Roadha Mihaaru

ނައުފަލް: ބޮއިންގެ އެންމެ ބޮޑެތި ބޯޓުތަކުގެ ދިވެހި އިންޖީނިއަރު!

01 ޖެނުއަރީ 2022

ސްކޫލުގައި ކިޔަވަން އުޅުނުއިރު ވެސް އިސްމާއިލް ނައުފަލްގެ ހިތް އޮތީ ސައިންސްގެ ދާއިރާ އަށް ހުއްޓިފަ އެވެ. އެކަމަކު ކުރިއަށްދާނެ ވަކި ދާއިރާއެއް އޭރު ކަނޑައެޅިފައި ނެތުމުން ތަފާތު އެކި ގޮތްގޮތުން މައުލޫމާތު ހޯދަމުން ދަނިކޮށް، އޭވިއޭޝަން އިންޑަސްޓްރީ އަށް އޭނާގެ ލޯ އަމާޒުވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަލުއި ސްޕީޑެއްގައި އެ ދާއިރާ ކުރިއަރަމުން ދިއުމުން ނައުފަލް، 31، ބޭނުންވީ އޭނާގެ ހިޔާލުތަކާއެކު އިންޖީނިއަރިންގެ ދާއިރާ ކުރިއަރުވާށެވެ. ސީއެޗްއެސްއީ އިން އޭ ލެވެލް ނިންމުމަށް ފަހު އެ އަޒުމުގައި އެ ޒުވާނާ މީގެ 12 އަހަރު ކުރިން އައިލެންޑް އޭވިއޭޝަނަށް އެންމެ ފުރަތަމަ ގުޅުނީ ވެސް އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނީއަކަަށެވެ.

ނައުފަލް، މޯލްޑިވިއަންގެ ބޯޓުގެ ސަލާމަތީ ކަންކަން ބެލުމަށް ބޯޓަށް އަރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނައުފަލް، މޯލްޑިވިއަންގެ ބޯޓުގެ ސަލާމަތީ ކަންކަން ބެލުމަށް ބޯޓަށް އަރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ ތިން އަހަރު ފަހުން ސްރީ ލަންކާއިން އެއާކްރާފްޓް މެއިންޓަނަންސްގެ ދެ އަހަރުގެ ކޯސް ނިންމައި 2015 ވަނަ އަހަރު ވަޒީފާއާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް އިތުރު ފުރުސަތެއް ލިބުނެވެ. އަބޫދާބީގެ އިއްތިހާދު އޭވިއޭޝަން ޓްރެއިނިން އިން ހެދި ބޮއިން 787 ޓައިޕާއެކު ނައުފަލް ވެފައިވަނީ ރާއްޖެ އަންނަ ބޮއިންގެ އެންމެ ބޮޑެތި ބޯޓުތަކުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާ ފުރަތަމަ ދިވެހި އިންޖީނިއަރަށެވެ.

އެ ބޯޓުތަކުގައި ފަސިންޖަރުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރަނީ ނައުފަލެވެ.

ނައުފަލް: އޭނާއަކީ ބޮއިން 787 ގެ ރާއްޖޭގެ ފުރަތަމަ އިންޖީނިއަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނައުފަލް: އޭނާއަކީ ބޮއިން 787 ގެ ރާއްޖޭގެ ފުރަތަމަ އިންޖީނިއަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ޝަރަފު ލިބުނަސް ބޮއިންގެ ބޯޓުތައް ސިވިލް އޭވިއޭޝަނުން ސެޓިފައި ނުކުރާތީ އޭނާއަށް މަސައްކަތް ކުރަން ފެށުނީ އިޔާސާގެ ލައިސަންސް ނަގައިގެން، އަހަރުތަކެއް ފަހުންނެވެ.

"ޝެޑިއުލް ދަތުރުތަކުގައި ޓްރާންސިޓް ޓެސްޓުތައް ހަދާފައި، ޑިލޭ ނުކޮށް ވީހާ ވެސް އަވަހަކަށް ފޮނުވާލަން މަސައްކަތްކުރާނީ."

