Roadha Mihaaru
ޗައިނާގެ ހަކީމީ ކޮވިޑް ބޭސް ރަނގަޅު

ޗައިނާގެ ހަކީމީ ކޮވިޑް ބޭސް ރަނގަޅު

18 ޖެނުއަރީ 2022

ކޮވިޑް-19 ބައްޔަށް ފަރުވާ ކުރުމަށް، ފަތްޕިލާވެލި ބޭނުންކޮށްގެން ޗައިނާގައި އުފެއްދި ހަކީމީ ބޭސް ކާމިޔާބު ކަމަށް އެ ބޭހުގެ އަޖުމަބެލުމަށް ފަހު، ޕާކިސްތާނުން ބުނެފި އެވެ.

ކޮވިޑް-19 ބައްޔަށް ފަރުވާ ކުރުމަށް، ފަތްޕިލާވެލި ބޭނުންކޮށްގެން ޗައިނާގައި އުފެއްދި ހަކީމީ ބޭސް ކާމިޔާބު ކަމަށް އެ ބޭހުގެ އަޖުމަބެލުމަށް ފަހު، ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުގެ ސިއްހަތާ ބެހޭ އިދާރާތަކުން އިއްޔެ ބުނީ، ކޮވިޑް ބައްޔާ ދެކޮޅަށް ޗައިނާ އިން އުފެއްދި ހަކީމީ ބޭހުގެ އަޖުމަ ބެލުމަށް، ބައެއް ބަލި މީހުންނަށް ބޭސް ދީގެން ކުރި ތަހުލީލުތަކުން، އެއީ ކާމިޔާބު ބޭހެއްކަން ވަނީ ކަށަވަރު ވެފަ އެވެ. ޗައިނާގެ ޖޫޒިއެޗަންގް ފާމަޝޫޓިކަލް ކޯޕަރޭޝަނުން އުފައްދާފައިވާ އެ ބޭހަކީ، ކޮވިޑް ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގައި ޗައިނާ އިން މިހާރު ވެސް ބޭނުންކުރަމުން އަންނަ ބޭހެކެވެ.

"ކޮވިޑްގެ ތަފާތު ބާވަތުގެ ވައިރަހުން ކޮވިޑް ޖެހިފައިވާ މީހުންނަށް މި ބޭސް ދީގެން މިހާތަނަށް ފެނުނު ނަތީޖާ އަށް ބަލާއިރު، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ވެސް ކާމިޔާބުކަމާއެކު މި ބޭސް މަސައްކަތް ކުރާނެ ކަމުގެ އުންމީދު އެބަ އޮތް،" ޗައިނާގެ ހަކީމީ ބޭހުގެ އަޖުމަ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ، އިންޓަނޭޝަނަލް ސެންޓަ ފޯ ކެމިކަލް އެންޑް ބަޔޮލޮޖިކަލް ސައެންސްގެ ޑިރެކްޓަރު ޕްރޮފެސަރު އިގްބާލް ޗައުދަރީ ވިދާޅުވި އެވެ.

އަޖުމަ ބެލުމުގެ ގޮތުން މި ބޭސް ދީފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގޭގައި ފަރުވާ ހޯދި މީހުންގެ ތެރެއިން، ބަލީގެ އާދައިގެ އަލާމާތްތަކާއި މެދުމިނުގެ އަލާމާތްތައް ފެނުނު 300 މީހަކަށެވެ. އެ ހުރިހާ އެންމެންނަށް ވެސް މި ބޭހުން އެކަށީގެންވާ ރަނގަޅު ފައިދާއެއް ކުރި ކަމަށް އެ މަރުކަޒުން ބުނެ އެވެ. އެހެންކަމުން މި ބޭސް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ނިސްބަތް ހުރީ 82.67 ޕަސެންޓްގައި ކަމަށް އެ މަރުކަޒުން ބުނެ އެވެ.

އަޖުމަބެލުމުގެ ގޮތުން ކުރި ދިރާސާގެ ނަތީޖާ އަށް ބަލައި، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ، ކޮވިޑް ބަލިމީހުންނަށް ފަރުވާ ކުރުމުގައި މި ބޭސް ބޭނުންކުރުމަށް ހުއްދަ ދީފަ އެވެ.

ޕާކިސްތާނު ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އިއްޔެ އެ ގައުމުން ވަނީ 4،340 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސަހަރު ކަމަށްވާ ކަރާޗީގައި އިއްޔެ ވަނީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފަ އެވެ. ކަރާޗީގައި ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މިހާރު ވަނީ 39.39 ޕަސެންޓަށް މަތިވެފަ އެވެ. ޕާކިސްތާނުގެ ނޭޝަނަލް ކޮމާންޑް އޮޕަރޭޝަން ސެންޓަރުން ބުނި ގޮތުގައި، މިދިޔަ ހަތް ދުވަހުގެ ތެރޭގައި އެ ގައުމުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 170 ޕަސެންޓް އިތުރުވެފަ އެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 61 ޕަސެންޓަށް އިތުރުވި އެވެ.