Roadha Mihaaru
"ބިން ވިއްކާ އަގު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް"

ބިން ވިއްކާ އަގު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް: އެޗްޑީސީ

30 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެވަނަ ފޭސް އިން ގޯތި ވިއްކާ އަގުތައް ބޮޑުވެގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ނިންމުން ދިފާއުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ދެވަނަ ފޭސް އިން ގޯތި ވިއްކާ އަގުތައް ބޮޑުވެގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ނިންމުން ދިފާއުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު އެޗްޑީސީން ވަނީ ފޭސް ދެއަކުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ކުރި ސުވާލުތަކަށް އެޗްޑީސީން ބުނީ އެންމެ ފަހުން ހުޅުމާލޭގައި އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރު ކަމަށާއި އެ އަހަރު ކަނޑައެޅި ރޭޓަކީ އަކަފޫޓަކަށް 3000ރ. އަށް ކަމަށެވެ. ދެވަނަ ފޭސް އިން ބިންތައް އެވަރޭޖްކޮށް ވިއްކާފައި ވަނީ އަކަފޫޓަކަށް 4800ރ. އަށެވެ.

އޭގެ ފަހުން ފޭސް ދޭއްގައި އުމްރާނީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ފެނާއި ނަރުދަމާ އަދި ކަރަންޓާއި ޓޭލެކޮމް ވިއުގަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރު ބިން ވިއްކާ އާ އަގުތައް ކަނޑައަޅާފައި ވަނީ އެ މަސައްކަތްތަކަށް ބަލާފައި ކުރީގެ އަގަށް މާޖިންއެއް ލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ގޮތަށް ވިއްކާ ބިންތަކުގެ އަގު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް،" އެޗްޑީސީން ލިޔުމުން ފޮނުވި ޖަވާބުގައި ބުންޏެވެ.

ފޭސް ދެއަކުން ބޮޑު އަގުގައި ގޯތި ވިއްކާތީ އެކަމަށް ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ އެއީ އެޗްޑީސީން ވިޔަފާރި އުސޫލުން ކުރަން ނިންމާފައިވާ މާ ކުރީގެ ޕްލޭނެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މާލެ ރައްޔިތުންނަށް ފޭސް އަކުންނާއި ގުޅިފަޅުން 4000-3000 ދެމެދުގެ އަދަދަކަށް 1000 އަކަފޫޓުގެ ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.