Roadha Mihaaru
އިންތިހާބު އިއުލާންކުރާނީ ސިޓީ އަށް މަޝްވަރާކޮށްފައި

އިންތިހާބު އިއުލާންކުރާނީ އެމްޑީޕީގެ ސިޓީ އަށް މަޝްވަރާ ކުރުމަށް ފަހު

07 ޖެނުއަރީ 2024

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެމްޑީޕީން އީސީ އަށް ފޮނުވި ސިޓީގައި ވަނީ އިންތިހާބުގެ ތާރީހާ މެދު މުއައްސަސާތަކުން އީސީއަށް ދިން ލަފަޔާ ހިލާފަށް ސަރުކާރުގެ ނުފޫޒާއެކު ރޯދަ މަސް ތެރޭގައި އިންތިހާބު ބާއްވަން އުޅޭ ކަމުގެ ތުހުމަތު ކޮށްފަ އެވެ.

އެ ޕާޓީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން އެދިފަ އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީ މިއަދު ކަނޑައަޅަން ނިންމި ނަމަވެސް އެމްޑީޕީން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެން އެކަން މަޑުޖައްސާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓީން [އެމްޑީޕީ] އިން އިލެކްޝަން ކޮމިޝަނަށް މިދިޔަ ބުރާސްފަތި ދުވަހުގެ 13:51ގައި ކޮމިޝަނަށް އެ ސިޓީ ފޮނުވާފައި އޮތީ. އެ ސިޓީ ފޮނުވުމާ ގުޅިގެން ކޮމިޝަނުން މިއަދު ޕްރެސް އަށް އައުމުގެ ކުރިން މަޝްވަރާ ކޮށްފައި މިއައީ. ކޮމިޝަނުން ނިންމީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު މި ހަފްތާގައި ގޮތެއް ނިންމަން،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގެ ތާރީހާ ގުޅޭގޮތުން އެމްޑީޕީ އާއެކު މަޝްވަރާ ކުރުމަށް މާދަމާ 11:30 ގައި ބައްދަލުވުމެއް ބާއްވަން ހަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ވަރަށް ގިނަ ކަންކަމަށް ވިސްނައި، ގިނަ ބަޔަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ތާރީހު ކަނޑައަޅާނީ ރައްޔިތުންނަށާއި ކެންޑިޑޭޭޓުންގެ އިތުރުން އީސީ އަށް ވެސް އެންމެ ފަސޭހަ ވާނެ ގޮތް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހު 10 އަށް ދިމާވާތީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީން ވަނީ މަޖިލީހުގައި ވެސް އެދިފަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އީސީން ދެ ގޮތެއް ހުށަހެޅި އެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު ނުވައެއްގައި އިންތިހާބު ބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ދެވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވޭނެ އެވެ.