Roadha Mihaaru
އަކްޝޭގެ "ޑްރައިވިން ލައިސަންސް" ކަރަން އަށް

އަކްޝޭގެ "ޑްރައިވިން ލައިސަންސް" ހަދާނީ ކަރަންގެ ދަރުމާ އިން

29 ސެޕްޓެމްބަރ 2021

އިންޑިއާގެ ދެކުނުގެ ފިލްމުތަކެއްގެ ރިމޭކްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރާ އެކު މަލަޔާޅަމް ފިލްމު "ޑްރައިވިން ލައިންސަންސް" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ދެކުނުގެ ފިލްމުތަކެއްގެ ރިމޭކްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރާ އެކު މަލަޔާޅަމް ފިލްމު "ޑްރައިވިން ލައިންސަންސް" ގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފި އެވެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގެ ރައިޓްސް ހޯދީ އަކްޝޭ އާއި ކަރަން ޖޯހަރް ގުޅިގެންނެވެ. އަދި ފިލްމު ޑައިރެކްޓް ކުރާނީ ކަރަންގެ ދަރުމާ އިން ގެނެސްދިން އަކްޝޭގެ 2019 ގެ "ގުޑް ނިއުސް" ހެދި ރާޖް މެހެތާ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގްއާ އެކު ގެނެސްދޭ އާއިލީ ފިލްމު "ޖުގް ޖުގް ޖިއޯ" އެވެ.

ހަންގާމާ އިން ބުނި ގޮތުގައި "ޑްރައިވިން ލައިސަންސް" ގެ ހިންދީ ރިމޭކް ވާނީ ރާޖްގެ ތިން ވަނަ ފީޗާ ޑައިރެކްޝަނަށެވެ.

ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި 2019 ގައި ގެނެސްދިން "ޑްރައިވިން ލައިސަންސް" އަކީ ރާނީ މުކަރްޖީއާ އެކު 2012 ގެ ހިންދީ ފިލްމު "އައްޔާ" ކުޅުނު މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ބޮޑު ކާސްޓަކާ އެކު ހެދި އެ ފިލްމުގެ ޑައިރެކްޓަރަކީ ލާލް ޖޫނިއާ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ އެންމެ 4 ކްރޯޑް ރުޕީސް (539,923 ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 22.5 ކްރޯޑް ރުޕީސް (3.04 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ހަންގާމާ އިން ބުނީ އަކްޝޭއާ އެކު "ޑްރައިވިން ލައިސަންސް" ގެ ރިމޭކްގެ ޝޫޓިން ފަށާނީ އަންނަ ޖެނުއަރީ މަހު އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި ރާވާފައި އޮތީ ޝޫޓިން ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް 40 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަކްޝޭގެ އަތުގައި މި ވަގުތު ހުރި އިންޑިއާގެ ދެކުނު ފިލްމުގެ ރިމޭކްތަކަކީ ޝޫޓިން ނިންމާފައި އޮތް "ބައްޗަން ޕާންޑޭ" އާއި މިހާރު ޝޫޓިން ކުރިއަށްދާ "ސިންޑްރެއްލާ" އެވެ. އަންނަ އަހަރުގެ މާޗް 4 ގައި ރިލީޒްކުރަން ތާވަލު ކޮށްފައިވާ "ބައްޗަން ޕާންޑޭ" އަކީ 2014 ގެ ތަމަޅަ ކްރައިމް-ޑްރާމާ "ޖިގަރުތަންޑާ" ގެ ރިމޭކެވެ. އަދި "ސިންޑްރެއްލާ" އަކީ 2018 ގެ ތަމަޅަ ސައިކޮލޮޖިކަލް ކްރައިމް ތުރިލާ "ރަތުސަސަން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭގެ ހަތަރު ފިލްމެއް މިހާރު ވެސް ރިލީޒްވާން އެބައޮތެވެ. އެއީ "ސޫރިޔަވަންޝީ" އާއި "އަތުރަންގީ ރޭ" އާއި "ޕްރިތުވީރާޖް" ގެ އިތުރުން "ރަކްޝާ ބަންދަން" އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އެޅުވި "ބެލް ބޮޓަމް" އެވެ.