Roadha Mihaaru
ޓީވީ ބަތަލާ ރުބީނާ ވެސް ބޮލީވުޑަށް

ޓީވީ ބަތަލާ ރުބީނާ ވެސް ބޮލީވުޑަށް

20 ޖުލައި 2021

މިދިޔަ އަހަރު ރިއަލިޓީ ޝޯ "ބިގް ބޮސް 13" ވާދަކޮށްގެން މަޝްހޫރުކަން އިތުރުވި ޓީވީ ބަތަލާ ރުބީނާ ދިލައިކް ވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިއަލިޓީ ޝޯ "ބިގް ބޮސް 13" ވާދަކޮށްގެން މަޝްހޫރުކަން އިތުރުވި ޓީވީ ބަތަލާ ރުބީނާ ދިލައިކް ވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ކަލާޒް އިން ގެނެސްދޭ ސިލްސިލާ "ޝަކްތީ" ގައި މަސައްކަތް ކުރަމުން އަންނަ ބަތަލާގެ އަލަތު ފިލްމުގެ ނަމަކީ "އަރުދު" އެވެ. މިއީ މިއުޒިކް ޑައިރެކްޓަރު ޕަލާޝް މުއްޗަލްގެ އަލަތު ޑައިރެކްޝަނެކެވެ. އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަލަކް މުއްޗަލްގެ ކޮއްކޮ އެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާ "އަރުދު" ގެ ކާސްޓްގައި މިހާތަނަށް ގިނަ ޓީވީ ސިލްސިލާތަކެއްގެ އިތުރުން ބައެއް ފިލްމުތަކުގައި ވެސް ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ އެކްޓަރު ހިތޭން ތޭޖްވާނީ އާއި ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.

ބޮލީވުޑްގެ ފިލްމަކަށް ރުބީނާ ސޮއިކުރި އިރު އޭނާގެ ފިރިމީހާ ޓީވީ އެކްޓަރު އަނިބާވް ޝުކްލާ ވެސް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ލުކާ ޗުއްޕީ"، "އަކްސަރު 2" އަދި "ރޯރް" ހިމެނެ އެވެ. ރުބީނާއާ އެކު "ބިގް ބޮސް 13" ގައި ވެސް ވާދަކުރި އަބިނާވަކީ ކަލާޒް އިން މިހާރު ދައްކަމުން އަންނަ "ހަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިއެކެވެ.

"ބިގް ބޮސް 13" އިން ލިބުނު މަޝްހޫރުކަމާ އެކު ރުބީނާ މި ފަހުން ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވެ އެވެ.

އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ ޒީޓީވީން ގެނެސްދިން ސިލްސިލާ "ޗޯޓީ ބަހޫ" އިންނެވެ.