Roadha Mihaaru

ހަމީދު: މުޅި ހަޔާތް އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގައި!

17 ޖެނުއަރީ 2022

އެއާޕޯޓުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އަދާ ކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ވަޒީފާއާ އުމުރުން އެންމެ 18 އަހަރުގައި އޭނާ ގުޅިވަޑައިގަތީ އޭރު އެއާޕޯޓްގައި މަސައްކަތް ކުރި އާއިލާގެ މީހެއްގެ އެދުމުގެ މަތިންނެވެ. އެއާ ޓްރެފިކް ކޮންޓްރޯލު (އޭޓީއާރް) މަސައްކަތަކީ ކިހާ ވަރެއްގެ ވަޒީފާއެއް ކަން ނޭނގި ހުރެ އެވެ. އެކަމަކު އެކަން ކުރާ ގޮތް އެނގުމުން، އޭގެ ތެރެއަށް އޭނާގެ ޝައުގު ގަންބާލި އެވެ. ހުރިހާ ވަގުތެއް ހުސްކުރެއްވީ އެކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާޕޯޓުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އަދާ ކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ވަޒީފާއާ އުމުރުން އެންމެ 18 އަހަރުގައި އޭނާ ގުޅިވަޑައިގަތީ އޭރު އެއާޕޯޓްގައި މަސައްކަތް ކުރި އާއިލާގެ މީހެއްގެ އެދުމުގެ މަތިންނެވެ. އެއާ ޓްރެފިކް ކޮންޓްރޯލު (އޭޓީއާރް) މަސައްކަތަކީ ކިހާ ވަރެއްގެ ވަޒީފާއެއް ކަން ނޭނގި ހުރެ އެވެ. އެކަމަކު އެކަން ކުރާ ގޮތް އެނގުމުން، އޭގެ ތެރެއަށް އޭނާގެ ޝައުގު ގަންބާލި އެވެ. ހުރިހާ ވަގުތެއް ހުސްކުރެއްވީ އެކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އެއާ ޓްރެޕިކް ކޮންޓްރޯލްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިއަދު ހުންނެވީ އެ ތަޖުރިބާކާރެވެ. މަސްއޫލިއްޔަތު ކިތަންމެ ބުރަވެފައި، ޒިންމާ ބޮޑުވިޔަސް، އިބްރާހިމް ހަމީދު ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވަ އެވެ.

ހަމީދު، 50، މި ދާއިރާގައި މަސައްކަތް ކުރައްވާތާ 32 އަހަރުވީ އެވެ. ސްކޫލު ނިމުމާ އެކު، ސަރުކާރުން ކަނޑައަޅާފައިވާ ދެ އަހަރުގެ ބޮންޑު އަދާ ކުރެއްވުމަށް އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ލޭބާ މިނިސްޓްރީއާ އެވެ. އެއަށްފަހު، ހަ މަސް ފަހުން އޭރުގެ އެއާޕޯޓްސް އޮތޯރިޓީ އަދި މިހާރުގެ އެމްއޭސީއެލް އާ ގުޅިވަޑައިގަތީ އެއީ ކުރެވިދާނެ މަސައްކަތެއްތޯ އަޖުމަ ބަލައިލުމުގެ ގޮތުންނެވެ. އެކަމަކު އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ގޮތުގައި އެއާޕޯޓުގައި މަސައްކަތް ފެއްޓެވުން އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަންނަ ބޯޓުތަކަށް ހަމީދު ކޮމާންޑު ދެއްވަނީ: އޭނާ އަކީ އޭޓީއާރް ލައިސަންސް ދަމަހައްޓާ ރާއްޖޭގެ އެންމެ ދުވަސްވީ މުވައްޒަފު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަންނަ ބޯޓުތަކަށް ހަމީދު ކޮމާންޑު ދެއްވަނީ: އޭނާ އަކީ އޭޓީއާރް ލައިސަންސް ދަމަހައްޓާ ރާއްޖޭގެ އެންމެ ދުވަސްވީ މުވައްޒަފު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު އެންމެ ފުރަތަމަ ޓްރެއިނިން އަށް ސިންގަޕޫރަށް ދިޔައިރު އުމުރުން އެންމެ 20 އަހަރު. އޭގެ ފަހުން ރެގިއުލާކޮށް ހަދަން ޖެހޭ ޓްރެއިނިންތައް ހެދުމަށް ފަހު މި ހިސާބަށް އައީ،" އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ އިތުރުން ޗައިނާއިން ވެސް އޭނާ ވަނީ އޭޓީއާރްގެ ޓްރެއިނިންތައް ފުރިހަމަ ކުރައްވައިފަ އެވެ. މީގެ އިތުރުން ވެސް އެހެން ބައެއް ގައުމުތަކަށް ވަޑައިގެން ކުރު ކޯސްތައް ވެސް އޭނާ ހެއްދެވި އެވެ.

