Roadha Mihaaru
ޕީސީއާރު ޓެސްޓާ އެކު އަނެއްކާވެސް އަލީ ލަތީފުގެ ނަން!

ޕީސީއާރު ޓެސްޓާ އެކު އަނެއްކާ ވެސް އަލީ ލަތީފުގެ ނަން!

10 ޖެނުއަރީ 2022

އާންމުން ޝައްކު ކުރަނީ ސަބަބުތަކެއް އޮވެގެންނެވެ؛ ރޭ ވެދިޔަ ކަންތަކަށް ވިސްނާލަމާ ހިނގާށެވެ!

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

އާންމުން ޝައްކު ކުރަނީ ސަބަބުތަކެއް އޮވެގެންނެވެ؛ ރޭ ވެދިޔަ ކަންތަކަށް ވިސްނާލަމާ ހިނގާށެވެ!

މާލެ އިން ބޭރަށް ފުރާ ކޮންމެ މީހަކު ހަމަ ކުއްލިއަކަށް ޕީސީއާރު ޓެސްޓް ހަދަން ޖެހުނީ އެވެ. ސަބަބަކީ މާލޭގެ ޕޮޒިޓިވިޓީ ރޭޓް މައްޗަށް ދިއުމެވެ. ވަގުތުން ކިޔޫ ދަމާލީ އެވެ.

ޕޮޒިޓިވިޓީ ރޭޓް މައްޗަށް ދިޔައިރު، އަޅަން ޖެހޭ ބައިވަރު އެހެން ފިޔަވަޅުތައް އެބަހުއްޓެވެ. އަދި އޭގެ ކުރިން ވެސް، އެ ރޭޓަށް އަންނަ ބަދަލުތަކާ އެކު އަޅަން ޖެހޭ ބައިވަރު ފިޔަވަޅުތައް ހުއްޓާ، އެ ރޭޓް ދަށްކުރަން ހަމަ އެއްވެސް ކަމެއް އެޗްޕީއޭ އިން ނުކޮށް [މާސްކް އެޅުން ހަނދާންކޮށްދިނުން ފިޔަވައި] އަމުދުން އެކަމާ ގުޅިގެން އެއްވެސް ހޭލުންތެރިކަމެއް ނުހިންގައި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ބޮޑު ތަކުލީފެއް ފަހު ވަގުތު ޖެއްސީ އެވެ. އެކި ބޭނުންތަކުގައި ރަށްރަށުން މާލެ އަށް އެތައް ހާސް ބަޔަކު އައިސް އެނބުރި ރަށަށް ދާން ތައްޔާރުވެ، އެއް ބަޔަކު ޓިކެޓް ނަގާފައި ވެސް ވަނިކޮށް ބޮޑު އުނދަގުލެއްގެ ތެރެއަށް އެ މީހުން ވައްޓައިލީ އެވެ.

އެހެންވެ، ކަމާ ބެހޭ ފަރާތްތަކަށް އާންމުން ރޭ އޮތީ "ބެވުމެވެ". އަނެއް ބަޔަކު އޮތީ ޝައްކު ކުރުމެވެ-- ޑރ. އަލީ ލަތީފަށެވެ. އޭނާއަކީ، ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ އެންމެ އިސް މޭސްތިރިޔާ އެވެ. ޓެގް ޓީމްގެ ވެރިޔާ އެވެ.

އަލީ ލަތީފުގެ ނަން ކީއްވެ؟

ޑރ. އަލީ ލަތީފަކީ ކޮވިޑަށް ޓެސްޓް ހަދައިދޭ އެންމެ ވަރުގަދަ އެއް ލެބޯޓަރީގެ ހިއްސާ ކުރިން އޮތް، އެ ތަން އުފެއްދުމުގެ އެއް ބާނީ އެވެ. ކޮވިޑްގެ ތެރޭގައި، އޭނާގެ ހިއްސާ އޮތީ ބަދަލުކޮށްފަ އެވެ. ކުރިން ވެސް އާންމު ވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު އޭނާގެ މަސްލަހަތު ހިމެނޭ، ކޮވިޑާ ގުޅުން ހުރި ބައެއް އެހެން ވިޔަފާރިތައް ވެސް ހިމެނެ އެވެ. ޓެގް ޓީމުގައި އިސްކޮށް ހުންނަވާ އިރު، އަލީ ލަތީފުގެ މަސްލަހަތު ހިމެނޭ ނުވަތަ ހިމެނުނު މި ދެންނެވި ކްލިނިކުން މިލިއަން މިލިއަނުން ދިޔައީ ފައިދާ ހޯދަމުންނެވެ. މިއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ.

