Roadha Mihaaru
މަޝްރޫއުން ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލަން ގޮވާލައިފި

އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް އިއުލާންކޮށް، ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައިފި

12 ޖެނުއަރީ 2022

އިންތިހާބުތަކާ ގުޅުވައި، ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް، ވޯޓަށް ނުފޫޒު ފޯރުވަން ހުއްޓައިލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބުތަކާ ގުޅުވައި، ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް، ވޯޓަށް ނުފޫޒު ފޯރުވަން ހުއްޓައިލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، ދައުލަތުގެ ބަޖެޓުގައި މި އަހަރަށް ހިމަނާފައި ނެތް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފެށުން އިއުލާން ކުރުމުން އެކަން ކުށްވެރިކޮށް، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާންކޮށް، ޖަލްސާ ބޭއްވުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.

ކޮރަޕްޝަންގެ އެފަދަ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދި ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ކޮމަންޑު އާއި އެ ރަށާ އެއްފަޅެއްގައި އޮންނަ މަތި-ކޮމަންޑޫ ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު އިއުލާންކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮމަންޑުގައި ބޭއްވި އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަޝްރޫއު ރަސްމީކޮށް އަންނަ ހުކުރު ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އެކަމަކު ކޮމަންޑޫ ބްރިޖުން ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓެއް ވެސް ނެތްކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ޖަމާއަތުން ބުނީ ކޮމަންޑޫ ބްރިޖުގެ މަޝްރޫއު އިއުލާންކުރި ނަމަވެސް އެ މަޝްރޫއާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޅުން ހުރި ވެބްސައިޓަކުން ހާމަކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމާއި އެފަދަ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލައި އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމަ އަށް ތަންފީޒުކުރަން ފެށުމަށް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ރޭވިގެން އަންނައިރު ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން. އަދި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރު ކުރުމުގެ އިތުރުން އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުން ޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުން،" ޓްރާންސްޕޭރެންސީގެ ގޮވާލުންތަކުގައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވެސް ވާދަކުރާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މަގުފަހިވާ ގޮތަށް ސަރުކާރުން މަޝްރޫއުތައް އިއުލާން ކުރަމުންދާތީ އެމްއެންޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭ މައްސަލައިގައި އެ ޕާޓީގެ ނުރުހުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.