ހަމީދު ވިދާޅުވީ، އެއާ ޓްރެފިކް ކޮންޓްރޯލުގައި މަސައްކަތް ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވި އިރުގެ ހާލަތާއި މިހާރާ ވަރަށް ބޮޑު ތަފާތެއް އެބައޮތް ކަމަށެވެ. އޭރު ގެންގުޅުނީ ރޭޑިއޯ ސިސްޓަމެކެވެ. އެހެން ނަމަވެސް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރަނީ އެންމެ ފަހުގެ ސެޓްލައިޓް ނެވިގޭޝަން ސިސްޓަމެވެ. ރާޑާ މެދުވެރިކޮށް، ހުރިހާ މަތިންދާ ބޯޓެއް ދަތުރުކުރާ ގޮތް ރިއަލް ޓައިމްގައި ބަލައިލެވެ އެވެ.

އޭނާ 1989 ވަނަ އަހަރު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ޓަވަރުގައި އިންނަނީ އެންމެ ޑެސްކެކެވެ. އޭރު އެއާކްރާފްޓްތަކަށް ކޮމާންޑު ދެނީ އެންމެ މީހަކު ވެގެންނެވެ. އޭރުގެ ޝިފްޓްތަކުގައި މަސައްކަތް ކުރަނީ ވެސް މަދު ބަޔެކެވެ. އެހެން ނަމަވެސް މިހާރު އެއްފަހަރާ ތިން މީހުންނަށް އޭޓީއާރް ޓަވަރުގައި މަސައްކަތް ކުރެވެ އެވެ.

އޭޓީއާރް ޓަވަރުގައި ކުރާ މަސައްކަތްތައް ހަމީދު އިއްޔެ ބައްލަވާލައްވަނީ: އޭނާގެ ކެރިއަރުގެ 20 އަހަރު ހޭދަކުރެއްވީ ޓަވަރުގެ މަސައްކަތްތަކުގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޓީއާރް ޓަވަރުގައި ކުރާ މަސައްކަތްތައް ހަމީދު އިއްޔެ ބައްލަވާލައްވަނީ: އޭނާގެ ކެރިއަރުގެ 20 އަހަރު ހޭދަކުރެއްވީ ޓަވަރުގެ މަސައްކަތްތަކުގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުނާމީ އެރި ދުވަހު އޭޓީއާރުން ކުރި މަސައްކަތް ފާހަގަކުރެވޭ

ރާއްޖެ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އަށް ވެސް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއްވި އެވެ. އެއާޕޯޓުގައި ގާއިމްކޮށްފައިވާ ނެވިގޭޝަން ސިސްޓަމް އެ ދުވަހު އެއްކޮށް ހަލާކުވި އެވެ. އޭރު ހަމީދަކީ އެއާޕޯޓު ޓަވަރުގެ ސުޕަވައިޒަރެކެވެ. ސުނާމީ އެރި ދުވަސްވީ ހަމީދުގެ އޮފް ދުވަސް ނަމަވެސް އެ ބޮޑު ހާދިސާއާ ގުޅިގެން، އޭގެ އަނެއް ދުވަހު ހެނދުނު ހެނދުނާ މަސައްކަތަށް ނިކުމެ ވަޑައިގެން، އެއާޕޯޓަށް ފްލައިޓްތަކަށް ޖެއްސޭނެ ގޮތްތައް ފަހިކުރެއްވި އެވެ.

"އަޅުގަނޑު އެއާޕޯޓަށް އައިއިރު ހުރިހާ އެއާކްރާފްޓެއްހެން އޮތީ ގްރައުންޑް ވެފައި. އޭރު ރިލީފް އެއާލައިންތައް އަންނަން ހަމަޖެހިފައި އޮތީ. ކިހިނެއްތޯ އަޅުގަނޑުމެން މެނޭޖް ކުރާނީ. އަޅުގަނޑުމެންނަށް ޖެހުނު އެހެން ގައުމުތަކަށް ގުޅައިގެން އެއާލައިންތައް އަންނަ ސީކުއެންސް [ރޫޓް] ބަދަލުކުރަން ވެސް،" އޭޓީސީ ޓަވަރުގައި ހުންނަވައި ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ހަމިދު އޭޓީއާރް ޓަވަރުގައި މަޑުކޮށްލައްވައިގެން: އޭޓީއާރުން އެއާޕޯޓަށް ޖައްސާ ހުރިހާ ބޯޓަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމިދު އޭޓީއާރް ޓަވަރުގައި މަޑުކޮށްލައްވައިގެން: އޭޓީއާރުން އެއާޕޯޓަށް ޖައްސާ ހުރިހާ ބޯޓަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭރު ރާއްޖޭގައި ގާއިމްކޮށްފައި ވަނީ ސެޓްލައިޓް ނެގިވޭޝަން ސިސްޓަމެއް ނޫނެވެ. އެއާޕޯޓުގެ ހުރިހާ ނެވިގޭޝަން އިންސްފްރާސްޓްރަކްޗާ ހަލާކުވެފައި ހުރުމުން ބޭރުގެ އެހެން ގައުމުތަކުން ރާއްޖެ އަންނަ ބޯޓުތައް އައުމުގައި ވަކި ވަގުތެއްގެ ޑިލޭއެއް ބައިންދަން އެންގި އެވެ. އެކަން ކުރީ ރޭޑީއޯ ސިސްޓަމް މެދުވެރިކޮށެވެ.

"ލައިފްގައި ވެސް ދިމާވި އެންމެ ބޮޑު ޗެލެންޖު އެއީ. ފުރައިގެންދާ އެއްޗިއްސާއި މިކޮޅަށް އަންނަ ބޯޓުތައް ރައްކާތެރިކަމާ އެކު ގެންދަން މި ޖެހެނީ ހަމައެކަނި ރޭޑިއޯ ސެޓް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެެވެ.

އެއާކްރާފްޓްތައް އޮތް ދުރުމިނައި ޑައިރެކްޝަން ބެލުމުގައި ރޭޑިއޯގެ އިތުރުން ބެލީ އިންޓަނޭޝަނަލް މިންގަނޑުތައް ކިޔައިދޭ ޓަައިމް ބޭސް މައުލޫމާތުތަކެވެ. އެ މައުލޫމާތުތަކުގެ އެހީގައި ފްލައިޓް ޖައްސާނެކަން ލަފާ ކުރީ އަމިއްލައަށް ހެދި ކަލްކިއުލޭޝަންތަކެއްގެ މައްޗަށް ބިނާކޮށެވެ. މި ހުރިހާ ދަތިތަކާ އެކު ވެސް އެއްވެސް ބޮޑު މައްސަލައެއް ދިމާ ނުވެ އެއާކްރާފްޓްތަކަށް ރާއްޖޭގެ ވައިގެ ސަރަހައްދުގައި ދަތުރު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު "މިހާރު" އަށް ވާހަކަދައްކަވަނީ. ރާއްޖެއިން 24 ގަޑި އިރު ވައިގެ ފަސް ލައްކަ ސްކޮއާ ނޯޓީކަލް މޭލް ސަރަހައްދު ބަލަހައްޓާނެ--ފޮޓޯ:ނިޝާން އަލީ/މިހާރު