ކޮވިޑް-19 އާ ގުޅޭ މަޝްވަރާއެއް، ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި އެޗްޑީސީގެ އެމްޑީ ސުހައިލް ކުރިއަށް ގެންދަވަނީ.---ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅޭ މަޝްވަރާއެއް، ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި އެޗްޑީސީގެ އެމްޑީ ސުހައިލް ކުރިއަށް ގެންދަވަނީ.---ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

ޕީސީއާރު ޓެސްޓްގެ ވިޔަފާރިއަކީ، ވަރަށް ބޮޑު ވިޔަފާރިއެކެވެ. ހަމައެކަނި މި ޓެސްޓް އެކަނި ހަދަން ހުޅުވައިފައިވާ، ނުވަތަ ހަމައެކަނި މި ޓެސްޓް އެކަނި ހަދައިދޭ ކްލިނިކްތައް ވެސް އެބަހުއްޓެވެ. ކޮންމެ ތަނަކަށް ބަލާލިޔަސް ކިޔޫ އޮންނަނީ ބާރުވެފަ އެވެ. ރާއްޖޭގައި އެންމެ ގަދައަށް ކޮވިޑް ފެތުރުނު އިރު، މީހަކަށް އޭގެ ހަގީގަތް ވެސް ނޭނގި، އެތައް މިލިއަން ރުފިޔާއެއްގެ ވިޔަފާރި ބައެއް ކްލިނިކްތަކުން ކުރި އެވެ. އޭރު ހުރިހާ ކްލިނިކާއި ހޮސްޕިޓަލްތަކުން ކޮވިޑް ޓެސްޓެއް ހަދައިދެމުން އައީ 1،700ރ. އަށެވެ. ފަހުން އެކި އަގުތަކަށް ވެއްޓި، މިހާރު އާންމު ރޭޓަކީ 750ރ. އެވެ. ބައެއް ތަންތަނުން 500ރ. އަށް ވެސް ކޮށްދެ އެވެ. އެކަމަކު އެއީ ޕެކޭޖްތަކެއްގެ ތެރެއިންނެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ކޮވިޑް ޓެސްޓަކަށް އޭގެ އަސްލު އަގު 150ރ. ވެސް ނުޖެހޭ ކަމަށް ވެ އެވެ.

ކޮވިޑް ފެތުރެން ފަށާއިރަށް އެންމެ ފުރަތަމަ އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕީސީއާރުގެ ނަން މި ގެންނަނީ ކީއްވެގެންތޯ، އެއީ އާންމުންގެ ފުރަތަމަ ސުވާލެވެ. ދެވަނަ ސުވާލަކީ، ޕީސީއާރު ޓެސްޓް ހަދާ ކްލިނިކެއްގެ މަސްލަހަތު އޮންނަ ބޭފުޅަކު ޓެގް ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާ އިރު، އެކަން މަސްލަހަތު ފުށުއަރާ ކަމަކަށް ނުވަނީތޯ އެވެ!

އާންމުންގެ އެ ސުވާލަކީ މީގެ ކުރިން ވެސް އެތައް ފަހަރަކު ކޮށްފައިވާ ސުވާލެކެވެ. އެކަމަކު އެ މަސްލަހަތު ފުށުއަރާކަން އެންމެންނަށް ވެސް އެނގޭއިރު، އެކަން އަދިވެސް ދަނީ ތަކުރާރު ވަމުންނެވެ. އަލީ ލަތީފު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ އެއްވެސް ހިއްސާއެއް މި ވިޔަފާރީގެ ތެރެއަކު ނުވެ އެވެ. އެކަމަކު އާންމުން އެކަން ގަބޫލެއް ވެސް ނުކުރެ އެވެ.

އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކާ އެކު، އަލީ ލަތީފު މަންޒަރު ކުރިމަތިން ގެއްލިގެން ދިޔަތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. މިހާރު ޓެގް ޓީމުގެ ކަންކަމުން ކެމެރާ ކުރިމަތިން ނުފެނުނަސް، އަލީ ލަތީފު ހަމަ ހުންނަވަނީ ޓެގް ޓީމު ލީޑްކުރައްވާށެވެ.

