Roadha Mihaaru
ކޯ-ލިވިން އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހަދާ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ

28 ޖުލައި 2024

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ އެވެ.

މި އިމާރާތް ހަދަމުން އަންނަނީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާ ދެމެދުގައި އޮންނަ ބިމުގަ އެވެ.

އެޗްޑީސީން ބުނީ އެ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ފިނިޝިންގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް އެޗްޑީސީން ޑިސެމްބަރު 29، 2022 ގައި ފެށި މަސައްކަތެކެވެ. މި މަސައްކަތް ކުރަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހޮން ކޮންގުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީންނެވެ.

ރާއްޖޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ އެ އިމާރާތުގައި "ކޯ-ލިވިން" ނުވަތަ އެހެން މީހުންނާ އެކު ބަހާލައިގެން ބޭނުންކުރެވޭ ގޮތަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރިތައް ހުންނާނެ އެވެ. އައުޓްޑޯ ޖިމާއި ޕޭންޓްރީ އާއި ކޮންމެ ފްލޯއެއްގައި އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް ބަދިގެއެއް ހުންނާނެ އެވެ. އަދި ލޯންޑްރީ އާއި ފިހާރަތައް ވެސް އެ އިމާރާތުގައި ހުންނާނެ އެވެ.

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހުޅުމާލޭގައި ހަދާ "ކޯ-ލިވިން" އިމާރާތް: މި އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި، އެ ޕްރޮޖެކްޓުގެ މަގުސަދަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންގެ އިތުރުން އެކަނި، ބޮޑު ކުލީގައި ތަންތަން ހިފައިގެން އުޅޭ މީހުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

އެ ކުންފުނިން އޭރު ކުރި ދިރާސާއަކުން އެނގުނު ގޮތުގައި މާލޭގައި ދިރިއުޅޭ ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުން، އެވްރެޖުކޮށް މަހަކު ކުލީގެ ގޮތުގައި 5،000ރ. ދައްކަ އެވެ. އަދި އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 56 ޕަސެންޓް މީހުންނަކީ އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރި މީހުންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން 16،934 އަކަފޫޓުގެ އެ ބިމުގައި އަޅާފައި ވަނީ 14 ބުރީގެ އިމާރާތެކެވެ. އެތަނުގެ ދެވަނަ ފަންގިފިލާ އިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންނަށް ހާއްސަކުރަން ނިންމާފައިވާއިރު، ބާކީ ފްލޯތައް ހާއްސަކުރަނީ ސިންގަލް ރޫމްތަކަށެވެ. ނަމަވެސް، އެ ތަނުގައި ހުންނާނީ ކިތައް ކޮޓަރި ކަމެއް އަދި ދޫކުރާނެ ގޮތެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.