Roadha Mihaaru
ދެ މަސް ތެރޭ ޔޫރަޕްގެ ގިނަ ބަޔަކަށް އޮމިކްރޯން ޖެހޭނެ

ދެ މަސް ތެރޭގައި ޔޫރަޕްގެ ގިނަ ބަޔަކަށް އޮމިކްރޯން ޖެހޭނެ

12 ޖެނުއަރީ 2022

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން، ކުރިއަށް އޮތް ހަ ހަފުތާ އާއި އަށް ހަފުތާގެ ތެރޭގައި، ވިލާތުގެ ގައުމުތަކުގެ ދެ ބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން، ކުރިއަށް އޮތް ހަ ހަފުތާ އާއި އަށް ހަފުތާގެ ތެރޭގައި، ވިލާތުގެ ގައުމުތަކުގެ ދެ ބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް ޖެހޭނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ވިލާތުގެ ގައުމުތަކުގައި ކޮވިޑްގެ ބިޔަ ރާޅެއް ފެތުރެމުން ދަނިކޮށް، އޭގެ މައްޗަށް އޮމިކްރޯންގެ މާ ވަރުގަދަ ރާޅެއް މާ ބާރު ދުވެއްޔެއްގައި މިހާރު ދަނީ، އެ ސަރަހައްދުގެ ހުޅަނގުން ފެށިގެން އިރުމައްޗަށް ފެތުރެމުންނެވެ. އޮމިކްރޯންގެ ސަބަބުން ކޮވިޑް ފެތުރޭ މިންވަރު މައްޗަށް ދާނެ ކަމަށް އެ ޖަމިއްޔާ އިން މި ގޮތަށް އަންދާޒާ ކުރީ، މިއަހަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި، ވިލާތުގެ ގައުމުތަކުން ހަތް މިލިއަން މީހުންނަށް ކޮވިޑް ޖެހުމާ ގުޅިގެން، އެ ނިސްބަތަށް ބަލައިގެންނެވެ. އަދި ދެ ހަފުތާގެ ތެރޭގައި އެއަދަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ.

ހުސްވި 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، ވިލާތުގެ ގައުމުތަކުގައި އެންމެ ހަލުވިކޮށް ފެތުރެމުން ދިޔައީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ. ނަމަވެސް އެއަހަރު ނިމެނިކޮށް ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ވިލާތުގެ ގައުމުތަކުގައި ފެތުރެން ފެށުމާއެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ.

އެހެންކަމުން ކުރިއަށް އޮތް 6-8 ހަފުތާގެ ތެރޭގައި، ވިލާތުގެ ގައުމުތަކުގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔަކަށް އޮމިކްރޯންގެ ސަބަބުން ކޮވިޑް ޖެހޭނެ ކަމަށް ބެލެވެ އެވެ. މިހާރު އެންމެ ހަލުވިކޮށް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުން ދަނީ ވިލާތުގެ ގައުމުތަކުގަ އެވެ. ނަމަވެސް މެދުތެރޭ އޭޝިޔާގެ ގައުމުތަކުގައި އޮމިކްރޯން ފެތުރެމުންދާ ނިސްބަތަށް ބަލާއިރު، ވިލާތުގެ ގައުމުތަކަށް ފަހުގައި، އެންމެ ގިނަ ބަޔަކަށް އޮމިކްރޯންގެ ސަބަބުން ކޮވިޑް ޖެހޭނެ ކަމަށް ބެލެވެނީ މެދުތެރޭ އޭޝިޔާގެ ގައުމުތަކުގަ އެވެ.

އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، ބަލިމީހާގެ ހާލު މާ ބޮޑަށް ގޯސް ނުވިޔަސް، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، ވިލާތުގެ ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި، އިތުރު ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު އިނގިރޭސި ވިލާތުގައި އެކަނިވެސް، އަލަށް 142224 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ކޮވިޑް ޖެހިގެން 77 މީހަކު މަރުވި އެވެ. ފަރަންސޭސި ވިލާތުގައި ވެސް، ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ އިރު، ކޮވިޑް ޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ސިއްހީ ހިދުމަތްތެރިން ވެސް ވަޒީފާ އަށް ނުނިކުންނާތީ، އެކަށީގެންވާ ގޮތެއްގައި ހޮސްޕިޓަލްތަކުން ފަރުވާއެއް ނުދެވެ އެވެ.