Roadha Mihaaru
ކަންގަނާ މި އަހަރު ބޭނުމީ "މައިތިރިވާން"

ކަންގަނާ މި އަހަރު ބޭނުމީ "މައިތިރިވާން"

02 ޖެނުއަރީ 2022

"މަތިންބައިން ޖެހިގެން" ގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް އަނގަ ބާނައި މީސްމީހުން ރުޅި އަންނަ ޒާތުގެ ވާހަކަތައް ދައްކައިގެން މިހާރު ވެސް ހާހެއްހާ ދައުވާތަކާ ކުރިމަތިލާން ޖެހިފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އާ އަހަރާ އެކު ބޭނުން ވަނީ "މައިތިރިވާން" ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މަތިންބައިން ޖެހިގެން" ގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް އަނގަ ބާނައި މީސްމީހުން ރުޅި އަންނަ ޒާތުގެ ވާހަކަތައް ދައްކައިގެން މިހާރު ވެސް ހާހެއްހާ ދައުވާތަކާ ކުރިމަތިލާން ޖެހިފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު އާ އަހަރާ އެކު ބޭނުން ވަނީ "މައިތިރިވާން" ކަމަށް ބުނެފި އެވެ.

އަޅުކަންކުރާ ތަނެއްގައި ނަގާފައިވާ ފޮޓޯތަކަކާ އެކު އިންސްޓަގްރާމްގައި ބުނީ މި އަހަރު ބޭނުން ވަނީ އޭނާއާ ދެކޮޅަށް ފުލުހުންނަށާއި ކޯޓްތަކަށް ހުށަހަޅާ މައްސަލަތައް މަދު އަހަރަކަށް ހެދުން ކަމަށެވެ.

"އަހަންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް މަދުކޮށްފައި މި އަހަރު ބޭނުން ވަނީ ލޯބީގެ [ސުލްހައިގެ] ސިޓީތައް އިތުރު ކުރަން." އަބަދުވެސް އެކި ކަންކަމާ ގުޅިގެން މީސްމީހުންނަށް ރައްދުކޮށް ހިތުހުރިހާ އެއްޗެއް ގޮވަން އާދަވެފައިވާ ބަތަލާ ބުންޏެވެ.

ކަންގަނާގެ ބަހުރުވަ ހުންނަ ގޮތާއި އަދި "ވިސްނާލުމެއް ނެތި" ދައްކާ ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ މީހުން ގިނަ އެވެ. މިފަދަ ސަބަބުތަކާ ހެދި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ މީހުން ވެސް ކަންގަނާއާ މާ ގާތް ގުޅުމެއް ނުބާއްވަ އެވެ

އޭނާ ޓްވިޓާގައި ދައްކާ ވާހަކަތަކާ ގުޅިގެން އެ ޕްލެޓްފޯމުން ވެސް މިދިޔަ އަހަރު ބޭރުކޮށްފައިވެ އެވެ.

ކަންގަނާ އަކީ ވަރަށް ގިނަ ފަހަރަށް އޭނާ ވެސް މަސައްކަތްކުރާ އިންޑަސްޓްރީގެ މީހުންގެ ބޮލުގައި ސާބިތު ނުހިފޭ ތުހުމަތު އަޅުވައި ބޮލީވުޑަކީ ނުފޫޒު ގަދަ މީހުންގެ "މާފިއާއެއް" ގެ ގޮތުގައި ސިފަކުރާ ބަތަލާއެކެވެ. މީގެ އިތުރުން އިންޑިއާގެ ސިޔާސީ ދާއިރާ އާއި ގައުމިއްޔަތާއި ދީނާއި އިޖުތިމާއީ މައްސަލަތަކުގެ ތެރެއަށް ވެސް "އަނގަ ބޭނުމަކީ" ކަންގަނާ އާންމުކޮށް ކުރާ އަދި އެކަންކަމާ ހެދި އޭނާ އަށް ގިނަ ބައެއްގެ ނަފުރަތު އަމާޒުވާ ކަމެކެވެ.

ހަތަރު ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާ ސަރުކާރުން ހަތަރު ވަނަ އަށް ދޭ އެންމެ މަތީ ޝަރަފު، ޕަދުމާ ޝްރީ އެވޯޑް ވެސް މިދިޔަ އަހަރު ލިބުނު ކަންގަނާއާ ދެކޮޅަށް މިހާރު ވެސް އިންޑިއާގެ އެކި ކޯޓްތަކަށް ހުށަހަޅާފައިވާ މައްސަލަތައް 1،000 އާ ގާތް ކުރެ އެވެ.

މިދިޔަ އަހަރު "ތަލައިވީ" އިން ފެނުނު ބަތަލާގެ ދެ ފިލްމެއް މި އަހަރަށް ތާވަލު ކޮށްފައިވެ އެވެ. އެއީ އެޕްރީލް 28 ގައި ގެނެސްދޭން އޮތް "ދާކަޅް" އާއި އޮކްޓޯބަރު 5 އަށް އޮތް "ތޭޖާސް" އެވެ.