Roadha Mihaaru
އެއާޕޯޓް ޓަވަރުގެ މުވައްޒަފުން އިހުތިޖާޖެއްގައި!

އެއާޕޯޓް ޓަވަރުގެ މުވައްޒަފުން ސުލްހަވެރި އިހުތިޖާޖެއްގައި!

31 އޮކްޓޯބަރ 2021

އެއާ ޓްރެފިކް ކޮންޓްރޯލާސް (އޭޓީސީ) ގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް، އެމްއޭސީއެލަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް އެ މީހުން ސުލްހަވެރި އިހުތިޖާޖެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެއާ ޓްރެފިކް ކޮންޓްރޯލާސް (އޭޓީސީ) ގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ބަޔާންކޮށް، އެމްއޭސީއެލަށް ހުށަހެޅި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް އެ މީހުން ސުލްހަވެރި އިހުތިޖާޖެއް ފަށައިފި އެވެ.

އޭޓީސީ ބިލްޑިންގްގައި ކުރިއަށް ގެންދާ މި އިހުތިޖާޖުގައި ބައިވެރިވާ އިސް މުވައްޒަފަކު "މިހާރު" އަށް ވިދާޅުވީ، މި މަހުގެ 17 ގައި ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ ކުރީގެ މައްސަލަތަކެއް ފަހުން ނަގައިގެން އެ ކަންތައް ތަކުރާރު ނުކުރަން ބުނެ ބަޔާންތަކެއްގައި ކުއްލިއަކަށް އެމްއޭސީއެލް އިން ސޮއި ކުރުވަމުންދާ ކަމަށެވެ.

"...މިކަމާ ހެދި އެއާ ޓްރެފިކް ސާވިސަސްގެ މެނޭޖްމަންޓާ ވެސް މިއަދު ބައްދަލުކުރި. ވަކިން ހަމަ ޕެޓިޝަނުގައި ސޮއިކުރި ކޮންޓްރޯލަރުންނަށް ޓާގެޓުކޮށް ފިޔަވަޅު އަޅަނީ،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި އިސް މުވައްޒަފު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އެމްއޭސީއެލް އިން "މިހާރު" އަށް ބުނީ އޭޓީސީގެ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން އެ ޑިޕާޓްމަންޓުގެ ބޭފުޅުންނާ ގުޅިގެން އެ މައްސަލަތައް ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މުހިންމު ބައެއް ކަމަށާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އޭޓީސީން ޕެޓިޝަނެއް ހުށަހެޅީ އެ ތަން ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރުމުން އެކަން ހައްލު ކޮށްދިނުމަށް އެދި އެވެ. މީގެ ތެރޭގައި މުސާރައާ ގުޅުން ހުރި ކަންކަމާއި މަގާމުގެ ކުރިއެރުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި މައްސަލަތައް ހުރި ކަން ވަނީ ފާހަގަކޮށްފަ އެވެ.

ޕެޓިޝަނުގައިވާ ގޮތުން، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށް ވާއިރު، މުސާރަ އާއި އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އަމަލެއް ނުކުރެ އެވެ. މުސާރައިގެ ކުރިއެރުން ލިބޭ އޮނިގަނޑެއް އެކުލަވާލައި 2019 ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ އޮނިގަނޑުގެ މަސައްކަތް ނުކުރާކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޕެޓިޝަނުގައިވާ އިތުރު ކަންކަން:

- އޭޓީސީ ސެކްޓަރުގެ ކެޕޭސިޓީ ބެލިފައި ނުވުމުގެ އިތުރުން އެދެވިގެންވާ ހައްލެއް ލިބިފައި ނެތުން.

- ބަލި ހާލަތު ހުންނަ ގޮތުން ލައިސަންސް ދޫކުރަން ޖެހިއްްޖެ ނަމަ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ކަނޑައަޅާފައި ނެތުން.

- ނިޒާމު ހަމަޖެހިފައިވާ ގޮތުން ސޭފްޓީއާ ގުޅުން ހުރި ޝަކުވާތަކާއި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ކޮންޓްރޯލަރުން ޖެހިލުން ވުން.

- ކޮންޓްރޯލަރުން ރިޓަޔާ ކުރުމުން އިނާޔަތްތައް ލިބޭ އުސޫލެއް ކަނޑައެޅުން.