ހަމީދު "މިހާރު" އަށް ވާހަކަދައްކަވަނީ. ރާއްޖެއިން 24 ގަޑި އިރު ވައިގެ ފަސް ލައްކަ ސްކޮއާ ނޯޓީކަލް މޭލް ސަރަހައްދު ބަލަހައްޓާނެ--ފޮޓޯ:ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ ވައިގެ ސަރަަހައްދުގައި ދަތުރުކުރާ މަތިންދާ ބޯޓުތަކަށް ބޭނުންވާ ކޮމާންޑުތައް ދިނުމުގައި، އޭރު ހުރި މަދު ވަސީލަތްތަކާ އެކު ވެސް، މާ ބޮޑު އެރާއެއް އަރާއި ބޮޑު ހާދިސާއެއް ހިނގާފައި ނުވާ ކަމަށެވެ. އެފަދަ ކަމެއް ދިމާ ނުވަނީ އެ މަސައްކަތުގައި ގެންގުޅޭ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާއި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާއިން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް

ހަމީދު ވިދާޅުވީ، އޭނާ އަށް މި ދާއިރާގައި ކުރެއްވުނު ތަޖުރިބާ އަށް ބަލާ އިރު މި ދުވަސްވަރަކީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެންމެ ރަންވޭއެއްގައި މުޅި އެއާޕޯޓު ހިންގާ އިރު އެއާ ވިދިގެން ސީޕްލޭން ޓާމިނަލްގެ ބޯޓުތައް ކޮންޓްރޯލް ކުރުމަކީ ވެސް ވަރަށް ތަފާތު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ހިނގާ ގޮތް ނޫން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަނަށް އިންގިލާބީ މި ބޮޑެތި ބަދަލުތަކެއް އަންނަ މަންޒަރު ފެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ކުރިއެރުން އައިއިރު މީހުން ބިނާ ކުރުމާއި އެހެން ގައުމުތަކޭ އެއްގޮތަށް އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީނު ކުރަން ޖެހެނީ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތަށް. އެ ޕޭސްގައި ކުރިއެރުން ހިފެހެއްޓުމަކީ މުހިއްމު ކަމެއް. މި ރީޖަންގައި ވެސް ސެޓްލައިޓް ބޭސް ނެގިވޭޝަން ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަށް ރާއްޖެ ވާނެ،" އޭނާ ވިދާޅުވި އެވެ.

ހަމީދު ރާއްޖޭގެ ވައިގެ ސަރަހައްދު ކިޔައިދެއްވަނީ -- ފޮޓޯ:ނިޝާން އަލީ/ މިހާރު

ހަމީދު ރާއްޖޭގެ ވައިގެ ސަރަހައްދު ކިޔައިދެއްވަނީ -- ފޮޓޯ:ނިޝާން އަލީ/ މިހާރު

އޭޝިއާ ޕެސިފިކް ގައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާ ފިޔަވައި އެންމެ ފުރަތަމަ އޮޓަމެޓިކް ޑިޕެންޑެންޓް ސާވަޔަލެންސް ބްރޮޑްކާސްޓް (އޭޑީއެސްބީ) ގާއިމްކޮށްފައި ވަނީ ވެސް ރާއްޖޭގަ އެވެ. އޭނާ ވިދާޅުވީ، ޒަމާނީ ހިދުމަތްތަކާ އެކު އެއާޕޯޓުން ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ކުރަން ޖެހޭ ހަރަދު ވެސް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ބައިވަރު އެއާޕޯޓުތައް އެބަ ހަދާ. އެ ހުރިހާ ތަނެއްގައި ގްރައުންޑް ބޭސްޑް ނެވިގޭޝަން ސިސްޓަމް ބެހެއްޓުމަކީ ވަރަށް ބޮޑު ހޭދައެއް. އޭގެ ބަދަލުގައި އެމެރިކާ، ރަޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުން ދޭ ޖީޕީއެސް ހިދުމަތް ބޭނުންކޮށްގެން އެކަން ކުރެވޭނެ. ދުނިޔޭގެ ގިނަ ގައުމުތަކުން އެބަ ގްލޯބަލް ނެވިގޭޝަން ހިދުމަތް ދޭ. މިއީ ހިލޭ ސާބަހަށް ދޭ ހިދުމަތްތައް،" އޭނާ ވިދާޅުވި އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ވެވޭނީ ޝައުގު ހުރެގެން