ޕީސީއާރު ހަދާށޭ ބުނުމުން ހުޅުފަޅައިގެން

ސްކޫލު ދުވަސްވަރަށް ވެފައި، މާލެ އަށާއި މާލޭ ސަރަހައްދަށް އެތައް ބަޔަކު ޗުއްޓީ އަށާއި ބޭސްފަރުވާ އަށް އައިސް ތިއްބާ އެ މީހުންނަށް ކުއްލިއަކަށް އިވުނީ ޕީސީއާރު ޓެސްޓް ހަދަައިގެން ނޫނީ ރަށަށް ނުދެވޭނެ ކަމެވެ. އެ ހަބަރާ އެކު ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ޕީސީއާރު ހެދޭނެ ގޮތްތަކަކީ ކޮބައިތޯ ބެލިއިރު، ހިލޭ ހެދޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ސޯޝަލް ސެންޓަރުގައި ހުޅުވާފައިވާ ކަލެކްޝަން ސެންޓަރު އެކަންޏެވެ. އެތަނަށް ދިޔައިރު ކިޔޫގެ އަނެއްކޮޅު ވީ ހިސާބެއް ނޭނގެ އެވެ.

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި މިރޭ ކިއު ހަދާލާފައި.- ޓްވިޓާ ފޮޓޯ: ފިރާޝް

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި މިރޭ ކިއު ހަދާލާފައި.- ޓްވިޓާ ފޮޓޯ: ފިރާޝް

"މި ތާނގައި ހުންނަތާ ދެ ގަޑިއިރު ވީ. މަގުމަތިން ސާމްޕަލް ނަގައިދެނީއެއް ނޫން. ހިލޭ ހެދޭނެ އެހެން ގޮތެއް ނެތް،" ކިޔޫގެ ދިގުމިން އޮތް ހިސާބު ފޮޓޯއަކުން ދައްކާލަމުން މީހަކު ޓްވީޓް ކުރި އެވެ.

އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެކަން ހިލޭ ހެދޭނެ ފަސޭހަ ގޮތެއް ނެތުމެވެ. ޕީސީއާރު ޓެސްޓް ހަދަން ލާޒިމް ކުރާއިރު، އެކަން ކުރެވޭނެ ގޮތްތަކެއް ވެސް އޮންނަން ޖެހެ އެވެ. އައިޖީއެމްއެޗުން ހަދައިދެނީ ހަމައެކަނި އެތަނަށް ދާ ބަލި މީހުންގެ އެވެ. މާލޭގައި ކުރިން މަގުމަތިން ސާމްޕަލް ނަގާ ޓީމުތައް ވެސް މިހާރު އާންމުކޮށް އެކަމެއް ނުކުރެ އެވެ. ދެން ހުންނަނީ ސޯޝަލް ސެންޓަރުގައި ހުންނަ ކަލެކްޝަން ސެންޓަރެވެ. އެތަން ވެސް ހުޅުވަނީ ރޭގަނޑު އެންމެ ދެ ގަޑިއިރަށެވެ! ރޭ އެތަނުގެ ކިޔޫ އޮތީ ހައިރާންވާހާ ދިގުކޮށް ދަމާލައިފަ އެވެ.

އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ސަރުކާރަށް އެނގި، ފަހުން ވަނީ ޕީސީއާރު ހެދުމުގައިދެ ދުވަހަށް ކުޑަ ލުޔެއް ދީފަ އެވެ. އޭގައި ބުނެފައިވާ ގޮތުން ސާމްޕަލް ނަގާފައި ރަށަށް ދެވިދާނެ އެވެ. އެކަމަކު ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީންގަ އެވެ. ދެވަނަ ގޮތަކީ ރަށުން ޓެސްޓް ހަދަި ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުމެވެ.

މި ދެގޮތުން ވެސް އާންމުން ހިޔާރު ކުރެވެން އޮތީ، މާލޭގެ ކްނިލިކްތަކަށް ފައިދާވާ ގޮތެވެ. އެއީ ސާމްޕަލް ނަގައިގެން ރަށަށް ގޮސް ކަރަންޓީން ވުމެވެ. ސަބަބަކީ، ކޮވިޑަށް ޓެސްޓްކުރެވެން ސީދާ ހުރީ ވަރަށް މަދު ރަށެއްގައި ކަމަށް ވާތީ އާއި ނަތީޖާ ލިބެން ނަގާ ދުވަސް ގިނަ ވުމެވެ!

