Roadha Mihaaru
ބެލެންސިއާގާގެ އާ ކަލެކްޝަން ވީޑިއޯ ގޭމަކުން

ބެލެންސިއާގާގެ އާ ކަލެކްޝަން ވީޑިއޯ ގޭމަކުން ދައްކާލަނީ

30 ނޮވެމްބަރ 2020

ފެޝަން ޝޯތައް ކުރިން ބާއްވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ކޮވިޑް-19އާ ހެދި ނެތުމުން ލަގްޒަރީ ފެޝަން ކުންފުނި ބެލެންސިއާގާގެ ކުރިއަށް އޮތް ކަލެކްޝަން ވީިޑިއޯ ގޭމަކުން ދައްކާލަން ނިންމިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެޝަން ޝޯތައް ކުރިން ބާއްވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ކޮވިޑް-19އާ ހެދި ނެތުމުން ލަގްޒަރީ ފެޝަން ކުންފުނި ބެލެންސިއާގާގެ ކުރިއަށް އޮތް ކަލެކްޝަން ވީިޑިއޯ ގޭމަކުން ދައްކާލަން ނިންމިފި އެވެ.

މިކަން އިއުލާންކޮށް އެ ކުންފުނިން ބުނީ އަންނަ އަހަރުގެ ފިނި/ހަރީފު މޫސުމަށް ހާއްސަ ކަލެކްޝަން ނެރޭނީ އަންނަ މަހުގެ 6 ގައި ވީޑިއޯ ގޭމް "އާފްޓަވޯލްޑް: ދި އޭޖް އޮފް ޓުމޯރޯ" އިން ކަމަށެވެ. މި ގޭމްގެ ތެރެއިން، ދެ މޫސުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފަރުމާތައް ފެންނާނެ އެވެ. އެ ފަރުމާތަކާ އެކު ވެބް ބްރައުޒާއަކުން ގޭމް ކުޅެލައި، އުފެއްދުންތައް ތަޖުރިބާކޮށްލެވޭނެ އެވެ.

ގޭމްގެ ޓީޒާއެއް ވެސް ބެލެންސިއާގާ އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހާލަތު މިހާރު އޮތް ގޮތުން ތަފާތު ގޮތްގޮތަށް ވިޔަފާރީގެ ކަންކަން ބައްޓަންކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެންވެ ގޭމަކުން ކަލެކްޝަންތައް ދައްކާލުން ވެސް ވެގެން ދާނީ އިންސާނުންގެ މި ދަތުރުގެ ތެރެއިން ތަފާތު ކަމަކަށް،" ފްރާންސްގައި ހެޑްކުއާޓަރު ހުންނަ ބެލެންސިއާގާ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކަލެކްޝަންތައް ދައްކާލަން ނެރޭ "އާފްޓަވޯލްޑް: ދި އޭޖް އޮފް ޓުމޯރޯ" އަކީ އިންސާނުންގެ އެހާރާއި މިހާރުގެ ހާލަތުގެ ތެރެއަށް ގެންގޮސްދޭނެ، ވަރަށް ތަފާތު އިހުސާސްތަކެއް ކުރުވާނެ އެއްޗެއް ކަމަށެވެ.

ފެޝަނުގެ ދުނިޔޭގައި ގަރުނަކަށް ވުރެ ދިގު ތާރީހެއް އޮތް ބެލެންޝިއާގާ އަކީ ސްޕެއިނުގެ ޑިނައިނަރު ކްރިސްޓޯބަލް ބެލެންޝިއާގާ 1917 ގައި ވުޖޫދަށް ގެނައި ބްރޭންޑެކެވެ. ބެލެންސިއާގާ 1986 ގެ ފަހުން ހިންގަމުން އަންނަނީ ފްރާންސްގެ ލަގްޒަރީ ކުންފުނި ކެރިންގް އިންނެވެ.