Roadha Mihaaru
އީސީން ބުނަނީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް!

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަކީ މައްސަލައެއް ނޫން: އީސީ

12 ޖެނުއަރީ 2022

އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޯމަތިވެފައި ވަނިކޮށް، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަލުވި ކޮށްފައިވާއިރު، މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޯމަތިވެފައި ވަނިކޮށް، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން ހަލުވި ކޮށްފައިވާއިރު، މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، ސަރުކާރުން ވަނީ އެ ދާއިރާގެ ބައެއް ރަށްރަށުގައި ތަރައްގީގެ އެކި މަސައްކަތްތައް ކުރަން ފަށައިފަ އެވެ. ކޮމަންޑު އާއި އެ ރަށް ކައިރީ އޮންނަ މަތި ކޮމަންޑޫ ނަމަކަށް ކިޔާ ފަޅު ރަށް ގުޅައިލުމުގެ މަޝްރޫއު ވެސް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާނެ އެވެ. އަދި މި ނޫން ވެސް މަޝްރޫއުތައް މި ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުއްލި ގޮތަކަށް އިއުލާނު ކޮށްފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ވެސް ބައި-އިލެކްޝަނަށް ނުކުމެވަޑައިގެންފައިވާއިރު، އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުގެ އަމަލުތަކާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކުރި އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ އިތުރުން އެމްއެންޕީން އަބްދުލް ހަންނާން އިދުރީސް އާއި އިދިކޮޅު ޕީޕީއެމުން މޫސާ ފަތުހީ ވާދަކުރައްވަ އެވެ.

ސަރުކާރުގެ އަމަލުތަކަށް އިޝާރާތް ކުރައްވައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން މަޝްރޫއުތައް ހިންގާ ވާހަކަ ދެއްކެވޭ ކަމަށާއި ނަމަވެސް ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން އެކި ރަށްރަށުގައި އެކި މަސްމަހަށް ބަހާލައިގެން ހިންގާ ކަންކަމަށް އީސީ އަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އެކަމަކު، ސަރުކާރުގެ މެނިފެސްޓޯގަ އާއި ބަޖެޓުގައި ވެސް ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ފެއްޓުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލިދާނެ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށް ހަބީބު ވިދާޅުވި އެވެ.

އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ބައެއް ފަހަރު ބަޖެޓުގައި ޖަހާފައި ނެތަސް ބައެއް ދާއިރާތަކުން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރައްވާނެ. އަދި އެއީ ކޮންމެ ދާއިރާއެއް ވިޔަސް. ސަރުކާރުން ކުރައްވާ އެކަހަލަ ކަންކަން ތަހުގީގު ކުރުމުގެ ބާރެއް ނެތް،" ހަބީބު ވިދާޅުވި އެވެ.

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުމުގެ މަޝްރޫއު ފެށުމަށް މި ސަރުކާރުން އަވަސް އަރުވާލާފައިވާއިރު، އެއީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ނުވެސް ނެތް ކަމެކެވެ.

އީސީގެ ނައިބު ރައީސް ވިދާޅުވިގޮތުގައި، ނުފޫޒު ފޯރުވުމުގެ އަމަލެއް ސަރުކާރުން ހިންގިޔަސް އެފަދަ ކަންކަން އެ ކޮމިޝަނަށް ބެލޭނީ ސިޔާސީ ޕާޓީތަކުން ލިޔުމުން ޝަކުވާ ހުށަހެޅުމުންނެވެ. މީގެ ކުރިން ވެސް އީސީން އިސް ނަގައިގެން އެފަދަ މައްސަލައެއް ބަލާފައި ނުވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހެއްކާ އެކީގައި ހުށަހެޅީމާ އިންތިހާބާ ބެހޭ ކުށެއް ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ތަހުގީގު ކުރުމުގެ ބާރު އޮތް ކަމަށް ވަންޏާ ފިޔަވަޅު އަޅާނަން،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އައިއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް، އެކި ފަރާތްތަކުން ގިނަ ޝަކުވާތަކެއް ކުރަމުން ދިޔަ ނަމަވެސް ރަސްމީކޮށް ލިޔުމުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އިންތިހަބުތަކާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކެމްޕެއިން ކުރަމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ނައިބު ރައީސް އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އީސީން ސިޔާސީ ޕާޓީތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެންޕީގެ ނައިބު ރައީސް އުޝާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު، އެ ވާހަކަތަކަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، ކޮންމެ އިންތިހާބަކީ ވެސް ނުފޫޒުން އެއްކިބާވެގެން ބާއްވާ އިންތިހާބެއް ކަން ކަށަވަރު ކުރުމަށް އީސީގެ މައްޗަށް ގާނޫނުއަސާސީން ލާޒިމް ކުރާ ކަމަށެވެ. އެހެންކަމުން ވަކި ފަރާތަކުން ޝަކުވާ ހުށަނޭޅިޔަސް އާންމުކޮށް ފެންނަން ހުންނަ ކަންކަން އެ ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަކި ފަރާތަކުން ޝަކުވާ ހުށަނޭޅި ކަމުގައިވީ ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާ ކަމަށް ވާ ނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުމަކީ އީސީ އަށް ގާނޫނީ ގޮތުން ލިބިފދީފައި އޮންނަ ބާރެއް. އަދި އެ ބާރުގެ ފުރިހަމަ އިހުތިޔާރު ބޭނުން ކުރަން ޖެހޭނެ." އުޝާމް ވިދާޅުވި އެވެ.