Roadha Mihaaru
އޭޓީސީ ތަމްރީނު ކުރުމުގެ ފުރަތަމަ ކޯސް ފަށައިފި

ރާއްޖޭގައި އޭޓީސީ ތަމްރީނު ކުރުމުގެ ފުރަތަމަ ކޯސް ފަށައިފި

30 ޖެނުއަރީ 2022

ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސިމިއުލޭޓާ"ގެ ފުރަތަމަ ކޯހުގެ ކިޔެވުން ފެށިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސިމިއުލޭޓާ"ގެ ފުރަތަމަ ކޯހުގެ ކިޔެވުން ފެށިއްޖެ އެވެ.

އެމްއޭސީއެލް އިން ބުނީ "އޭރޯޑްރަމް ކޮންޓްރޯލް" ކޯހުގައި އަށް ކުުދިން ބައިވެރިވެފައިވާ ކަމަށެވެ. ދެ މަހުގެ މި ކޯސް އައިކާއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ، ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމްކޮށް އެތަން ހުޅުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ރާއްޖޭގައި 17 އެއާޕޯޓެއް އޮތް އިރު އެއާ ޓްރެފިކްގެ ދާއިރާގައި މަސައްކަތް ކުރާ 100 އެއްހާ މުވައްޒަފުން އެބަ ތިއްބެވެ. ކުރިމަގަށް އަމާޒުކޮށް، އާ އެއާޕޯޓުތައް ހުޅުވަމުންދާ ވަރަކަށް އެ ދާއިރާ އިން އިތުރު މީހުން ބޭނުންވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި ވަގުތު ވެސް އެ ކުންފުންޏަށް އެއާ ޓްރެފިކްގެ ދާއިރާ އިން ގާތްގަނޑަކަށް 22 މުވައްޒަފުން އިތުރަށް ބޭނުންވެ އެވެ. މުޅި އަހަރުގެ އެކި ދުވަސް ވަރަށް ބަހާލައިގެން އޭސީޓީ ޓަވާ ސިމިއުލޭޓަރުގެ އެހީގައި ކޯސްތައް ހިންގުމަށް ވަނީ ރޭވިފަ އެވެ.

މި ސިމިއުލޭޓަރު ގާއިމު ކުރަން ފެށީ 2019 ވަނަ އަހަރެވެ. އެ ތަނުގެ މުޅި ސެޓަޕަށް ހަތަރު މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިއީ އިނގިރޭސި ވިލާތުގެ މައިކްރޯނޭވުން އުފައްދާފައިވާ ސިމިއުލޭޓަރެކެވެ. އެއީ މިފަދަ ސިމިއުލޭޓަރު ހެދުމުގައި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ.