Roadha Mihaaru
ކާޖަލް އަށް ވެސް ކުއްޖަކު ލިބެނީ

ކާޖަލް އަށް ވެސް ކުއްޖަކު ލިބެނީ

04 ޖެނުއަރީ 2022

މީގެ ދެ އަހަރު ކުރިން ކައިވެނިކޮށް ރާއްޖޭގައި ހަނީމޫން ހޭދަކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ކައިވެނިކޮށް ރާއްޖޭގައި ހަނީމޫން ހޭދަކުރި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

އަޖޭ ދޭވްގަންއާ އެކު "ސިންގަމް" ކުޅުނު 36 އަހަރުގެ ބަތަލާ ބަލިވެއިން ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރީ އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ އެވެ.

އާ އަހަރަށް ކުރެވޭ ބޮޑު އުންމީދުގެ ވާހަކަ އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކުރީ ކާޖަލްގެ ފޮޓޯއަކާ އެކު އެވެ. އަދި އޭގެ ކެޕްޝަންގައި "ހިއާ އިޒް ލުކިން އެޓް ޔޫ 2022" ލިޔެފައި ވަނީ، އެންމެ ފަހަތަށް މާބަނޑު މީހަކު ސިފަކޮށްދޭ އިމޯޖީއެއް ލައިފަ އެވެ.

ބަލިވެއިންކަން އިއުލާންކުރުމުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

ކާޖޮލް އާއި ގޯތަމް ކައިވެނިކުރީ އޮކްޓޯބަރު 30، 2020 ގަ އެވެ. އަދި އެ މީހުންގެ ހަނީމޫނަށް ރާއްޖެ އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ކާޖަލް އަކީ އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރެއިން އެކަކެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ މާޗްގައި ރިލީޒްކުރި ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ "މުމްބާއީ ސާގާ" އެވެ.

މިހާރު ވެސް ހަތް ފިލްމެއް އޮތް ބަތަލާގެ ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަނާ އެކު ފެންނާނެ "އިންޑިއަން 2" ހިމެނެ އެވެ. މި ފިލްމަކީ ޑައިރެކްޓަރު އެސް ޝަންކަރް 1996 ގައި ގެނެސްދިން "އިންޑިއަން" ގެ ސީކުއެލްއެކެވެ.