ހަމީދު ވިދާޅުވީ، މިއީ މުސާރަ އަށް ބަލައިގެން އަދާ ކުރާ ވަޒީފާއަކަށް ވުރެ ބޮޑަށް އެކަމަށް ޝައުގުވެރިކަމާއި "ޑެޑިކޭޝަން" ދީގެން އަދާ ކުރެވޭނެ ވަޒީފާއެއް ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލުގައި މަސައްކަތް ކުރާ މީހުން 24 ގަޑިއިރު ޝިފްޓް ޑިއުޓީގައި ތިބެ، ފަސް ލައްކަ ސްކޮއާ ނޯޓިކަލް މައިލްގެ ވައިގެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ މަތިންދާ ބޯޓަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. އިންޑިއާގެ ޗެންނާއީ އަދި މުމްބާއީ އާއި އޮސްޓްރޭލިއާގެ މެލްބެން އާއި ސްރީލަންކާ އާއި މޮރިޝަސް އާ އިން ވެގެން އޮންނަ ވައިގެ ސަރަަހައްދު ބަލަހައްޓަނީ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓްރޯލުންނެވެ.

އެއާޕޯޓު ޓަަވަރުގެ ބައެއް މުވައްޒަފުން: ޓަވަރުން ރަންވޭއަށް ޖައްސާ ބޯޓުތަކާއި ފުރާ ބޯޓުތައް ކޮންޓްރޯލް ކުރޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާޕޯޓު ޓަަވަރުގެ ބައެއް މުވައްޒަފުން: ޓަވަރުން ރަންވޭއަށް ޖައްސާ ބޯޓުތަކާއި ފުރާ ބޯޓުތައް ކޮންޓްރޯލް ކުރޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގައި ހުރިހާ ގައުމަކުން ވެސް ގެންގުޅެނީ އެއް މިންގަނޑެކެވެ. އެއް ބޯޓު އަނެއް ބޯޓު ދަތުރުކުރާ ދުރުމިން ވަކި ވަރެއްގައި އަބަދުވެސް ބަހައްޓަން ޖެހެ އެވެ. އަދި މި މައުލޫމާތުތައް ރިއަލް ޓައިމްގައި އެއާ ޓްރެފިކް ކޮންޓްރޯލު ކުރުމުގައި އުޅޭ މީހުންނަށް ބަލައިލެވޭނެ އެވެ.

ހަމީދު ވިދާޅުވީ، މިއީ ޝައުގުވެރިކަމާއި މަސައްކަތުގައި ދޭން ޖެހޭ ސަމާލުކަން ނުދޭ ނަމަ ކުރަން ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ. ސަބަބަކީ 24 ގަޑި އިރު އަދާ ކުރަން ޖެހޭ ވަޒީފާއަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ މި ދާއިރާގައި ރާއްޖޭގައި ދެވޭނެ އެންމެ މައްޗަށް އޭނާ އަށް ވެސް ދެވިފައި ވަނީ މި ދާއިރާ އަށް އޮތް ލޯތްބައި ޑެޑިކޭޝަންގެ ސަބަބުން ކަމަށެވެ. މި ވަގުތު ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅޭ ގޮތުން އެއާޕޯޓުތަކުގައި ޕަބްލިޝްކޮށްފައި އޮތް 99 ޕަސެންޓް ޕްރޮސީޖާ ޕްލޭން ތައްޔާރުކޮށްދެއްވީ ވެސް ހަމީދެވެ.

"އަޅުގަނޑުމެން އިންނާނެ 2014 ވަނަ އަހަރު ޑޮމެސްޓިކް ސެކްޓާ އަށް ވަކި ރޫޓެއް ޕަބްލިޝްކޮށްފައި. އެކަން ވެސް ކޮށްފައި ވާނީ އަޅުގަނޑުމެން އެމްއޭސީއެލް އިން ރިޓަޔާ ކުރާ އިރު ވެސް މިކަންކަން ކުރެވިފައި އޮތުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހަމީދަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިހާ ހިސާބަށް ގެނައުމުގައި ކުރެވުނު މަސައްކަތެކެވެ. ކުރިއަށް އޮތްތަނުގައި ވެސް އޭނާ ބޭނުން ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަށް އިތުރު ކުރިއެރުންތައް ގައުމަށެވެ.