Roadha Mihaaru
ޑެލްޓާ އާއި އޮމިކްރޯން އެކުވެ ޑެލްޓާކްރޯން އުފެދިއްޖެ

ޑެލްޓާ އާއި އޮމިކްރޯން މަސްހުނިވެ ޑެލްޓާކްރޯން އުފެދިއްޖެ

09 ޖެނުއަރީ 2022

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ދެ ބާވަތް ކަމަށް މިހާތަނަށް ފަހަގަކުރެވިފައިވާ ޑެލްޓާ ބާވަތުގެ ވައިރަހާއި އޮމިކްރޯން ބާވަތުގެ ވައިރަސް، މަސްހުނިވެ އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް އުފެދިފައިވާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ދެ ބާވަތް ކަމަށް މިހާތަނަށް ފަހަގަކުރެވިފައިވާ ޑެލްޓާ ބާވަތުގެ ވައިރަހާއި އޮމިކްރޯން ބާވަތުގެ ވައިރަސް، މަސްހުނިވެ އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް އުފެދިފައިވާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ޑެލްޓާކްރޯން ގެ ނަން ދީފައިވާ މި އާ ބާވަތުގެ ކޮވިޑް ވައިރަސް މިހާތަނަށް ފެނިފައިވަނީ ސައިޕްރަސް އިންނެވެ. ޔުނިވަސިޓީ އޮފް ސައިޕްރަސްގެ ބަޔޮލޮޖިކަލް ސައެންސްގެ ޕްރޮފެސަރެއް ކަމަށްވާ ލިއޮންޑިއޯސް ކޮސްޓްރިކިސް ވިދާޅުވި ގޮތުގައި، 25 މީހެއްގެ ހަށިގަނޑުން މި ބާވަތުގެ ކޮވިޑް ވައިރަސް ފެނިއްޖެ އެވެ.

ނަމަވެސް އިތުރު މީހުންގެ ހަށިގަނޑުގައި މި ބާވަތުގެ ކޮވިޑް ވައިރަސް ހުރިކަން ނުވަތަ މި ބާވަތުގެ ވައިރަހުގެ ބާރުގަދަ މިންވަރާ ބެހޭ ގޮތުން އެއްޗެއް ބުނަން އަދި މާއަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑެލްޓާކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރޭ މިންވަރާއި، އޭގެ ބާރުމިން ހުރިވަރު ދެނެގަނެވޭނީ އިތުރު ދިރާސާތައް ކޮށްގެންނެވެ. އަދި ޑެލްޓާ ބާވަތުގެ ވައިރަހާއި އޮމިކްރޯން ބާވަތުގެ ވައިރަހާ އަޅައިބަލާއިރު، ޑެލްޓާކްރޯން ބާވަތުގެ ވައިރަހުގެ ތަފާތަކީ ކޮބައިކަން ދެނެގަނެވޭނީ ވެސް އިތުރު ދިރާސާތައް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހާއި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް މަސްހުނިވެގެން އާ ބާވަތެއްގެ ކޮވިޑް ވައިރަހެއް މި އުފެދުނީ، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހަމައެކަނި އެމެރިކާ އަށް ބެލި ނަމަވެސް، އެ ގައުމުގައި ދުވާލެއްގެ މައްޗަށް އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 600،000 އިން މަތީގައި ހުންނަތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.

ޑެލްޓާކްރޯން ބާވަތުގެ ވައިރަސް ސައިޕްރަސް އިން ފެނުމާ ގުޅިގެން، މި ބާވަތުގެ ވައިރަސް ފެތުރެމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތް، ސައިޕްރަސްގެ ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން މި ބާވަތުގެ ކޮވިޑް ވައިރަހުގެ ބާރު ހުރި މިންވަރު ދެނެގަތުމަށްޓަކައި، މި ވައިރަހުގެ ހުރިހާ މައުލޫމާތެއް މިހާރު ވަނީ، ބައިނަލްއަގުވާމީ އިދާރާއެއް ކަމަށްވާ، ގްލޯބަލް އިނިޝިއޭޓިވް އޮން ޝެއާރިން އޭވިއަން އިންފުލުއެންޒާ ޑޭޓާ (ޖީއައިއެސްއޭއައިޑީ) އާ ހިއްސާކޮށްފަ އެވެ.