Roadha Mihaaru

ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ މަހު 25 ޕަސެންޓް ބޮޑުވެއްޖެ

ކޮލަމްބޯ (ފެބްރުއަރީ 4) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު ރެކޯޑް މިންވަރެއް ކަމަށްވާ 25 ޕަސެންޓަށް މިދިޔަ މަހު ބޮޑުވެފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އޮފީހުން ހާމަކޮށްފި އެވެ.

ލަންކާގައި ކާބޯތަކެތީގެ އަގު 25 ޕަސެންޓް ބޮޑުވެއްޖެ
ހަސަން އާމިރު
ހަސަން އާމިރު

04 ފެބުރުއަރީ 2022

ކޮލަމްބޯ (ފެބްރުއަރީ 4) - ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު ރެކޯޑް މިންވަރެއް ކަމަށްވާ 25 ޕަސެންޓަށް މިދިޔަ މަހު ބޮޑުވެފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އޮފީހުން ހާމަކޮށްފި އެވެ.

ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމާ އެކު ލަންކާގެ އިގްތިސާދަށް ވަނީ އެކަމުގެ ނޭދެވޭ އަސަރުތައް ކުރަން ފަށައިފަ އެވެ. ޓޫރިސްޓުން އައުން ހުއްޓުމާ އެކު ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވި އެވެ. ނަތީޖާއެއްގެ ގޮތުން ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި އިމްޕޯޓް ކުރާނެ ބޭރު ފައިސާއެއް ގައުމަކު ނެތެވެ. އެހެންވެ މިހާރު ވެސް ގިނަ ވަގުތުތަކުގައި ދަނީ ކަރަންޓް ކަނޑަމުންނެވެ. ހަނޑޫ، ހަކުރު ފަދަ އަސާސީ ކާބޯތަކެތި ސުޕަމާކެޓްތަކުން ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ.

ބޭރު ފައިސާގެ ރިޒާވް މަތިކުރުމުގެ ބޭނުމުގައި ލަންކާ ސަރުކާރުން މިދިޔަ އަހަރު ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް އެތެރެކުރުން މަނާކޮށްފަ އެވެ. އެކަމުގެ ސަބަބުން ލަންކާގެ ދަނޑުވެރިކަން ހީނަރުވެ ދަނޑުވެރިންގެ ޝަކުވާތައް ބޮޑުވި އެވެ. އެހެންވެ ސަރުކާރުން ވަނީ އެގްރޯކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދަ އޮކްޓޯބަރު މަހު އަލުން ދީފަ އެވެ. އެކަމަކު އިމްޕޯޓަށް ފައިސާ ދައްކާނެ ޑޮލަރެއް ބޭންކުތަކުގައި ނެތެވެ.

ޖެނުއަރީ މަހު ކާބޯތަކެތީގެ އަގު ބޮޑުވި އިރު ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ކޮންމެ މަހަކު ވެސް ދަނީ ތަކެތީގެ އަގު ރެކޯޑް މިންވަރަކަށް މަތިވަމުންނެވެ. އޮކްޓޯބަރު މަހު ތަކެތީގެ އަގު ބޮޑުވެފައި ވަނީ 12.8 ޕަސެންޓަށެވެ.

ކޮލަމްބޯ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީސީޕީއައި) ވެސް ބަލާ އިންފްލޭޝަން ވެސް ޖެނުއަރީ މަހު ވަނީ އޯވަރޯލްކޮށް 14.2 ޕަސެންޓް ބޮޑުވެފަ އެވެ.

ލަންކާގައި ފޮރިން އެކްސްޗޭންޖް ރިޒާވް ދައްވުމުން އެ ގައުމުގެ 35 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކިދާނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.