Roadha Mihaaru
"ދަ ސްޓެއާކޭސް"ގެ ރޯލެއް ސޯފީ ޓާނާ އަށް

"ދަ ސްޓެއާކޭސް"ގެ ރޯލެއް ސޯފީ ޓާނާ އަށް

04 ޖޫން 2021

ކުރިން ޑޮކިއުމަންޓަރީ ސީރީޒެއްގެ ގޮތުގައި ގެނެސްދީފައިވާ "ދަ ސްޓެއާކޭސް"، މިނީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އެޗްބީއޯ މެކްސް އިން ނިންމާފައިވާ އިރު، އޭގެ ރޯލަކަށް އިނގިރޭސި ބަތަލާ ސޯފީ ޓާނާ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ޑޮކިއުމަންޓަރީ ސީރީޒެއްގެ ގޮތުގައި ގެނެސްދީފައިވާ "ދަ ސްޓެއާކޭސް"، މިނީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އެޗްބީއޯ މެކްސް އިން ނިންމާފައިވާ އިރު، އޭގެ ރޯލަކަށް އިނގިރޭސި ބަތަލާ ސޯފީ ޓާނާ ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނި ގޮތުގައި އެޗްބީއޯގެ ސިލްސިލާގެ "ގޭމް އޮފް ތުރޯންސް" ގެ ވަރުގަދަ ރޯލެއް ކުޅުނު 25 އަހަރުގެ ބަތަލާ އާ ސީރީޒްގައި ކުޅޭނީ މާގްރެޓް ރެޓްލިފްގެ ކެރެކްޓާއެކެވެ. އެ ރޯލަކީ "ދަ ސްޓެއާކޭސް" ގެ މައި ކެރެކްޓާ މައިކަލް ޕިޓާސަންގެ ދަރިއެއްގެ ރޯލެވެ. މައިކަލްގެ ރޯލު ކުޅެނީ މަޝްހޫރު އިނގިރޭސި އެކްޓަރު ކޮލިން ފާތު، 60، އެވެ. އަދި އޭނާގެ އަންހެނުން ކެތުލީންގެ ރޯލު ކުޅެނީ ޓޮނީ ކޮލެޓެވެ.

"ދަ ސްޓެއާކޭސް" އަކީ 2001 ގެ ހިނގި ހަގީގީ ހާދިސާއެއް ކިޔައިދޭ އެއްޗެކެވެ. މީގެ ޕްލޮޓަކީ ފިރިމީހާ އަންހެނުން މަރައިލިކަމުގެ ތުހުމަތުކުރެވުމުން ދިމާވާ ހާދިސާތަކެކެވެ. ނަމަވެސް މައިކަލް ބުނާ ގޮތުގައި އަންހެނުން މަރުވީ ސިޑިން ވެއްޓިގެންނެވެ.

"ދަ ސްޓެއާކޭސް"، އަށް އެޕިސޯޑް މިނީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭ އިރު މީގެ ކާސްޓްގައި ޕާކާ ޕޯޒީ، ޖޫލިއަޓް ބިނޯޝޭ އަދި ރޯޒްމޭރީ ޑިވިޓް ހިމެނެ އެވެ.

މީގެ ޑައިރެކްޓަރަކީ އެންޓޯނިއޯ ކެމްޕޯސް އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ސައިކޮލޮޖިކަލް ތުރިލާ "ދަ ޑެވިލް އޯލް ދަ ޓައިމް" ގެ ޑައިރެކްޓަރެވެ. އެންޓޯނިއޯ ކުރިން ޑައިރެކްޓްކޮށްފައިވާ ސީރީޒްތަކުގެ ތެރޭގައި ހޯމްމޭޑް (2020)، ދަ ސިނާ (2017-2018) އަދި ދަ ޕަނިޝާ (2017) ހިމެނެ އެވެ.

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯ ޖޯނަސްއާ 2019 ގައި ކައިވެނިކޮށް، މިހާރު ދަރިޔަކު ވެސް ލިބިފައި ހުރި ސޯފީގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ 2019 ގެ "ޑާކް ފީނިކްސް" އެވެ.

އެޗްބީއޯ މެކްސްގެ "ދަ ސްޓެއާކޭސް" އަށް އޭނާ ސޮއިކުރި އިރު "ދަ ޕްރިންސް" ނަމުގައި އެ ޕްލެޓްފޯމުން ގެނެސްދޭން ހަމަޖެހިފައިވާ އެނިމޭޓެޑް ސިޓްކޮމްގައި ވެސް ސޯފީ ބައިވެރިވެ އެވެ. ޕްރިންސް ވިލިއަމްގެ ދޮށީ ދަރިކަލުން ޕްރިންސް ޖޯޖް، 6، އަށް ބިނާކޮށް ގެނެސްދޭ ސިޓްކޮމްގައި ސޯނީ ބައިވެރި ވަނީ ޖޯޖްގެ ކޮއްކޯފުޅު ޕްރިންސެސް ޝާލޮޓްގެ އަޑުގެ ގޮތުގަ އެވެ.

"ދަ ސްޓެއާކޭސް" މިނީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭ އިރު އޭގެ ޑޮކިއު ސީރީޒް ފުރަތަމަ ގެނެސްދިނީ 2004 ގަ އެވެ. އަދި އޭގެ އާ ތިން އެޕިސޯޑެއް 2018 ގައި ނެޓްފްލިކްސް އިން ގެނެސްދިނެވެ.