ޕީސީއާރު ހަދަން ޖެހޭ ކަމަކަށް އާންމުން ގަބޫލެއް ނުކުރޭ

ޕީސީއާރު ޓެސްޓޭ ހަމަ ބުނާ އިރަށް މިހާރު އިވޭ އަނެއް ވާހަކައަކީ އެއީ ހަދަން ޖެހޭ އެއްޗެއް ނޫން ކަމެވެ. ސަބަބެއްގެ ގޮތުގައި ދައްކަނީ ދެ ފަހަރަށް ވެކްސިން ޖަހައިގެން ތިބުމެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، ޕީސީއާރު ޓެސްޓަކީ "ސަރުކާރުން ވަކި ބަޔެއްގެ ވިޔަފާރި ފުޅާކުރަން ހިންގާ ޖަރީމާ" އެކެވެ.

"ޕީސީއާރު ޓެސްޓް ހަދާނެ ކަމެއް ނެތް،" ޓްވިޓާގައި ރޭ އެކަކު ބުނެފައި ވެ އެވެ.

"ކަމެއްގައި މަސްލަހަތު ފުށުއަރާނީ މިހާވަރަށް. އެކަކު މި ބުނަނީ ޓެސްޓް ހަދާށޭ. ނުސީދާ މި ބުނަނީ ކްލިނިކަށް ގޮސް ޓެސްޓް ހަދާށޭ. ތިމަންނާމެން ލާރި ބޭނުމޭ."

އެހެން ބައެއް މީހުން ވެެސް އެ ނަޒަރުން ވަރަށް ގިނަ ވާހަކަ ދައްކައިފައި ވެ އެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވާ ގޮތުގައި "ދުނިޔޭގައި ކޮވިޑް މިހާރު ގަބޫލުނުކުރާ އެއްޗަކަށް ހަދާއިރު މި ގައުމުގައި އަދިވެސް މި ދައްކަނީ ޕީސީއާރު ޓެސްޓް ހަދާށޭ" އެވެ.

ޓެގްގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފާއި އެ ކޮމިޓީގެ ބައެއް އެހެން ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

ޓެގްގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފާއި އެ ކޮމިޓީގެ ބައެއް އެހެން ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

އެކަމަކު، ކޮވިޑްގެ ބިރު ހަގީގަތުގައި ދުނިޔެ އިން އަދި އެއްގޮތަކަށް ވެސް ފިލައިގެނެއް ނުދެ އެވެ. ދުނިޔޭގެ ވަރަށް ގިނަ ސިޓީތައް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. ރާއްޖޭގައި ވެސް ކޮވިޑްގެ ރާޅުތަކެއް އަދިވެސް އައުމުގެ ބިރު އެބައޮތެވެ. ޕީސީއާރު ވެސް ހަދަން ޖެހެ އެވެ. އެއީ ވެސް ސަލާމަތާއި އެހެން މީހުންގެ ރައްކާތެރި ކަމަށް ޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު މައްސަލައަކީ، އިތުބާރު ގެއްލިފައި އޮތުމެވެ. ކިތަންމެ ހެޔޮ ނިޔަތެއްގައި ޕީސީއާރު ހަދަން ބުންޏަސް އެކަން އާންމުންގެ ވަރަށް ގިނަ ބަޔަކު ބަލަނީ ބަޔަކު ހިންގާ ވިޔަފާރިއެއްގެ ގޮތަށެވެ.

ކިތަންމެހާ ވެސް ދެރަ އެވެ! ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ހެޔޮ ނިޔަތެއްގައި ކަމެއް ނުކުރާ މިކަހަލަ ގައުމެއްގައި އާންމުން އަބަދު ވެސް ދެކޭނީ ޝައްކުގެ ނަޒަރަކުންނެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއްގައި ވެސް ގަބޫލުކުރާނީ އެހެންނެވެ. އެކަމަކު އެ ގޮތަށް ވިސްނުމަކީ ވެސް މައްސަލައެއް ނޫނެވެ! މައްސަލަ އަކީ އެގޮތަށް ވިސްނަން ފުރުސަތު ދިނުމެވެ.