Roadha Mihaaru
އެކްޓިންއަށް މިހާރު އިސްކަމެއް ނުދެން: އަނީތާ

އިސްކަންދޭ ކަންކަމުގައި މިހާރު އެންމެ ފަހަތަށް އަންނަނީ އެކްޓިން: އަނީތާ

12 ޖޫން 2021

އެކްޓިންއަށް ވުރެ މިހާރު އިސްކަންދެނީ ހުރިހާ ވަގުތެއް ދަރިފުޅާއި އާއިލާ އަށް ދޭން ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ އަނީތާ ހަސަނަންދާނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓިންއަށް ވުރެ މިހާރު އިސްކަންދެނީ ހުރިހާ ވަގުތެއް ދަރިފުޅާއި އާއިލާ އަށް ދޭން ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ އަނީތާ ހަސަނަންދާނީ ބުނެފި އެވެ.

ކާމިޔާބު އެތައް ސިލްސިލާއެއްގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފައިވާ 40 އަހަރުގެ ބަތަލާ ބުނީ ދަރިޔަކު ލިބުމުން އެކްޓިންއާ ދުރުވާން އަބަދުވެސް ހިތުގައި އޮންނަ ކަމަށެވެ. އަނީތާ އާއި ފިރިމީހާ ޓީވީ އެކްޓަރު ރޯހިތު ރެޑީ އަށް ދަރިޔަކު ލިބުނީ މި އަހަރުގެ ކުރީކޮޅު އެވެ.

"މިހާރު އަހަރެންގެ ހުރިހާ ފޯކަސްއެއް އޮތީ މަޔަކަށްވުމުން ދަރިފުޅާއި އާއިލާ އަށް ވަގުތު ދިނުމަށް،" މި ފަހުން "ނާގިން" އާއި "ޔޭ ހޭ މުހައްބަތޭން" ފަދަ ސިލްސިލާތަކުން ފެނުނު އަނީތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކްޓިން މުޅިން ދޫކޮށްލީ ކަމަށް މި ވަގުތު ބުނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެކަމަށް ވުރެ ބޮޑަށް މިހާރު އިސްކަންދޭން ޖެހޭ ކަންކަން އަމިއްލަ ދިރިއުޅުމުގައި ހުރުމުން ކުރިއެކޭ އެއްގޮތަށް އަލުން އެކްޓިން އަށް ނުކުމެދާނެތޯ އެއީ އަމިއްލަ އަށް ވެސް އުފެދޭ ސުވާލެއް ކަމަށް ބުންޏެވެ.

"ތެދަށް ބުނަންޏާ އެކްޓިން އަކީ މިހާރު އަހެރެން އިސްކަންދޭ ކަންކަމަށް ބަލާ އިރު އެންމެ ފަހަތުގައި އޮތް ކަންތައް. އެހެންވީމަ އެއްގޮތަކަށް ވެސް ނޭނގޭ އެނބުރި އަލުން އެކްޓިން އަށް ދާނެ އިރެއް ވެސް،" އަނީތާ ބުންޏެވެ. "މިހާރު ބޭނުން ވަނީ ދަރިފުޅާ އެކު ގޭގައި އިންނަން."

އޭނާ ކިޔައިދިން ގޮތުގައި އެކްޓިން އޮތް ޝައުގުވެރިކަން އެހާ ބޮޑަށް ގެއްލުނީ މަސައްކަތުގެ މާހައުލު މިހާރު އޮތް ގޮތުން ކޮވިޑް-19 ކަހަލަ އުނދަގޫ ހާލަތެއްގައި މަސައްކަތްކުރަން ޖެހޭތީއެއް ނޫނެވެ.

"ހާލަތު މިހާރު އެހާ ފަސޭހައެއް ވެސް ނޫން. އެކަމަކު ބަލިވެއިނުމާއި އަދި ވިހޭ ފަހުން އެކި ކޮމާޝަލްތަކުގައި އަހަރެން މަސައްކަތްކޮށްފިން. އެ އެއްޗިއްސަކީ ކުރީ ބައިގައި ކޮންޓްރެކްޓް ހެދިފައި ހުރި އެއްޗެހިވީމަ ކޮންމެހެން ވެސް ނިންމަން ޖެހޭ،" އަނީތާ ބުންޏެވެ. "އެގޮތުން މި ޕޭންޑެމިކް ތެރޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ގޭގައި އެކިއެކި އެއްޗެހި ޝޫޓްކޮށްފައި ވާނެ."

އަނީތާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ކްރިޝްނާ ކޮޓެޖް" އާއި "ކުޗް ތޯ ހޭ" އާއި "ސިލްސިލޭ" އާއި "ޖަސްޓް މެރީޑް" އަދި "ރާގިނީ އެމްއެމްއެސް 2" ހިމެނެ އެވެ.