Roadha Mihaaru
ބަތަލާއިންނާއި ޑައިރެކްޓަރުންގެ ކައިވެނި ލިސްޓެއް

ބަތަލާއިންނާއި ޑައިރެކްޓަރުންގެ ކައިވެނި ލިސްޓެއް

02 ޖުލައި 2021

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ފިލްމީ ބަތަލާއިންނާ ކައިވެނިކޮށްގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ. އެފަދަ ކިތަންމެ ޖޯޑުތަކެއް ކުރިންނާއި މިހާރު ވެސް އެ އިންޑަސްޓްރީގައި އެބަތިއްބެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ފިލްމީ ބަތަލާއިންނާ ކައިވެނިކޮށްގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ. އެފަދަ ކިތަންމެ ޖޯޑުތަކެއް ކުރިންނާއި މިހާރު ވެސް އެ އިންޑަސްޓްރީގައި އެބަތިއްބެވެ.

މި ގޮތަށް ކައިވެނިކުރި ގިނަ މީހުންނަކީ ފިލްމީ މަސައްކަތުގެ ތެރެއިން ގުޅުން އުފެދި ކައިވެންޏާ ހަމައަށް ދިޔަ މީހުންނެވެ.

* މަހޭޝް އާއި ސޯނީ

ޑައިރެކްޓަރު މަހޭޝް ބަޓާއި ސޯނީ ރާޒްދާން ކައިވެނިކުރީ 1986 ގަ އެވެ. އޭގެ ދެ އަހަރު ކުރިން މަހޭޝް ޑައިރެކްޓްކުރި ފިލްމު "ސާރަންޝް" ގައި ސޯނީ މަސައްކަތްކުރި އެވެ.

އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، މަހޭޝް ގެނެސްދިން އެކި ފިލްމުތަކުގައި ސޯނީ ސަޕޯޓިން ރޯލްތަކެއް ކުޅުނެވެ. މަހޭޝްއާ ސޯނީ ކައިވެނިކުރި އިރު ވެސް، މަހޭޝް އަކީ ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ލިބި، އަދި ބޮލީވުޑްގެ ބައެއް ބަތަލާއިންނާ ވަރަށް ސީރިއަސް ލޯބީގެ ގުޅުންތަކެއް ވެސް ބޭއްވި މީހެކެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެކަކީ މަރުވެފައިވާ ބަތަލާ ޕަރްވީން ބާބީ އެވެ.

މަހޭޝްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނަކީ ބަތަލާ ޕޫޖާ ބަޓާއި ރާހުލް ބަޓެވެ. ސޯނީ އާއ މަހޭޝްގެ ކައިވެންޏަށް ލިބުނު ދަރިންނަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ އާލިއާ ބަޓާއި ޝާހީން ބަޓެވެ.

* ކަބީރާއި މިނީ

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަބީރް ޚާންގެ އަންހެނުންނަކީ ބަތަލާ މިނީ މާތޫރެވެ. މިނީ އަކީ ބަތަލާއެއްގެ އިތުރުން ޓީވީ ހޯސްޓެއް ވެސް މެ އެވެ. އޭނާ ހޯސްޓްކޮށް ދީފައިވާ ޝޯތަކުގެ ތެރޭގައި "އިންޑިން އައިޑޮލް" ވެސް ހިމެނެ އެވެ.

"އޭކް ތަ ޓައިގާ" އާއި "ބަޖިރަންގީ ބައިޖާން" އާއި "ޓިއުބްލައިޓް" ފަދަ ފިލްމުތައް ގެނެސްދިން ކަބީރާއި މިނީ އަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ވިވާން ޚާނާއި ސާއިރާ ޚާނެވެ.

* ސޮނާލީ އާއި ގޯލްޑީ

ބަތަލާ ސޮނާލީ ބެންޑްރޭ އާއި ޑައިރެކްޓަރު ގޯލްޑީ ބޭލް ކައިވެނިކުރީ 2002 ގަ އެވެ. އެ ކައިވެންޏަށް ފިރިހެން ދަރިޔަކު ވެސް އެބަހުއްޓެވެ.

ގޯލްޑީއާ ކައިވެނި ކުރުމުގެ ގޮތުން ސޮނާލީ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް އެންމެ ބޮޑަށް އަޑުއެރީ އެކީގައި ފިިލްމުތަކެއް ކުޅުނު ސުނިލް ޝެޓީއާ އެވެ. އެކަމަކު އޭނާ އަކީ 1992 ގައި ފިލްމު "ބަލްވާން" އިން ބޮލީވުޑަށް ނުކުތް އިރު ވެސް ކައިވެނިކޮށްގެން ހުރި އެކްޓަރެކެވެ. ސުނިލް އާއި މާނާ ޝެޓީ ކައިވެނިކުރީ 1991 ގަ އެވެ. ކައިވެންޏަށް މިހާރު ބޮޑެތި ދެ ދަރިން އެބަ ތިއްބެވެ.