ނަމަވެސް އޭވިއޭޝަން ދާއިރާ ކުރިއަރަމުންދާ ވަރަކަށް، ބޮއިންގެ ބޯޓުތައް ސެޓިފައި ކުރުމުގައި ފަސޭހަ ގޮތެއް ހަމަޖައްސާފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"މިހާރުގެ ގޮތަށް ބަލާނަމަ ގާތްގަނޑަކަށް 90 ޕަސެންޓް، މި ތަނަށް މި ޖައްސާ ކަސްޓަމާ އެއާލައިންސްއަށް އިންޖީނިއަރިން ސަޕޯޓު މި ދެނީ އައިލެންޑު އޭވިއޭޝަންގެ ފަރާތުން... ކުރިއަށް އޮތް ތަނުގައި އަސްލު ފުރުސަތުތައް އެބަހުރި ހުރިހާ ދިވެހިންނަށް ވެސް މި ކަމުން ކުރިއަރަން،" ނައުފަލް ބުންޏެވެ.

ނައުފަލް، އެއާ ފްރާންސްގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ.--

ނައުފަލް، އެއާ ފްރާންސްގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ.--

"ކުރިއަށް އޮތް ތަނުގައި އޮޕޮޗިއުނިޓީ ވެސް އެބަހުރި ދިވެހިންނަށް ކުރިއަރަން. މިސާލަކަށް ބުނާނަމަ ފަސް އަހަރު ތެރޭގައި މި ތަން ހަމަ އެއްކޮށް ދިވެހިން މި ތަނަށް ޖައްސާ ހުރިހާ އެއާކްރާފްޓެއް ސެޓިފައިކުރެވޭނެ."

ނައުފަލް މިހާރު އަންނަނީ ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސް ބޯޓު ސެޓިފައި ކުރަން ފަށައިފަ އެވެ. އެކަން ކުރަމުން އަންނަނީ ވެސް މޯލްޑިވިއަން އިން ކަސްޓަމާ އެއާލައިނަށް ދޭ ހިދުމަތެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ބޮއިން 787 ގެ އިންޖީނިއަރެއް ނެތުމުން މީގެ ކުރިން އެ ދަތުރުތަކުގައި އެ ޓައިޕްގެ އިންޖީނިއަރެއް ބައިވެރިވެ އެވެ. ނަމަވެސް ރާއްޖޭގައި އެ ފެންވަރުގެ ހިދުމަތް ލިބުމަކީ އެ ތަންތަނަށް ލިބޭނެ ފަސޭހައެކެވެ.

ނައުފަލް، މޯލްޑިވިއަންގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނައުފަލް، މޯލްޑިވިއަންގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރިއަށް އޮތް ތަނުގައި ސައުދީގެ ގައުމީ އެއާލައިނާއި އިއްތިހާދު އެއާވޭސް ބޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަން ސެޓިފައި ކުރަން ނައުފަލް ފަށާނެ އެވެ.

"ކުރިއާ ބަލާފައި ވަރަށް ބޮޑު ކުރިއެރުމެއް އައިލެންޑު އޭވިއޭޝަނަށް ލިބިފައި މި އޮތީ. ކުރިން ހަމައެކަނި ޑޮމެސްޓިކް އޮޕަރޭޝަން ހިންގަމުން އިންޓަނޭޝަނަލް ދަތުރުތައް ވެސް ފަށަންވެގެން އެއާބަސްއާ އެއްޗެހި ފަށަން، ކަސްޓަމާ އެއާލައިންސްއަށް އިންޖީނިއަރިން ސަޕޯޓު ދޭން ފެށުމުން ވަރަށް ބޮޑަށް ކުރިއަރައިފި އަސްލު މި ފަސް އަހަރުގެ ތެރޭގައި،" ނައުފަލް ބުންޏެވެ.