Roadha Mihaaru
ކޮމަންޑޫ ދާއިރާގެ ފިކުރު ބަދަލުވާން ޖެހޭ ސަބަބެއް ނެތް

ކޮމަންޑޫ ދާއިރާގެ ފިކުރު ބަދަލުވާންވީ ސަބަބެއް ނެތް: ރައީސް

03 ފެބުރުއަރީ 2022

ފަސް އަހަރަށް 2019ގައި މަޖިލީހަށް ހޮވި އަދި އޭގެ ކުރިން ވެސް ދެ ދައުރު ކޮމަންޑޫ ދާއިރާގައި އޮތް އެމްޑީޕީގެ ފިކުރު މި އިންތިހާބުގައި ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފަސް އަހަރަށް 2019ގައި މަޖިލީހަށް ހޮވި އަދި އޭގެ ކުރިން ވެސް ދެ ދައުރު ކޮމަންޑޫ ދާއިރާގައި އޮތް އެމްޑީޕީގެ ފިކުރު މި އިންތިހާބުގައި ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ދެ ވަނަ ފަހަރަށް ކޮަމަންޑުއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ ކެންސަރު ބަލީގައި އަވަހާރަވި ހުސެއިން ވަހީދާ އެކު 2019 ގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާ އިން މަޖިލީހަށް ވެއްދީ ފިކުރެއް ކަމަށެވެ. އެ ފިކުރާއި ވިސްނުން ދެމިއެބައޮތް ކަމަށާއި ދާއިރާގެ ރައްޔިތުން އަދިވެސް ކުރަން ޖެހިފައި އޮތް ކަމަކީ އެ ވިސްނުން ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމީ ފަސް އަހަރު ދުވަހަށް ސަރުކާރަށް ތާއީދުކޮށް، މަޝްރޫއުތަކަށް މަޖިލީހުގައި ބަސް އިއްވުމަށެވެ.

ރައީސް ސޯލިހް ކޮމަންޑުއަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރައީސް ސޯލިހް ކޮމަންޑުއަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އެކަން އެ ގޮތުގައި ބޭއްވުމަކީ މި ދާއިރާގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންކަން އަވަސްވެ ފުރިހަމަވެގެންދާނެ ކަމެއް. ރާޝީދު މި އިންނެވީ އެ ފިކުރުގައި، އެ ވިސްނުމުގައި މަސައްކަތް ކުރަން،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ކޮމަންޑު އާއި ފޯކައިދު އާއި މަރޮށީގެ ރައްޔިތުންގެ ވިސްނުން ބަދަލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް."

އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަވެރިކަން ބޮޑެވެ. އެމްޑީޕީން މުހައްމަދު ރާޝިދު ވާދަކުރައްވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހީ އެވެ. އެންއެމްޕީގެ ކެންޑިޑޭޓަކީ އަބްދުލްހަންނާނެވެ.

މި އިންތިހާބަށް ކޮމަންޑޫ ދާއިރާގައި ސަރުކާރުން މަޝްރޫއުތަކުގެ ސްޕީޑު އަވަސްކޮށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ތަރުތީބުކުރަމުން އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުން އަވަސްވާން ޖެހުނީ ރައްޔިތުން އެ ގޮތް ބޭނުންވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ދެން ވެސް ދާއިރާ އިން އެދޭ ކަންކަން އަންނާނީ، ރައީސް ވިދާޅުވި ގޮތުގައި، ފުރިހަމަވަމުންނެވެ. އެއީ ސިއްހީ މަރުކަޒު އަފްގްރޭޑްވުން ކަމަށް ވިޔަސް ބަނދަރުގެ ނިމުން ވިޔަސް ކުރިއަށްދާނެ ކަަމަށް ވިދާޅުވި އެވެ.

ކޮމަންޑޫ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި ރައީސް ވިދާޅުވީ އެންމެން ކޮމަންޑުއަށް ވަޑައިގެން މަސައްކަތް ކުރާ ސަބަބާ މެދު ސުވާލު އުފައްދާ ކަމަށެވެ. އޭގެ ޖަވާބަކީ އެއްވެސް ދާއިރާއެއްގެ އެއްވެސް ރައްޔިތަކު ބާކީކުރަން މި ސަރުކާރުން ބޭނުން ނުވުން ކަމަށް ވިދާޅުވި އެވެ.

މި ގޮނޑި ދޫކޮށްލިއަސް މަޖިލީހުގައި މާބޮޑު ތަފާތެއް އެމްޑީޕީގެ އަޣުލަބިއްޔަތަށް ނާންނާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ދާއިރާގެ ތަރައްގީ ނުވެ އޮންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ތަރައްގީ އާއި ކުރިއެރުން ފަސޭހަވާނީ ސަރުކާރާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި މެމްބަރަކާ އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ވި އަސާސީ ވައުދުތައް ހުރިހާ ދާއިރާއެއްގައި ވެސް ފަސް އަހަރުން ނިންމަވާނެ ކަމަށެވެ. ރައީސް އެދިވަޑައިގަތީ ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް ވިސްނުން އެއްގޮތްކޮށް، އެކަންކަން ފުރިހަމަކުރަން ސަރުކާރާ އެކު ދެމިތިބުމަށެވެ.