Roadha Mihaaru
"ލައިގާ" އަކީ ބޮކްސިންގެ ވަރުގަދަ ފިލްމަކަށް ވާނެ

"ލައިގާ" އަކީ ބޮކްސިންގެ ވަރުގަދަ ފިލްމަކަށް ވާނެ

01 ޖެނުއަރީ 2022

މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ލީޑް ރޯލު ކުޅެ، ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ "ލައިގާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ލީޑް ރޯލު ކުޅެ، ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ "ލައިގާ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

ކުރިން މިދިޔަ އަހަރު ރިލީޒް ކުރަން އޮއްވާ ކޮވިޑް-19 އާ ހެދި މި އަހަރަށް ފަސްކުރަން ޖެހުނު ފިލްމުގެ ޓީޒާއާ އެކު، އެ ސިނަމާތަކަށް ގެންނަ ތާރީހު ވެސް ވަނިީ އިއުލާން ކޮށްފަ އެވެ. އެއީ މި އަހަރުގެ އޮގަސްޓް މަހުގެ 25 ގަ އެވެ.

"އަރުޖުން ރެޑީ" އާއި "ޑިއާ ކޮމްރޭޑް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ވިޖޭގެ "ލައިގާ" އަކީ ބޮކްސިން އަށް ބިނާކޮށް ހަދާފައިވާ ސްޕޯޓްސް އެކްޝަން ފިލްމެކެވެ. މި ފިލްމުގައު ބޮކްސިން ރިންގްގެ ތެރެއިން ބޮޑު ކުރިމަތިލުންތަކެއް ފެނިގެންދާ އިރު، ކާސްޓްގައި އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ހިމެނެ އެވެ.

އޭނާއާ އެކު ފިލްމުގެ މަންޒަރުތައް އެމެރިކާގެ ލޮސް އެންޖެލިސްގައި ނެގީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެހެންވެ "ލައިގާ" އާއި ވިޖޭ އާއި ޓައިޒަންގެ ގަދަހިފުންތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

އާންމުކޮށް ތެލެގޫ ފިލްމުތައް ޑައިރެކްޓްކުރާ ޕޫރީ ޖަގަންނަދު ޑައިރެކްޓް ކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އެވެ. ކަރަން ޕްރޮޑިއުސްކުރި 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުކުރި ބަތަލާ މުހިއްމު ރޯލެއް ކުޅެފައިވާ ދަރުމާގެ "ގެހެރިޔާ" މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރާނެ އެވެ. ޝަކުން ބަޓްރާ ޑައިރެކްޓްކުރި އެ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެދީ އަދި ދައިރިއާ ކަރްވާ ހިމެނެ އެވެ.

ދަރުމާ އިން "ލައިގާ" ގެ ތާރީހު އިއުލާންކުރި އިރު، މި އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދޭން ތާރީހުތައް އިއުލާން ކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ މޭރާ ނާމް" އާއި "ޖުގް ޖުގް ޖިޔޯ" އާއި "ބުރައްމަސްތުރާ" އާއި "މިސްޓަ އެންޑް މިސިޒް މާހީ" "ޔޯދާ" ހިމެނެ އެވެ.