Roadha Mihaaru
ޖެޓްތައް ގިނަވެ، ޕާކްކުރުން އާ ރަންވޭ އަށް!

ޖެޓްތައް ގިނަވެ، ޕާކްކުރުން އާ ރަންވޭ އަށް!

17 ޖެނުއަރީ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ގިނަވެ، އެ ޖެޓްތައް ޕާކުކުރަން އާ ރަންވޭ ބޭނުންކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ގިނަވެ، އެ ޖެޓްތައް ޕާކުކުރަން އާ ރަންވޭ ބޭނުންކުރަން ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ ރަންވޭގައި ޖެޓުތައް ޕާކު ކުރަނީ، ޖެޓުތައް އަންނަ ވަރު އާދަޔާ ހިލާފަށް ގިނަވެ، ޕާކުކުރާނެ ޖާގަ ނެތިގެން ކަމަށެވެ. އަހަރު ފެށިގެން އައިއިރު ވެސް، އެއާޕޯޓުގެ އާ ރަންވޭގައި ގިނަ އަދަދެއްގެ ޖެޓު ޕާކުކޮށްފައި އޮތެވެ. އޭގެ ސަބަބުން އެމްއޭސީއެލަށް ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.

މިދިޔަ މަހު އެކަނި 300 ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. ވެލާނާ އެއާޕޯޓްގައި ބާއްވާނެ ޖާގަ ނެތިގެން މީގެ ކުރިން ވަރަށް ގިނަ ޖެޓް އެހެން ގައުމުތަކުގެ އެއާޕޯޓްތައް ވެސް ބޭނުންކުރި އެވެ.

ޖެޓުތައް ޕާކު ކުރުމަށް ރަސްމީކޮށް އާ ރަންވޭ ބޭނުން ކުރަން ފެށުމުގެ ކުރިން އެތަން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން އައީ ރާވަމުންނެވެ. އާ ރަންވޭ ހުޅުވާނީ މި އަހަރުގެ ފަހުކޮޅު އެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމުން، މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. ޓެކްސީވޭ އަކީ މަތިންދާ ބޯޓު ޖެއްސުމަށް ފަހު ރަންވޭ އަށް އިން ނިކުމެ ޕާކު ކުރަން ދާ މަގަށް ކިޔާ ނަމެވެ. މި ވަގުތު އެއާޕޯޓުގައި ޓެކްސީވޭއެއްގެ ގޮތުގައި ވެސް ބޭނުން ކުރަނީ ރަންވޭއެކެވެ. އެހެންވެ ބޯޓު ޖެއްސުމަށްފަހު އެތައް ވަގުތެއް ރަންވޭ ކްލިއާ ކުރަން ވެސް ނަގަ އެވެ.

ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މުއްސަނދިން ގިނަވެ އެވެ. ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަރާތްތަކުން އާންމު ގޮތެއްގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. ޔޫރަޕްގެ އިތުރުން އިންޑިއާއިން ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މިހާރު ރާއްޖެ އާދެ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ އަށް 40 ޕްރައިވެޓް ޖެޓް ޖެއްސި އެވެ. އެއީ މި ސީޒަންގައި އެއް ދުވަސްތެރޭގައި އެންމެ ގިނަ ޕްރައިވެޓް ޖެޓް ޖެއްސި ދުވަހެވެ. އާންމުގޮތެއްގައި ރާއްޖެ އަށް އެންމެ ގިނަ ޕްރައިވެޓް ޖެޓު އަންނަނީ ނޮވެމްބަރުން ފެށިގެން ޖެނުއަރީގެ ނިޔަލަށެވެ. އެހެން ނަމަވެސް ކޮވިޑްގެ އާ ވޭރިއެންޓާ ހެދި މި ދުވަސްވަރު އަންނަ ޖެޓުތައް ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.