Roadha Mihaaru
198 ޔުނިޓްގެ ކޯ-ލިވިން އިމާރާތް ޖެނުއަރީގައި ނިމޭނެ

"ކޯ-ލިވިން" އިމާރާތުގައި 198 ޔުނިޓް، ޖެނުއަރީ އަށް ނިންމަނީ

29 ޖުލައި 2024

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތުގައި 198 ޔުނިޓް ހުންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތުގައި 198 ޔުނިޓް ހުންނާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ އިމާރާތުގައި ހުންނާނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓްތަކެވެ. ކޮންމެ ފްލޯއެއްގައި ޖުމްލަ 18 ޔުނިޓް ހުންނާނެ އެވެ.

އެ އިމާރާތުގެ 58 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޮފިޝަލް ވިދާޅުވި ގޮތުގައި އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހަށެވެ.

މި އިމާރާތް ހަދަމުން އަންނަނީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާ ދެމެދުގައި އޮންނަ ބިމުގަ އެވެ. އެޗްޑީސީން ކުރިން ބުނި ގޮތުގައި، އެ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފަ އެވެ. އަދި ފިނިޝިންގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި އަންނަނީ ކުރަމުންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން 16،934 އަކަފޫޓުގެ އެ ބިމުގައި އަޅާފައި ވަނީ 14 ބުރީގެ އިމާރާތެކެވެ. އެތަނުގެ ދެވަނަ ފްލޯއިން ފެށިގެން ނުވަވަނަ ފްލޯއަށް ޓްވިން ޝެއަރިންނަށް ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރަން ނިންމާފައިވާއިރު، ބާކީ ފްލޯތައް ހާއްސަކުރަނީ ސިންގަލް ނުވަތަ އެއް ކޮޓަރި އަށެވެ.

ރާއްޖޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ އެ އިމާރާތުގައި އައުޓްޑޯ ޖިމާއި ޕޭންޓްރީ އާއި ކޮންމެ ފްލޯއެއްގައި އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް ބަދިގެއެއް ހުންނާނެ އެވެ. އަދި ލޯންޑްރީ އާއި ފިހާރަތައް ވެސް އެ އިމާރާތުގައި ހުންނާނެ އެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް އެޗްޑީސީން ޑިސެމްބަރު 29، 2022 ގައި ފެށި މަސައްކަތެކެވެ. މި މަސައްކަތް ކުރަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހޮން ކޮންގުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީންނެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، އެ ޕްރޮޖެކްޓުގެ މަގުސަދަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންގެ އިތުރުން އެކަނި، ބޮޑު ކުލީގައި ތަންތަން ހިފައިގެން އުޅޭ މީހުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

އެ ކުންފުނިން އޭރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މާލޭގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުން، އެވްރެޖުކޮށް މަހަކު ކުލީގެ ގޮތުގައި 5،000ރ. ދައްކަ އެވެ. އަދި އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 56 ޕަސެންޓް މީހުންނަކީ އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރި މީހުންނެވެ.