Roadha Mihaaru
ޒަރިޔަންދާއެކު އޭސީސީ އަށް ގިނަ ބަޔަކު ކުރިމަތިލައިފި

ޒަރިއަންދާއެކު، އޭސީސީގެ މެމްބަރުކަމަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

02 ފެބުރުއަރީ 2022

މެމްބަރުން ނެތި ގާނޫނީ ހުސްކަމެއް ތެރޭގައި އޮތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މެމްބަރުން ނެތި ގާނޫނީ ހުސްކަމެއް ތެރޭގައި އޮތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް 30 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އޭސީސީގެ މެމްބަރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމުގެ ތުހުމަތާއެކު، އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފެށުމުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެހެންވެ، އެ ކޮމިޝަނަށް މެމްބަރުން ހޯދަން ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިަމަތިލާފައި ނުވާތީ، އެ މުއްދަތު މިދިޔަ މަހު 31 އާ ހަމައަށް އިތުރުކުރީ އެވެ.

އެނގިފައިވާ ގޮތުގައި، ދެވަނަ ފުރުސަތުގައި 30 އަށް ވުރެ ގިނަ މީހުން ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި ޓެންޑަ ބޯޑުގައި މިހާތަނަށް އާއްމުން ތަމްސީލް ކުރެއްވި މެމްބަރު އިސްމާއިލް ޒަރިޔަންދާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާ ވެސް ހިމެނެ އެވެ. އަދި އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ވެސް އޭސީސީގެ މެމްބަރުކަމަށް މި ފަހަރު ކުރިމަތިލި އެވެ.

މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމާއެކު، އޭސީސީގެ މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ.

ފުލުހުން ފިޔަވައި ޖިނާއީ ތަހުގީގު ހިންގުމުގެ ގާނޫނީ ބާރު ލިބިފައިވާ އެންމެ ބޮޑު މުއައްސަސާ ގާނޫނީ ހުސްކަމެއްގައި އޮއްވައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ތެރޭގައި ސަރުކާރުން މަޝްރޫއުތައް އިއުލާން ކުރާތީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.