Roadha Mihaaru
ޕާޓީއަށް ނުދިއުމުން ބަދަލު ހޯދަން އިންވޮއިސް ފޮނުވައިފި

ކައިވެނި ޕާޓީއަށް ނުދިޔަ މީހުންގެ އަތުން ބަދަލު ހޯދަން އިންވޮއިސް ފޮނުވައިފި

01 ސެޕްޓެމްބަރ 2021

މިދިޔަ މަހު ޖެމައިކާގެ ރިސޯޓެއްގައި ބޭއްވި އެމެރިކާ ދެ މީހެއްގެ ޑެސްޓިނޭޝަން ވެޑިންއަށް ދައުވަތު ދިނުމުން އެ ހަފުލާ އަށް ނުދިޔަ މީހުންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުދޭން އަންގައި އިންވޮއިސްއެއް ހަދައި ތަފާތު ގޮތަކަށް މެސެޖެއް ފޮނުވުމުން އާންމުންގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ޖެމައިކާގެ ރިސޯޓެއްގައި ބޭއްވި އެމެރިކާ ދެ މީހެއްގެ ޑެސްޓިނޭޝަން ވެޑިންއަށް ދައުވަތު ދިނުމުން އެ ހަފުލާ އަށް ނުދިޔަ މީހުންގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުދޭން އަންގައި އިންވޮއިސްއެއް ހަދައި ތަފާތު ގޮތަކަށް މެސެޖެއް ފޮނުވުމުން އާންމުންގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބިއްޖެ އެވެ.

ކައިވެނިކުރި ފިރިހެން މީހާ ޑަގް ސައިމަންސްގެ ސެޕްޓިމްބާ ޕެޓީގެ ނަމުގައި ހެދި މި އިންވޮއިސް ފޭސްބުކް ޕޭޖްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އޭގައިވާ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ޖެމެއިކާގެ ރޯޔަލްޓަން ނެގްރިލް ރިސޯޓް އެންޑް ސްޕާގައި ބޭއްވި، ޝިކާގޯ އަށް ނިސްބަތްވާ ޑަގް އާއި ޑެޑްރާ ސައިމަސްގެ ކައިވެނީގެ ހަފުލާ އަށް ނުދިޔަ މީހުންގެ އަތުން ހޯދަން އެދިފައި ވަނީ ކޮންމެ މީހެއްގެ އަތުން 240 ޑޮލަރެވެ. ކައިވެނީގެ ހަފުލާ އަށް 109 މީހަކަށް ދައުވަތު ފޮނުވި އިރު، ބޮލަކަށް ހިނގާނެ ހަރަދަކަށް ކަނޑައަޅާފައި އޮތީ 120 ޑޮލަރެވެ.

ނަމަވެސް ކައިވެނީގެ ހަފުލާ އަށް ނުދިޔަ އަށް މީހެއްގެ ސަބަބުން "ބަދަލު ހޯދަން" ފޮނުވި އިންވޮއިސްގައި ދެގުނަ ހޯދަން އެދިފައި އޮތީ ކޮންމެ ދައުވަތަކީ ދެ މީހުން ކަމަށް ބަލައިގެންނެވެ.

ޑަގްގެ ނަމުގައި ހަދާފައި އޮތް އިންވޮއިސް ނިންމައިލަމުން ބުނެފައި އޮތީ ހަފުލާ އަށް ހާޒިރު ނުވުމުން ލިބުނު ގެއްލުމަށް ދައްކަން ޖެހޭ ފައިސާ ޕޭޕަލް އާއި ޒެލް މެދުވެރިކޮށް ވެސް ދެއްކޭނެ ކަމަށެވެ.

މި އިންވޮއިސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، އޭގެ ވާހަކަ ވަރަށް ގިނަ މީޑިއާތަކުގައި ވެސް ގެނެސްދީފައިވެ އެވެ. މިކަމާ ބެހޭ ގޮތުން ފޮކްސް5 އަށް ދިން އިންޓަވިއުއެއްގައި ދެމަފިރިން ބުނީ އިންވޮއިސް އަކީ ހަގީގަތުގައި ބަދަލެއް ހޯދަން ހެދި އެެއްޗެއް ނޫން ކަމަށެވެ. އެ މީހުން ބުނި ގޮތުގައި އޭގެ މަގުސަދަކަށްވީ ދައުވަތެއް ދީފި އެ ދައުވަތު ގަބޫލުކުރުމުގެ މުހިއްމުކަން ސަމާލުމަކަށް ގެނައުން ކަމަށެވެ. އަދި ކައިވެނީގެ ހަފުލާއެއް ބާއްވާނީ ބޮޑު ހަރަދެއްކޮށްގެން ކަމަށްވާތީ، ކެއުމުގެ އިންތިޒާމުތަކާއި އެހެން ކަންކަން ހަމަޖައްސާފައި އޮންނާނީ ވެސް ބޮޑު ހަރަދެއް ހިނގާނެ ގޮތަކަށް ކަމަށްވާތީ ދައުވަތު ލިބޭ މީހުން ސަމާލުކަން ދިނުމުގެ މުހިއްމުކަން އަންގައިދޭން ބޭނުންވީ ކަމަށް ދެމަފިރިން ބުންޏެވެ.

"އަސްލު ބޭނުމަކަށްވީ އަޅައިގަންނަ ކަހަލަ ގޮތަކަށް އާންމުންނަށް މުހިއްމު މެސެޖެއް ދިނުން،" ޑަގް ބުންޏެވެ.

ޑެޑްރާ ބުނި ގޮތުގައި ހަފުލާ އަށް ނުދިޔަ ބައެއް މީހުން އޭގެ ސަބަބު ވެސް އަންގައިފައެއް ނުވެ ވެ. އަދި ބައެއް މީހުން ހަފުލާ އަށް ނުދެވުމުން މާފަށް ވެސް އެދިފައިވާ ކަމަށް ބުންޏެވެ.

"މުއްސަންޖަކަސް ފަގީރަކަސް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ އެ މީހުން ކުރި ހަރަދެއް ބޭކާރު ވާކަށް. އަހަރެމެން ދޭން ބޭނުންވި މެސެޖަކީ އެއީ،" އޭނާ ބުންޏެވެ.