ސޮނާލީގެ ފިރިމީހާ ގޯލްޑީ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޑްރޯނާ" އާއި "ބަސް އިތުނަ ސާ ޚުވާބް ހޭ" ހިމެނެ އެވެ. ގޯލްޑީ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.

* ރާނީ އާއި އަދިތިޔާ

ބަތަލާ ރާނީ މުކަރްޖީ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ކައިވެނި ކުރުމުން ވަރަށް ގިނަ ބަޔަކު ރާނީ އަށް އިނގިލި ދިއްކުރީ އަދީގެ ފުރަތަމަ ކައިވެނި ހަލާކުކޮށްލި މީހާގެ ގޮތުގަ އެވެ. ނަމަވެސް ފާހަގަކުރެވޭ އެ ކައިވެނީގެ އެންމެ ފުރަތަމަ ދުވަހުން ވެސް ފެށިގެން އެ ކައިވެނީގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ.

ނަމަވެސް ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭހޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރަކީ އަބަދުވެސް ފޮރުވިގެން އުޅޭ މީހަކަށްވާތީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދެކެވެނީ ތުންތުން މަތިންނެވެ. ކަންކަމުގެ އަސްލު މުޅިއަކުން ސާފުވާ ގޮތެއް ނުވެ އެވެ. ރާނީ އާއި އާދީ ކައިވެނިކުރީ 2014 ގަ އެވެ. އެ ކައިވެންޏަށް މިހާރު އަންހެން ދަރިޔަކު ވެސް އެބަހުއްޓެވެ.

އާދީ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އެވެ. އެ ކުންފުންޏަކީ އޭނާގެ ބައްޕަ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ތަނެކެވެ. އޭނާ ވަނީ 2012 ގައި މަރުވެފަ އެވެ.

ރާނީ އަކީ ވައިއާރްއެފްގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

އަޖޭ އާއި ކާޖޮލް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ކާޖޮލް ކައިވެނިކުރީ 1999 ގަ އެވެ. ކައިވެންޏަށް ދެ ކުދިން ވެސް އެބަ ތިއްބެވެ.

އަޖޭ އަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރުންގެ ތެރެއިން ޑައިރެކްޝަން ވެސް ހަދަމުން އަންނަ މަދު އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 2008 ގެ "ޔޫ، މީ އޯރް ހަމް" އަކީ ކާޖޮލްއާ އެކު ކުޅުނު ފިލްމެކެވެ. އަޖޭގެ ދެވަނަ ޑައިރެކްޝަނަކީ 2016 ގެ "ޝިވާއޭ" އެވެ.

އޭނާ މިހާރު އަންނަނީ ތިން ވަނަ ފިލްމެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "މޭޑޭ" އެވެ.

މޯހިތާއި އުދިތާ

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރު މޯހިތު ސޫރީގެ ލޯބީގެ ފެށުމަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 2005 ގެ "ޒެހެރު" އެވެ. އެ ފިލްމުގެ ބަތަލާއިންގެ ތެރޭގައި ހިމެނުނު އުދިތާ ގޮސްވާމީ ދެކެ ލޯބިވެވި ކައިވެންޏާ ހަމައަށް ދިޔައީ 2013 ގަ އެވެ. ކައިވެންޏަށް ފަހު އުދިތާ ވަނީ ފިލްމު ކުޅުން ވެސް ހުއްޓާލައިފަ އެވެ.

އޭނާ އާއި މޯހިތުގެ މިހާރު ދެ ކުދިން އެބަ ތިއްބެވެ.

މޯހިތަކީ "އާޝިގީ 3" އާއި "މަލަންގް" އާއި "އޭކް ވިލަން" އަދި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

* ޔާމީ އާއި އަދިތިޔާ

ބަތަލާ ޔާމީ ގޯތަމާއި ޑައިރެކްޓަރު އަދިތިޔާ ދާރް ކައިވެނިކުރީ މިދިޔަ މަހު އެވެ.

މި ދެ މީހުންގެ ކައިވެނީގެ ވާހަކަ މީޑިއާތަކާ ހަމައަށް އައީ ކުރިން ވެސް އެއްވެސް ވަރަކަށް ދެ މީހުންގެ ގުޅުމާ ބެހޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވަނީހެވެ. އެހެންވެ ގިނަ ބަޔަކަށް މި ކައިވެނީގެ ވާހަކައިން ހައިރާންކަން ގެނުވި އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ޔާމީ އަކީ އަދިތިޔާ 2019 ގައި ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "އުރީ:ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލާކަމެވެ.

އަދިތިޔާ މިހާރު އަންނަނީ "އުރީ" ގެ ބަތަލު ވިކީ ކޯޝަލާ އެކު ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ހެދުމުގެ ތައްޔާރީތައް ވަމުންނެވެ. ޔާމީ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން މަޑުމަޑުން ކުރިއަރަމުން އަންނަ އެއް ބަތަލާ އެވެ.