިވަލްގައި ޕްރީމިއާކުރި ފިލްމު "ލައިން" ގެ ޕްރޮޑިއުސަރު ބުނި ގޮތުގައި ކައިވެނިކޮށްގެންނޭ ބުނަން ހަމައެކަނި ކައިވެނިކުރުމުގެ މާނައެއް ނެތެވެ. އަދި ފަހަކަށް އައިސް ބޮލީވުޑުން ވެސް ރޫޅޭ ކައިވެނިތައް އިތުރުވާތީ ކައިވެންޏަކީ ކޮންމެހެން އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރޮކީ ބުންޏެވެ.

"ކައިވެނީގެ ސެޓްފިކެޓެއް ހޯދަން ކޮންމެހެން ކައިވެނިކުރުމުގެ މާނައެއް ނެތް. ކައިވެނި ނުކުރިޔަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހަކަށް އެ މީހުންގެ ގުޅުން ކިހާ މުހިއްމުކަމާއި އިތުބާރާއި ލޯތްބާއި އަޅާލުމާއި އަންޑަސްޑޭންޓިންގެ މަތީގައި ސާބިތުވެ ދެމިތިބެވޭނެ،" ރޮކީ ބުންޏެވެ. "ދެ މީހަކު ގުޅިގެން އުޅެންޏާ އަބަދު ވެސް ކުދިކުދި ކުނި ޖެހޭނެ. ހީނާ އާއި އަހަރެންގެ ގުޅުމުގައި ވެސް އެކަހަލަ ކަންކަން ހިނގާ. އެކަމަކު އަހަރެމެން ދެ މީހުންނަކީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިތުބާރުކުރާ ވަރަށް އަންޑަސްޓޭންޑިން ދެ މީހުން. އެހެންވެ ކައިވެންޏަކާ ހަމައަށް ދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އެކަމަކު އެއީ މިހާރަކު ނޫން."

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 11" ގައި ވެސް ވާދަކުރި ހީނާ، 33، ގެ އަލަތު ބޮލީވުޑް ފިލްމަކީ މިދިޔަ އަހަރު ވިކްރަމް ބަޓް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ. އޭނާ މިހާތަނަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ވެބް ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. ހީނާ އާއި ރޮކީ ރައްޓެހިވީ 2014 ގަ އެވެ.