Roadha Mihaaru

ލަންކާގައި ކާބޯތަކެތީގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް

ކޮލަމްބޯ (ޖެނުއަރީ 2) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ ޑިސެމްބަރު މަހު ރެކޯޑް މިންވަރެއް ކަމަށްވާ 22.1 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

ލަންކާގައި ކާބޯތަކެތީގެ އަގު ރެކޯޑް އަދަދަކަށް މައްޗަށް
ހަސަން އާމިރު
ހަސަން އާމިރު

02 ޖެނުއަރީ 2022

ކޮލަމްބޯ (ޖެނުއަރީ 2) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ ޑިސެމްބަރު މަހު ރެކޯޑް މިންވަރެއް ކަމަށްވާ 22.1 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.

ސެންސަސް އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނީ ލަންކާގައި ކާބޯތަކެތީގެ އިންފްލޭޝަން އަހަރުން އަހަރަށް މައްޗަށް ގޮސް، މިދިޔަ ޑިސެމްބަރު މަހަކީ، ލަންކާގައި ކޮލަމްބޯ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީސީޕީއައި) 2013 ވަނަ އަހަރު ލޯންޗްކުރި ފަހުން، ކާބޯތަކެތީގެ އަގު އެންމެ މައްޗަށް ދިޔަ މަސް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހު ކާބޯތަކެތީގެ އަގު ވަނީ 17.5 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެއީ ވެސް އެހާތަނަށް ރެކޯޑެވެ.

ލަންކާގައި އާއްމުކޮށް ތަކެތީގެ އަގު ޑިސެމްބަރު މަހު ވަނީ 12.01 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެއީ ސީސީޕީއައި ލޯންޗުކުރި ފަހުން ތަކެތީގެ އަގު އެންމެ މައްޗަށް ދިޔަ މަހެވެ.

ކޮލަމްބޯގައި އަންނައުނު ވިއްކާ މީހަކު ކަސްޓަމަރުންގެ އިންތިޒާރުގައި. --ފޮޓޯ:އޭއެފްޕީ

ކޮލަމްބޯގައި އަންނައުނު ވިއްކާ މީހަކު ކަސްޓަމަރުންގެ އިންތިޒާރުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އާ އަހަރުގެ މެސެޖުގައި ވަނީ ލަންކާގެ ހީނަރުވެފައިވާ އިގްތިސާދު އަލުން ހަމައަކަށް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޭރު ފައިސާގެ ތާށިކަން ހައްލުކުރަން އަޅުއްވާނެ ފިޔަވަޅެއް ވިދާޅެއް ނުވެ އެވެ.

"އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، ސަރުކާރުން އަޅާ ފިޔަވަޅުތަކުން މި އަހަރުތެރޭ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރަން،" ގޯޓާބޭ ވިދާޅުވި އެވެ.

ސްރީ ލަންކާގައި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ އެ ގައުމުގެ 26 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ލަންކާ އިން މި ހަފުތާގައި ވަނީ ހިކި ކިރުގެ އަގު 12.5 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މިދިޔަ މަހު ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. ސުޕަ މާކެޓްތަކުން ކޮންޓްރޯލްކޮށްގެން ހިކިކިރާއި ހަކުރު ވިއްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ކޮލަމްބޯގައި އެލްޕީޖީ ސިލިންޑަރު ގަތުމަށް މިދިޔަ ހުކުރު ދުވަހު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ކޮލަމްބޯގައި އެލްޕީޖީ ސިލިންޑަރު ގަތުމަށް މިދިޔަ ހުކުރު ދުވަހު މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ލަންކާގެ އިގްތިސާދުގެ ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައިވީ ނަމަވެސް، ކޮވިޑަށް ފަހު އެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް ހިފެހެއްޓުމަށް ޓަކައި ލަންކާ އިން މިހާރު ވަނީ އިމްޕޯޓުގެ ކޮންޓްރޯލެއް އިއުލާންކޮށްފަ އެވެ. އިމްޕޯޓަށް ފައިސާ ދައްކަން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ވަނީ ހުސްވެފަ އެވެ.

ލަންކާގެ ދަނޑުވެރިކަމާ ބެހޭ އޮފިޝަލަކު މިިދިޔަ މަހު ވަނީ ގައުމު ބަނޑަށް ޖެހިދާނެ ކަމަށާއި ކާބޯތަކެތި ކޮންޓްރޯލްކޮށްގެން ވިއްކުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އޭނާގެ އެ އިލްތިމާސް އައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނޮވެމްބަރު މަސް ނިމުނުއިރު ލަންކާގެ ފޮރިން ރިޒާވް އަކީ 1.58 ބިލިއަން ޑޮލަރެވެ. ގޯޓާބޭ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފޮރިން ރިޒާވް އަކީ 7.5 ބިލިއަން ޑޮލަރެވެ.

ލަންކާ އިން މިިދިޔަ ހަފުތާގައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގައިފަ އެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ފޮރިން ރިޒާވް 3.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.