Roadha Mihaaru
އަލަށް ހަދާ އޭޕްރަން ޖުލައި މަހު ނިމޭނެ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގައި އަލަށް ހަދާ އޭޕްރަން ޖުލައި މަހު ނިމޭނެ: އެމްއޭސީއެލް

09 އެޕްރީލް 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހަދާ އޭޕްރަންގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހަދާ އޭޕްރަންގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހުޅުލޭގެ އިރުމަތީ ފަރާތުގައި ހަދާ އޭޕްރަންގެ ދެ ލޭޔަރެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ހަދާ ކޮންކްރިޓް ލޭޔަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އޭޕްރަންގެ ފިއުލް ހައިޑްރަންޓް އަޅައި ކޮންކްރީޓް ލޭޔަރުގެ މަސައްކަތް އަންނަ ޖުލައި މަހު ނިމޭނެ ކަމަށް ލަފާކުރެވޭ. މިހާރު އެއޮތީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަސައްކަތް ނިމިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ އޭޕްރަންގައި އެންމެ ފަހުން އަޅާފައި ވަނީ ސިމެންތި އާއި ދޮންވެލި އެއްކޮށްގެން އެޅި ލޭޔަރާއި ސިމެންތި މުގުރާފައި ހުރި ހިލަ ބޭނުންކޮށްގެން އެޅި ލޭޔަރެވެ.

އެއާޕޯޓުގައި ހުޅަނގު ދެކުނުން ދަތުރުކުރަން ކުރިން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން، ކުރިއަށް ގެންދާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތަކީ އާ ރަންވޭ ހެދުމަށް ހިންގާ މަޝްރޫއުގެ ބައެކެވެ. އެ މަސައްކަތް ވެސް ކުރިޔަށް ގެންދަނީ އާ ރަންވޭ ހަދާ ޗައިނާގެ ބީޔޫސީޖީންނެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައި ވަނީ އޭޕްރަން ބޮޑު ކުރުމަށް ކުރަމުން އަންނަ 80،000 އަކަމީޓަރު ސަރަހައްދުގެ މަސައްކަތް ނިމުމުން، މިހާރު އޮތް 50،000 އަކަމީޓަރުގެ އޭޕްރަން އަލުން ހެދުމުގެ މަސައްކަތް ވެސް ފެށޭނެ އެވެ. އަދި އެއާކު އެ އެއާޕޯޓުގެ 130،000 އަކަމީޓަރުގެ އޭޕްރަންގައި އެކި ސައިޒުގެ 21 މަތިންދާބޯޓު ޕާކުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭގައި މިހާރު އޮންނަނީ ގާތްގަނޑަކަށް 50،000 އަކަމީޓަރުގެ އޭޕްރަން އެކެވެ.