Roadha Mihaaru
ބްރިޓްނީގެ ލޯބިވެރިޔާ އަށް ނުލިބުނު ރޯލެއްގެ ވާހަކަ

އޮޑިޝަން ހެދިޔަސް ބްރިޓްނީގެ ލޯބިވެރިޔާ އަށް ނުލިބުނު ރޯލެއްގެ ހަނދާން އާކޮށްފި

01 ޖެނުއަރީ 2022

އެޗްބީއޯ މެކްސް އިން މިހާރު ގެނެސްދޭން ފަށާފައިވާ ކުރީގެ މަޝްހޫރު ސިލްސިލާ "ސެކްސް އެންޑް ދަ ސިޓީ" ގެ ރިބޫޓް ވާޝަން "އެންޑް ޖަސްޓް ލައިކް ދެޓް" އިން ނުލިބުނު ރޯލެއްގެ ހަނދާންތަކެއް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ލޯބިވެރިޔާ ސާމް އަސްގަރީ އާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޗްބީއޯ މެކްސް އިން މިހާރު ގެނެސްދޭން ފަށާފައިވާ ކުރީގެ މަޝްހޫރު ސިލްސިލާ "ސެކްސް އެންޑް ދަ ސިޓީ" ގެ ރިބޫޓް ވާޝަން "އެންޑް ޖަސްޓް ލައިކް ދެޓް" އިން ނުލިބުނު ރޯލެއްގެ ހަނދާންތަކެއް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ލޯބިވެރިޔާ ސާމް އަސްގަރީ އާކޮށްފި އެވެ.

މިދިޔަ މަހުގެ ނުވަތަ ވަނަ ދުވަހު ސްޓްރީމްކުރަން ފެށި ސީރީޒްގެ ފަސް އެޕިސޯޑް "ޓްރެޖިކަލީ ހިޕް" ބުރާސްފަތި ދުވަހު ސްޓްރީމް ކުރުމާ ދިމާކޮށް އިންސްޓަގްރާމް ސްޓޯރީގައި ސާމް ބުނި އޭނާ އޮޑިޝަން ހެދީ އެ ސީރީޒްގައި ޓްރާވިސް ކިޔާ ފިޒިއޮތެރަޕިސްޓެއްގެ ރޯލަށް ކަމަށެވެ. އެ ރޯލަކީ މީގެ މައި އެއް ބަތަލާ ސާރާ ޖެސިކާ ޕާކާ ކުޅޭ ކެރީ ބްރެޑްޝޯގެ އުނަގަނޑުގެ ސާޖަރީއެއް ހަދައިގެން އޭނާ އަށް އެހީވާ މީހެއްގެ ރޯލެވެ.

"އަހަރެން ވަރަށް ބޭނުންވި ރޯލެއް އެއީ. އެކަމަކު ކަން ދިމާކުރި ގޮތުން އޮޑިޝަނަށް ފަހު ފުރުސަތު ލިބޭ ގޮތެއް ނުވި. އެކަމަކު ޓްރާވިސްގެ ކެރެކްޓާ ކުޅެން ލިބުނު އެކްޓަރަށް ލިބުނު އުފަލުގައި ބައިވެރިވަން." އިރާނަށް އުފަން ސާމް ބުންޏެވެ.

ޕާސަނަލް ޓްރެއިނަރެއްގެ އިތުރުން އެކްޓް ވެސް ކުރަމުން އަންނަ 27 އަހަރުގެ ސާމް އަށް "ސެކްސް އެންޑް ދަ ސިޓީ" ރިބޫޓުން ފުރުސަތު ލިބޭ ގޮތެއް ނުވިޔަސް ދާދިފަހުން އޭނާ ވަނީ ބޮޑު ފީޗާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ މެލް ގިބްސަނާ އެކު ކުޅެން ލިބުނު "ހޮޓް ސީޓް" އެވެ.

ސާމް ކުރިން ބައެއް ވީޑިއޯ ލަވަތަކާއި ސީރީޒްތައް ކަމަށްވާ "އެންސީއައިސް" އާއި "ދަ ފެމިލީ ބިޒްނެސް" ފަދަ އެއްޗެހީގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެޗްބީއޯގެ "ހެކްސް" އާއި ޝޯޓައިމްގެ "ބްލެކް މަންޑޭ" ގައި ވެސް އެކްޓް ކޮށްފައިވެ އެވެ.

އޭނާ އާއި ބްރިޓްނީ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ފަހުން އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ މަހުގެ 9 ގައި ގެނެސްދޭން ފެށި "ސެކްސް އެންޑް ދަ ސިޓީ" ގެ ރީބޫޓް ވާޝަން "އެންޑް ޖަސްޓް ލައިކް ދެޓް" އަކީ 10 އެޕިސޯޑްގެ އެއްޗެކެވެ.