Roadha Mihaaru
ލޭއޮހޮރުވުމާ ދެކޮޅަށް އާސެނަލް ހާއްސަ ކިޓެއްގައި ކުޅެނީ

ލޭއޮހޮރުވުންތަކާ ދެކޮޅަށް އާސެނަލް އިން ހާއްސަ ކިޓެއްގައި ކުޅެނީ

08 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޒުވާނުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ލޭއޮހޮރުވުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން، މާދަމާ ރޭ އެފްއޭ ކަޕްގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ އާސަނަލް މެޗުގައި ހުދު ކުލައިގެ ޚާއްސަ ޖޯޒީއެއް ބޭނުންކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި ވިލާތުގެ ލަންޑަނުގެ ޒުވާނުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ލޭއޮހޮރުވުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން، މާދަމާ ރޭ އެފްއޭ ކަޕްގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ އާސަނަލް މެޗުގައި ހުދު ކުލައިގެ ޚާއްސަ ޖޯޒީއެއް ބޭނުންކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮވިޑް ލޮކްޑައުންއާ އެކު ވެސް ނިމިދިޔަ 2021 ވަނަ އަހަރު ލަންޑަންގައި ވަނީ ރެކޯޑް އަދަދަކަށް ފުރާއުމުރުގެ ކުދިންގެ މަރުގެ މައްސަލަ ރެކޯޑް ކުރެވިފަ އެވެ. މިދިޔަ އަހަރު އެކަނި ވެސް ލަންޑަނުގައި 27 ޒުވާނަކަށް ވަނީ ވަޅިން ހަމަލާ ދީ މަރާލައިފަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މެރުމުގެ މައްސަލަތައް ލަންޑަނުގައި ފެންމަތިވި އަހަރެވެ.

"ނޯ މޯ ރެޑް" ގެ ނަމުން ނަންދީފައިވާ މި ކެމްޕޭނުގެ ސަބަބުން ޒުވާނުންގެ ފަރާތުން އެދެވޭ ބަދަލެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ކުލަބުން ބުނެފައިވެ އެވެ.

އެފްއޭ ކަޕުގައި މި ހާއްސަ ޖޯޒީ އާސެނަލް އިން ބޭނުން ކުރަނީ ޕްރިމިއާ ލީގުގައި އިތުރު ކިޓެއް ބޭނުން ކުރުމުގެ ފުރުސަތު ނެތުމުން ކަމަށް ވެސް އެ ކުލަބުން ބުނެ އެވެ.

މުޅިން ހުދު ކުލައިގެ މި ހާއްސަ ޖޯޒީ އާސެނަލް އިން ވިޔަފާރީގެ ގޮތުގައި ބޭނުމެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އާސެނަލް ނިސްބަތްވާ ސަރަހައްދުގެ ކޮމިއުނިޓީއަށް މަސައްކަތް ކުރާ ފަރާތްތަކަށް އެޑިޑާސް އަދި ކުލަބުން މީގެ ޖޯޒީ ބަހަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މާދަމާގެ މެޗުގައި އާސެނަލްގެ ގޯލްކީޕަރު ފިޔަވައި ދެން ކުޅޭ 10 އައުޓްފީލްޑް ކުޅުންތެރިންގެ ޖޯޒީ، ކުށްކުރުމާއި ޒުވާނުން މާރާމާރީ ހިންގުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ހައްލުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހަދިޔާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އާސެނަލްގެ މި އިސްނެގުމަށް ކިޓް ސްޕޮންސަރުން ކަމަށްވާ އެޑިޑާސްގެ އިތުރުން އާސެނަލް އާއި އިންގްލެންޑުގެ ކުރީގެ ތަރި އިއާން ރައިޓް އާއި މަޝްހޫރު އެކްޓަރު އިދްރީސް އެލްބާ ވެސް ވަނީ ތާއީދުކޮށްފަ އެވެ.