Roadha Mihaaru
ކާތިކް ވަކިކުރި "ދޯސްތާނާ 2" އަދިވެސް ވާނުވާގައި

ކާތިކް ވަކިކުރި "ދޯސްތާނާ 2" އަދިވެސް ވާނުވާގައި

05 ނޮވެމްބަރ 2021

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކާތިކް އާރިޔަން ވަކިކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" ބެހޭ ގޮތުން އިތުރު އަޕްޑޭޓްތަކެއް ދޭން އަދިވެސް ދަތި ކަރަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކާތިކް އާރިޔަން ވަކިކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" ބެހޭ ގޮތުން އިތުރު އަޕްޑޭޓްތަކެއް ދޭން އަދިވެސް ދަތި ކަރަން ބުނެފި އެވެ.

ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް 2019 ގެ ތެރޭގައި ނިންމާފައި އޮތް ފިލްމުން ކާތިކް ވަކިކުރި ފަހުން، އޭނާގެ ބަދަލުގައި ދެން ފިލްމަށް ނަގާ އެކްޓަރަކު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ދަރުމާ އިން އޭރު ބުނެފައިވެ އެވެ. އެކަމަކު އަހަރު ނިމިގެންދާ އިރު "ދޯސްތާނާ 2" އެއްވެސް މައުލޫމާތެއް އާންމު ނުކުރާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ބޮލީވުޑް ހަންގާމާ އަށް ކަރަން ބުނީ އެއާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދިވެސް ތައްޔާރު ނޫން ކަމަށެވެ.

ކާތިކް ވަކިކުރި ފަހުން ފިލްމަށް ދެން ނަގައިފާނެ ކަމަށް ބުނާ އެކްޓަރުންގެ ތެރޭގައި ވިކީ ކޯޝަލާއި ރާޖްކުމާރު ރާއޯގެ އިތުރުން އަކްޝޭ ކުމާރު ވެސް ހިމެނެ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން "ދޯސްތާނާ 2" އަށް ނަގާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަކްޝޭ އެވެ.

މިކަމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާގެ މަޝްހޫރު ނޫސްވެރިޔާ ސުބާޝް ކޭ ޖާ، ކަރަންއާ ސުވާލު ކުރުމުން ބުނީ "ދޯސްތާނާ ދޭއްގެ ވާހަކަ ދައްކަން ދޫ ތަޅުލެވިފައިވާ" ކަމަށާއި "ވަރަށް އަވަހަށް އަޕްޑޭޓެއް ދޭނެ" ކަމަށެވެ.

"އެކަމަކު ހަމަ ކުރިއެކޭ އެއްގޮތަށް ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި އާ އެކްޓަރު ލަކްޝް ލަލްވާނީ ހިމެނޭނެ." ކަރަން ބުންޏެވެ.

"ދޯސްތާނާ 2" އިން ކާތިކް ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ދަރުމާ އިން ހާމައެއް ނުކުރެ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޒުވާން އެކްޓަރު ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އަަސްލު ސަބަބު އޮތީ ސިއްރެއްގަ ގޮތުގަ އެވެ.

ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" އަކީ ދަރުމާ އަށް 2008 ގައި ތަރުން މަންސުކާނީ ޑައިރެކްޓްކުރި "ދޯސްތާނާ" ގެ ސީކްއެލް އެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝެކް ބައްޗަންގެ އިތުރުން ބޮބީ ޑިއޯލް އެވެ.