Roadha Mihaaru
ކޮވިޑްގެ ބޮޑެތި އަލާމާތްތައް ފެންނަ މިންވަރު ދަށް

ކޮވިޑުގެ ބޮޑެތި އަލާމާތްތައް ފެންނަ މިންވަރު ދަށް

06 ޖެނުއަރީ 2022

ކޮވިޑް ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާ ދޭންޖެހޭ މީހުންގެ ކިބައިންގެ އެ ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަ މިންވަރު، ނުވަތަ ހާލަތު ގޯސްވާ މިންވަރު، ކުރިއާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

ކޮވިޑް ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާ ދޭންޖެހޭ މީހުންގެ ކިބައިންގެ އެ ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަ މިންވަރު، ނުވަތަ ހާލަތު ގޯސްވާ މިންވަރު، ކުރިއާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ އާންމު ސިއްހަތާ ބެހޭ ވަޒީރު މެގީ ތުރޯބް ވިދާޅުވި ގޮތުގައި އެ ގައުމުގެ ހޮސްޕިޓަލުތަކުގައި މިހާރު އެނދުމަތިކޮށްގެން ކޮވިޑް ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ހަށިގަނޑުން ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މީގެ ކުރިން އެ ބައްޔަށް ފަރުވާ ދިނުމަށް އެނދުމަތިކުރާ މީހުންގެ ހަށިގަނޑުން، ބަލީގެ ނުރައްކާތެރި އަލާމާތްތައް ފެންނަ މިންވަރު ވަރަށް މަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެކަން ބަދަލުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މަތިވިޔަސް، ބަލީގައި ހާލަތު ގޯސްވާ މީހުންގެ ނިސްބަތް ދަށްވަމުންދާ ނަމަ، މި މަރުހަލާގައި ކޮވިޑުން ދިފާއުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ނަމަވެސް، އެމީހުންގެ ހާލަތަށް އަންނަ ބަދަލަށް، ކަމާ ބެހޭ އިދާރާތަކުން މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ބަލި ޖެހޭ މީހުންގެ ހާލަތަށް އަންނަ ބަދަލަށް ބެލުމެއް ނެތި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ލިބޭނީ އިތުރު ގެއްލުންކަމަށް ވެސް، އިނގިރޭސި ވިލާތުގެ ބައެއް މީޑިއާތަކުން ބުނެ އެވެ.

އާންމު ސިއްހަތާ ބެހޭ ވަޒީރު މެގީ ތުރޯބް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ ނުރައްކާތެރިކަން އެންމެ ބޮޑުވެގެން ދިޔަ ދުވަސްވަރާ އަޅައި ބަލާއިރު، މިހާރު ހޮސްޕިޓަލުތަކުގައި 24 ގަޑިއިރު ހިދުމަތުގައި އުޅެންޖެހޭ މީހުންގެ އަދަދު ވެސް ވަނީ ދެ ބައިކުޅަ އެއް ބަޔަށް ދަށް ކުރެވިފަ އެވެ. މި ބަދަލުތަކުން އެނގެނީ، ކޮވިޑުން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންގެ ރަނގަޅު ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ބުނި ގޮތުގައި، މިހާރު ހަލުވިކަމާ އެކު ފެތުރެމުން ދާ އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް ހަށިގަނޑުގައި އަށަގަންނަނީ، އިންސާނާގެ ނޭވާލާ ނިޒާމުގެ މަތީ ބައިގަ އެވެ. އަދި މި ބާވަތުގެ ކޮވިޑް ވައިރަސް ފުއްޕާމޭގެ ސެލްތަކުގައި އާލާނުވާ ކަމަށް ވެސް މިހާތަނަށް ކުރި ދިރާސާތަކުން ދައްކަ އެވެ.

އޮމިކްރޮން ބާވަތުގެ ކޮވިޑް ވައިރަސް ހަށިގަނޑަށް ވަދެ ފެތުރި އާލާވާ މިންވަރު އިތުރުވިޔަސް، މި ބާވަތުގެ ވައިރަހުން ކޮވިޑް ޖެހުމުން ހާލު ގޯސްވާ ނިސްބަތް ވަރަށް ދަށެވެ. ހާލު ބޮޑުވަރު ނުވިޔަސް، ގިނަ ބަޔަކު އެއްފަހަރާ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ ނަމަ، ގައުމުތަކުގެ ސިއްހީ ހިދުމަތުގެ ނިޒާމުތައް ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.