Roadha Mihaaru
އައްޑޫ ކޮވިޑް-19: އެޑްމިޓްކޮށްފައި އޮތް މީހަކު ނެތް

އެޑްމިޓްކޮށްގެން ފަރުވާދޭ ކޮވިޑް ބަލީގެ މީހަކު މިހާރު އައްޑޫގައި ނެތް

29 މެއި 2021

އައްޑޫގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހަކު މިހާރު ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހަކު މިހާރު ނެތް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ ތެރޭގައި އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އޭގެ ތެރެއިން ހާލު ސީރިއަސްވި ހަ މީހަކު އައްޑޫ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކުރި އެވެ. އޭގެ ތެރެއިން 83 އަހަރުގެ މީހަކާއި 91 އަހަރުގެ މީހަކު މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ. އެޑްމިޓްކުރި އެހެން މީހުން ވަނީ ގެޔަށް ދޫކޮށްލައިފަ އެވެ.

މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހަކު ނެތަސް އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ އަދިވެސް 100 އިން މަތީގަ އެވެ. އިއްޔެ ޕޮޒިޓިވްވި 10 މީހުންނާ އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 175 އެވެ. މިދިޔަ މަހުން ފެށިގެން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 270 އެވެ. ބަލިން ރަނގަޅުވެފައި ވަނީ 93 މީހެކެވެ.

އައްޑޫގެ ކޭސްތަކަށް ބަލާ އިރު މީހުން އުޅޭ އަވަށްތަކުގެ ތެރެއިން ހިތަދޫގައި 119، ހުޅުދޫގައި 24، މަރަދޫގައި 11 ފޭދޫގައި ނުވައެއް މީދޫގައި އަށެއް އަދި މަރަދޫފޭދޫގައި އުޅެނީ އެއް ކޭހެވެ. ދެން ރިސޯޓް/ގަން ހިމެނޭ ގޮތަށް ތިން ކޭހެވެ.

މިހާތަނަށް އައްޑޫގައި 3،791 ސާމްޕަލް ނަގާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 561 އަށް އަރަ އެެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން އައްޑޫ އޮތީ މޮނިޓަރިންގަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.